logo

ފޭކު އައިޑީ ހެދުމުގެ ރެކޯޑް ތިނަދޫގައި އޮތީ ކާކު އަތުގަތަ؟

profile

ޒިދާން މުޙައްމަދު - 13 ސެޕްޓެމްބަރު 2024 - 13:22

މޯލްޑިވްސް މީޑިއާ ކައުންސިލަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެން، ބުރާސްފަތި ދުވަހުގެ މެންދުރުފަހު "އަސްލު" ނޫހުގެ ވެރިން ވަނީ އެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. ޝަކުވާއަކީ އަސްލު އޮންލައިންގައި 18 އަދި 23 ޖުލައި 2023 ލިޔުނު ޚަބަރުތަކެއްގެ މައްސަލައެވެ.

އަސްލު ނޫހުގެ ވެރިޔާ އަބްދުالله އަހުމަދާއި ނިއުސް ހެޑް ހުސައިން އަޙުމަދު މީޑިއާ ކައުންސިލަށް ހާޒިރުކުރީ "ގދ. ތިނަދުއަށް ގެނައި ދެ ސިހުރުވެރިން ހޯދަނީ!" މިސުރުޚީގައި ޝާއިއުކުރި ޚަބަރަކާއި "ސިހުރުވެރިންކަމަށް ބުނާ ދެ މީހުންގެ ޓިކެޓް ނަގައިދިނީ ކާކުތަ؟" މިސުރުޚީގައި އަސްލު ނޫހުން ރިޕޯޓުކުރި ޚަބަރަކާއި ގުޅިގެންނެވެ.

މިމައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅުއްވާފައިވަނީ، ނޫސްވެރިންގެ ޝަކުވާ ހިފައިގެން ރަށުތެރޭ އުޅުއްވާ ކަމަށް މަޝްހޫރު ބޭފުޅެކެވެ. މީޑިއާ ކައުންސިލަށް މީޑިއާތައް ގޮވައިގެން ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރެކެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް އިންނަވާ އިއްޒަތްތެރި މެމްބަރެކެވެ.

އަސްލުން ރިޕޯޓުކުރި ޚަބަރުތަކުގެ ޚުލާސާއެކެވެ. ގދ. ތިނަދޫގައި 2023 ވަނަ އަހަރުގެ ޖުލައި 14 ވަނަ ދުވަހު، ސަހަރާތެރެގައި ސިހުރު ހަދާ މައްސަލައެއް ފެންމަތިވެފައިވަނިކޮށް ތިނަދޫއަށް ގެނައި އިންޑިއާއަށް ނިސްބަތްވާ ސިހުރު ހަދާ މީހުން ކަމަން ބުނާ ދެމީހަކު ހޯދަން މޯލްޑިވްސް އިމިގްރޭޝަން އިން އިއުލާނުކުރިއެވެ. މި ދެ މީހުންގެ ޓިކެޓް ނަގައިދިނީ ކާކުތޯ ބެލުމަށް ގިނަ ބަޔަކު ސުވާލު އުފައްދަމުންދިޔައެވެ. އެ ދެ ބިދޭސީން ދަތުރުކުރަން މާލެއިން ކާޑެއްދޫއަށް އަދި ކާޑެއްދޫން މޭލެއަށް ނަގާފައިވާ އެއާރ ޓީކެޓްތައްވެސް ސޯޝަލް މީޑިޔާގައި އާއްމުވެފައިވާއިރު، މި ދެ މީހުންގެ ދަތުރާއި އެހެނިހެން އިންތިޒާމުތައް ހަމަޖައްސައިދީފައިވަނީ، އެއްކަލަ މީޑިއާތައް ގޮވައިގެން މީޑިއާ ކައުންސިލަށް ވަޑައިގަންނަވާ އިއްޒަތްތެރި މެމްބަރެވެ. ޓިކެޓްތަކުގެ ބުކިންގ ވެސް ހަދާފައިވަނީ އޭނާގެ ނަމްބަރު ބޭނުކޮށްގެންނެވެ.

މިޚަބަރާ ގުޅިގެން، ހުށަހެޅި ޝަކުވާގައި، ޚަބަރުގައި ހިމަނާފައިވާ ޓިކެޓިން މައުލޫމާތު ހިމެނޭ ސްކްރީންޝޮޓްތަކަކީ "އަސްލު" ގެ ވެރިޔާގެ މަސްލަހަތު އޮތް ފޭކް އެކައުންޓަކުން ކޮށްފައިވާ ޕޯސްޓުތަކެއްގައި ހިމަނާފައިވާ ސްކްރީންޝޮޓްތަކެއް ކަމަށް ތުހުމަތުކޮށްފައިވެއެވެ. އަސްލުގެ ވެރިޔާ އަބްދުﷲގެ ބޮލުގައި މިވަރުގެ އިލްޒާމެއް އެޅުއްވިއިރު، މިޝަކުވާ ހުށަހެޅުއްވި އިއްޒަތްތެރި މެމްބަރަކީ ފޭކް އައިޑީ ހެދުމުގެ ރެކޯޑް އޮތް ބޭފުޅެކެވެ. އަމިއްލަ ފޯން ނަމްބަރު ބޭނުންކޮށްގެން ފޭކް ފޭސްބުކް އެކައުންޓްތަކެއް ހެދިކަން ލަދުވެތިގޮތަކަށް ފަޅާއެރީ ހަމަ މީޑިއާތައް އެމްއެމްސީއަށް ދަމާ އިއްޒަތްތެރި މެމްބަރެވެ.

ފޭކު އައިޑީ ހެދުމުގެ ތިނަދޫ ރެކޯޑް އޮތީ ކާކު އަތުގައިކަން މިވަރުން ފަހުމުވާނެ ކަމަށް ދެކެމެވެ.


tel:+9607331319