logo

މާލޭގެ ސްކޫލުތައް ހުރީ ވަރަށް ހާލުގައި: ޑރ ޝަފީއު

profile

އަހުމަދު ޒަލީފު - 27 މޭ 2024 - 12:16

އެޑިއުކޭޝަން މިނިސްޓަރ

އެޑިއުކޭޝަން މިނިސްޓަރ

ދިރާސީ އާ އަހަރު ފެށިގެން ދިޔައިރު، މާލޭގެ ސްކޫލުތަައް ހުރީ ވަރަށް ހާލުގައި ކަމަށް ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝަފީއު ވިދާޅުވީ ދިރާސީ އާ އަހަރު ފެށިގެން ކުރިއަށް ދާއިރު މާލޭގެ ސްކޫލުތައް ހުރީ ވަރަށް ހާލުގައި ކަމަށާއި އެކަށީގެންވާ ވަރަށް މަރާމަތް ނުކުރާ ކަމަށެވެ.

"މާލޭގެ ސްކޫލްތައް ވަރަށް ހާލުގައި ހުރީ އަޅުގަނޑު ހަމަ މަޖީދިއްޔާ ސްކޫލަށް ވަނިން، އަޅުގަނޑު ވަރަށް ދެރަވި މުޅިތަން އެހުރީ ހަގީގަތުގައި ބުނާނަމަ ހަމަ އެއްކޮށް ހަލާކުވެ ނިމިފަ، މަރާމާތެއް އެކަށީގެންވާ ގޮތެއްގައި ކޮށްފައެއްނެތް." ޝަފީއު ވިދާޅުވިއެވެ.

ޝަފީއު ވިދާޅުވީ މާލޭގެ ހުރިހާ ސްކޫލުތަކުގެ ތެރެއިން އެންމެ ބޮޑަށް އިހުމާލުވެފައި ވަނީ މަޖީދިއްޔާ ސްކޫލަށް ކަމަށެވެ. މަޖީދިއްޔާ ސްކޫލަކީ ރާއްޖޭގައި ތައުލީމީ ވަރަށް މުހިންމު އެހާމެ ތާރީހީ ބިނާއަކަށް ވާއިރު އެކަށީގެންވާ ވަރަށް މަރާމާތް ނުކޮށް ހުރިކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި މި ވޭތުވެ ދިޔަ 4 އަހަރު ތެރޭގައި ސްކޫލު ތަކަކީ އެންމެ ގިނައިން ބޭނުން ކުރެވޭ ތަންތަނަށްވާއިރު، އެތަންތަނަށް ވަރަށް ބޮޑަށް އިހުމާލު ވެފައިވާ ކަމަށާއި ގެންނަން ޖެހޭ ބަދަލު ތަކާއި ތަރައްގީ ގެނެވިފައި ނުވާކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން އަތޮޅުތެރޭ ސްކޫލްތައް ހުރި ހާލަތަށް އޭނާ އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ފުރާޅުން ވާރޭ ވެހި، ސްކޫލުގައި ކުލަ ނުލައި، ފާޚާނާތައްވެސް އެކަށީގެންވާ ގޮތެއްގައި ބަދަލުކުރެވިފައިނުވާ ކަމަށް ޝަފީއު ވިދާޅުވިއެވެ. ހަމައެއާއެކު ފަންކާތައް ބަދަލުކޮށްފައި ނުވާ ކަމަށާއި ސީލިންގތައް ވެއްޓިފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

ވަޒިރު ވިދާޅުވި ގޮތުގައި މިއީ ވަރަށް ހިތާމަ ހުރި ކަމެކެވެ. މި ކަމަކީ އެތަށް ސަތޭކަ މިލިއަނުން ގެއްލުންވާ ކަމެއް ކަމަށާއި، އިންފްރާ ސްޓްރަކްޗާއެއް މެއިންޓެއިން ނުކުރެވޭ ކަމަށްވާ ނަމަ ރައްޔިތުންްގެ ފައިސާއިން އަޅާފައިވާ އިމާރާތް ހަލާކު ވުމުން އެތަންތަން އާބާތުރަ ފިލުވުމަށް އަނެއްކާވެސް އެތައް ހޭދައެއް ކުރަން ޖެހޭ ކަމަށް ޝަފީއު ވަނީ ވިދާޅުވެފައެވެ.

tel:+9607331319