logo

ހުޅުމާލޭ ގޮނޑޮދޮށުން މިފެންނަނީ ކޮންތާކުން އައި ކަކުނި ލަޝްކަރެއް؟

profile

ޒިދާން މުޙައްމަދު - 17 ސެޕްޓެމްބަރު 2024 - 21:24

މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެއް ވާހަކައަކީ ހުޅުމާލޭ ގޮނޑޮދޮށުން އާންމުކޮށް ނުފެންނަ ޒާތުގެ ރަތް ކަކުނިތަކެއް ފެންނަ ވާހަކައެވެ. ކުދިކުދި ރަތްކުލައިގެ ކަކުނި ބައިގަނޑު ފެންނަނީ ބޮޑު ލަޝްކަރެއްގެ ގޮތުގައެވެ. ފޮޓޯތަކާއި ވީޑިއޯތަކުން މިމަންޒަރު ހިއްސާކޮށް އާންމުން އަންނަނީ އެކި ސުވާލުތައް އުފައްދަމުންނެވެ. ކުއްލިއަކަށް ފެންނަން މިފެށީ ކޮން ކަކުނި ބައިގަނޑެއް ހެއްޔެވެ؟ މިއީ ކަކުނީގެ ކޮން ވައްތަރެއް ހެއްޔެވެ؟ އެތަނުން އެހާ ގިނަ ރަތް ކަކުނި ފެންނަން މެދުވެރިވީ ކީއްވެ ހެއްޔެވެ؟ މިއީ ހައްތާހާވެސް ސުވާލެވެ.

އިސްވެ މިބުނި ކަކުނިތައް ފެންނަނީ ހުޅުމާލޭ ދެ ފިޔަވަހި ގުޅުވައިދޭ ބްރިޖްތައް ހިމެނޭ ސަރައްހަދުން ދޮންވެލި ގޮނޑުދޮށުންނެވެ. މިކަކުނިތަކުގެ "އަސްލަށް" ޖެހިލަމާ ހިނގާށެވެ. އޭގެ ކުރިންވެސް އޮތީ އިތުރު ސުވާލެކެވެ. ދިވެހިރާއްޖޭގައި ގޮނޑުދޮށާއި ރަށުތެރޭގައި އުޅެނީ ކިތައް ވައްތަރުގެ ކަކުނިތޯއެވެ. ކަކުނީގެ ވާހަކަދައްކާއިރު ޔަގީނުންވެސް މިއީ އުފެދިދާނެ ސުވާލެކެވެ.

މީގެ އަހަރެއްހާ ދުވަސްކުރިން މި ސުވާލުގެ ޖަވާބު ދެއްވީ، ރާއްޖޭގައި އުޅޭ ދިރޭތަކެތި ދިރާސާކުރައްވާ ފަރާތެއްކަމަށްވާ، މަލްޓިމީޑިއާގެ ދާއިރާގައި ހަރަކާތްތެރި، ތިމާވެށީގެ ފޮޓޯގްރަފަރ ހުސައިން ނިޔާޒްއެވެ. ނިޔާޒް ވިދާޅުވާ ގޮތުގައި، މިފަދަ ގިނަ ކަންކަމުގެ މައުލޫމާތު ރާއްޖޭގައި ފެންނާކަށް ނުހުރެއެވެ. ތިމާވެށީގެ ދާއިރާއިން އެކިއެކި ފޮޓޯގްރަފީ މުބާރާތްތަކުން ރަންވަނަތައްވެސް ހޯދާފައިވާ ނިޔާޒް ވިދާޅުވާ ގޮތުގައި، އޭނާ ހޯދިހޯދުމުން ރާއްޖޭގެ މާހައުލުތަކުން 8 ވައްތަރެއްގެ ކަކުނި ފެނިފައިވެއެވެ. ނިޔާޒްވަނީ އޭނާއަށް ފެނުނު ބައެއް ކަނުނީގެ ފޮޓޯތައްވެސް ހިއްސާކޮށްފައެވެ.

ފޮޓޯތަކުން ފެންނަ އެއް ބާވަތެއްގެ ކަކުންޏަކީ ފިޑްލާ ކްރެބްއެވެ. މިއީ ކުޅިތަކާއި ޗަސްބިންތައް ކައިރީގައި އުޅޭ ކަކުނީގެ ވައްތަރެކެވެ. ފިޑްލާ ކްރެބް ހިމެނޭ ގޮތުން، 6 ވައްތަރެއްގެ ކަކުނީގެ ފޮޓޯ ނިޔާޒް ނަގާފައިވަނީ ކ. ހުރާ ކުޅި ކައިރިންނެވެ.

ނިޔާޒް ވިދާޅުވި ގޮތުގައި، ދެން ފެނުނު ކަކުނި އާއިލާގެ ވައްތަރުތަކަކީ ފިޑްލާ ކްރެބްއަށްވުރެ ސައިޒުގެ ގޮތުން ބޮޑެތި ވައްތަރުތެކެވެ. މިހާރު ހުޅުމާލޭން ފެންނަ ރަތްކުލައިގެ ކަކުންޏަކީ ފިޑްލާ ކްރެބް އާއިލާގެ ކަކުނި ކަމަށް ބުރަވެވެއެވެ. ފިޑްލާ ކްރެބް މީގެ ކުރިންވެސް ހުޅުމާލެއިން ފެނުނެވެ. ހުޅުމާލޭ ދެ ފިޔަވަހި ގުޅުވައިދޭ ބްރިޖްތައް ނާޅާއިރު، އެ ސަރަހައްދުގައި ވަރަށް ގިނަ އަދަދަކަށް މީގެ ކަކުނި އުޅުނު ކަމަށް ވެެއެވެ.

ރާއްޖޭން ފެންނަ ކަކުނީގެ ވައްތަރެއް --- ފޮޓޯ: ހުސައިން ނިޔާޒް


ދެން އުފެދޭ ސުވާލަކީ މިކަކުނިތައް ހުޅުމާލެއަށް އައީ ކިހިނެތް ހެއްޔެވެ؟ މިސުވާލުގެ ޖަވާބުވެސް ނިޔާޒްވަނީ ދެއްވާފައެވެ. މިބާވަތުގެ ކަކުނީގެ ބިސް އޮޔާ އެކު ދަތުރުކޮށް ބައެއް މާހައުލުތަކުގައި ހަރުލައެވެ. އެ އާލާވާފަދަ ވެށްޓަކަށް އުފަން ވެއްޖެނަމަ އެތަނެއްގައި އާލާވުމުގެ ފުރުސަތު ބޮޑެވެ.

ހުޅުމާލެ އިން މިވައްތަރުގެ ކަކުނު އޭރު ފެންނަމުންދިޔަ ސަރަހައްދުގެ ފަސްގަނޑު އޭރު އޮތީ ކުޅިއެއްގެ ކައިރި ފަސްގަނޑު ގޮތަށެވެ. ހުޅުމާލެއާ އެއް ލައިނެއްގައި ހުރާ އޮންނައިރު މިއައީ ހުރާ ކުޅިން ކަމަށް ބުނެވިދާނެއެވެ. މިހެން ބުނަން ބާރުލިބޭ އެއްކަމަކީ އެ ދުވަސްވަރު ހުޅުމާލޭގެ އެ ސަރަހައްދުން ހުރާ ކުޅިން ފެންނަ ކަނޑޫ، ބޮޑުކަނޑު، ރަނޑޫ އަދި އެސަރަހައްދުން ފެންނަ އެހެނިހެން ގަސްތަކުގެ ފަތްތައްވެސް ފެނުމެވެ.

ބްރިޖްތައް އަޅާ ތޮށި ޖެހުމާއެކު އެ ސަރަހައްދުން ކަކުނީގެ ނަސްލު އެއްކޮށް ގެއްލުނީ ކަމަށް އޮތީ ބެލެވިފައެވެ. ނަމަވެސް، އަނެއްކާވެސް އެ ސަރަހައްދުން މިވަނީ މަދުން ފެންނަ މި ބާވަތުގެ ކަކުނި ފެންނަން ފަށާފައެވެ.

މިކަކުނީގެ އެންމެ ތަފާތު ސިފަތަކީ އާދަޔާ ހިލާފު ދިގު ދެލޮލާއި ރީތި ކުލަތަކެވެ. ފެންގަނޑުތެރޭ ނުވަތަ ފަސްގަނޑުތެރޭގައި ވަޅު ޖެހިފައި ގަޔަށް ފަސް އަޅައިގެން އިންނައިރުވެސް ދެލޯ އިންނާނީ މަތީގައެވެ.


tel:+9607331319