logo

ވިޔަފާރިވެރިން ބަސްނޭހުމުން، ދުވާރުތައް ހުސްކުރަން އެޗްޑީސީން ނުކުމެއްޖެ

profile

ޒިދާން މުޙައްމަދު - 12 އޯގަސްޓު 2024 - 17:21

ހުޅުމާލެ މަތިން ނަގާފައިވާ ފޮޓޯއެއް -- ފައިލް ފޮޓޯ: އެޗްޑީސީ

ހުޅުމާލެ މަތިން ނަގާފައިވާ ފޮޓޯއެއް -- ފައިލް ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގައި ދުވާރުމަތީ ބަހައްޓާފައި ހުރި ތަކެތި ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން ބުނީ ހުޅުމާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ދުވާރުމަތީގައި ބަހައްޓާފައިވާ ގޮނޑި އާއި މޭޒު ނެގުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ރަސްމީކޮށް ފަށާފައިވާ ކަމަށެވެ.

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގެ ދުވާރުމަތީގައި އަދި ހެޖު ތެރޭގައި ކެފޭ، ރެސްޓޯރެންޓް އަދި ޓޭކް-އަވޭ ޕޮއިންޓުތަކުން ގޮނޑި މޭޒު ބަހައްޓައިގެން ޚިދުމަތްދެމުން ގެންދާތީ އެ ގޮނޑިތަކާއި މޭޒުތައް، އިއްޔެގެ ނިޔަލަށް ނެގުމަށް އެޗްޑީސީން މިމަހުގެ އެއް ވަނަ ދުވަހު ވަނީ އަންގާފައެވެ.

އެޗްޑީސީން އެންގުމުން ވެސް އެތަކެތި ބަހައްޓާފައިވާ ބައެއް ފަރާތްތަކުން އެތަކެތި ނަގާފައެއް ނުވެއެވެ. އެތައް ފަހަރެއްގެ މަތިން އެޗްޑީސީން އެންގުމުންވެސް ހުޅުމާލޭގެ ބައެއް މަގުތަކުގެ ދުވާރުމަތި އަދިވެސް އޮތީ ގޮނޑި މޭޒުތަކުން ފުރާލާފައެވެ.

ތިން ފަހަރެއްގެ މަތިން އެޗްޑީސީން ވަނީ އެތަންތަން ހުސްކުރުމަށް އަންގާފައެވެ. އެގޮތުން މިދިޔަ ނޮވެމްބަރު 15 އާއި މިދިޔަ ޖުލައި 23 އަދި އޮގަސްޓް އެއް ވަނަ ދުވަހު ވެސް އެ ތަކެތި ނަގަން އެންގިއެވެ.

ދުވާރުމައްޗާއި ހެޖް ތެރޭގައި ގޮނޑިއާއި މޭޒު ބަހައްޓައިގެން ވިޔަފާރި އުސޫލުން ބޭނުން ކުރުމަކީ މަނާ ކަމެކެވެ.

މިގޮތަށް ދުވާރުމަތީގައި ގޮނޑި މޭޒު ފަދަ ތަކެތި ބަހައްޓާފައި ހުންނާތީ އާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ދަތިވާ ގޮތަށް ދުވާރު ބޭނުން ކުރުމާއި، ސްކޫލް ހިމެނޭ ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން އާންމުންނާއި ކުޑަކުދިންނަށް ދުންފަތުގެ ދުމުގެ ނޭދެވޭ އަސަރު ކުރުމާއި، އަދަބާ ހިލާފު އިބާރާތްތަކުން މުއާމަލާތް ކުރާ ކަމުގެ ޝަކުވާ ބެލެނިވެރިންގެ ފަރާތުންނާއި ސްކޫލްތަކުން ވެސް އެ ކޯޕަރޭޝަނަށް ހުށަހަޅާފައިވާ ކަމަށް މީގެކުރިން އެޗްޑީސީން ވަނީ ބުނެފައެވެ.

tel:+9607331319