logo

ކޮންގްރެސް ޕާޓީގެ މަތީ ފެންވަރުގެ ވަފުދެއް ޗައިނާއަށް

profile

އައިޝަތު އިނާޝާ - 17 ސެޕްޓެމްބަރު 2024 - 22:15

 ފޮޓޯ: ޕީއެންސީ

ފޮޓޯ: ޕީއެންސީ

ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ (ސީޕީސީ) ގެ ދަޢުވަތަކަށް ޕީޕަލްސް ނޭޝަނަލް ކޮންގުރެސް ޕާޓީގެ މަތީ ފަންތީގެ ވަފުދެއް ޗައިނާއަށް ފުރައިފިއެވެ.

މިއީ ސީޕީސީގެ އިންޓަނޭޝަނަލް ޑިޕާޓުމެންޓުގެ ދަޢުވަތަކަށް ކުރާ ދަތުރެކެވެ.

ޕީއެންސީން ބުނީ މި ދަތުރުގައި އެންމެ އިސްކޮށް ހުންނަވާނީ ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން ކަމަށެވެ.

އެ ޕާޓީން ބުނިގޮތުގައި މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުން ޗައިނާގެ 5 ސިޓީއަކަށް ޒިޔާރަތް ކުރައްވާނެ ކަމަށެވެ. . އެ ސިޓީތަކުގައި ހިންގާ އެކި ސިނާއަތްތައް ކުރިއެރި ގޮތުގެ ތަޖުރިބާތައް ބެއްލެވުމަށް އެކި ތަންތަނަށް ޒިޔާރަތްކުރައްވަންވަނީ ހަމަޖެހިފައެވެ.

އޭގެ އިތުރަށް މި ދަތުރުގައި ކޮންގްރެސްގެ ވަފުދުން ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާގެ އިންޓަނޭޝަނަލް ޑިޕާޓުމެންޓުގެ މިނިސްޓަރ ލިއު ޖިންޗާއޯއާ ބައްދަލުކުރައްވާނެ ކަމަށާއި އަދި އެ ޑިޕާޓުމެންޓުގެ ޑެޕިއުޓީ މިނިސްޓަރު ދެއްވާ ހާއްސަ ފަރީއްކޮޅެއްގައި ބައިވެރިވާނެ ކަމަށް ވެސް ޕީއެންސީން ވަނީ ބުނެފައެވެ.

ޕީއެންސީގެ މަތީ ފަންތީގެ މި ވަފުދު ޗައިނާގެ އެކި ސިޓީތަކަށް ކުރާ ޒިޔާރަތުގައި އެ ސިޓީތަކުގެ ސީޕީސީގެ އިސްވެރިންނާ ބައްދަލުކުރައްވައި ދެ ޕާޓީގެ މެދުގައި ތަޖުރިބާ ހިއްސާކުރެއްވުންވެސް އޮންނާނެއެވެ.

މި ދަތުރުގެ މަޤުޞަދަކީ ފަހުގެ ތާރީޚެއްގައި ދުނިޔެ ދުށް އެންމެ ހަލުއި އިޤުތިޞާދީ ކުރިއެރުން ޗައިނާއިން ހާސިލުކުރި ގޮތުގެ ތަޖުރިބާއިން ދަސްކުރެވެން ހުރި ކަންކަން ދަސްކޮށް ދެ ޕާޓީގެ މެދުގައި އޮތް ގުޅުން ބަދަހިކޮށް ތަޖުރިބާތައް ހިއްސާކުރުން ކަމަށް ޕީއެންސީން ބުނެއެވެެ.

ޕީއެންސީގެ މަތީ ފަންތީގެ މި ވަފުދު ޗައިނާގައި ހޭދަކުރާނީ މި ސެޕްޓެންބަރު 18 ވަނަ ދުވަހުން ފެށިގެން 26 ސެޕްޓެންބަރުގެ ނިޔަލަށެވެ.

tel:+9607331319