
ކާވާ ބީޗް ޓުއަރ ގައި ރާއްޖެ ތަމްސީލުކުރާ ދެ ޕެއަރ
ޖާވާ ބީޗް ޓުއަރ ގައި ރާއްޖެ ތަމްސީލުކުރާ ދެ ޕެއަރވެސް ފުރަތަމަ ކުޅުނު މެޗުން މޮޅުވެއްޖެ އެވެ.

ޔޫޝައު ހަސަން - 28 ޑިސެމްބަރު 2022 - 08:35
ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންގެ ބީޗް ވޮލީބޯލް ޓުއާގައި ރާއްޖޭގެ ދެ ޕެއާ ވެސް ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެ އެވެ.
ފުރަތަމަ މެޗުގައި މިއަދު ހެނދުނު ރާއްޖޭގެ ޝަމާއިލް ހުސެއިން އާއި އަހުމަދު މުހައްމަދު (ކޯކޭ)ގެ ޕެއާ ނިކުތީ ބަންގްލަދޭޝްގެ ނޫރު ނަބީ އާއި ޝައިފުއްދީންގެ ޕެއާ އާއި ދެކޮޅަށެވެ. މެޗުން ރާއްޖޭގެ ޕެއަރ މޮޅުވެފައި ވަނީ 21-09، 21-12 އިންނެވެ.
ރާއްޖޭގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ ވަނީ ކިރްގިސްތާންގެ މެޑެޓްބެކް އޫލޫ އާއި ޒީންބެކް އޫލޫ އަތުން 21-12، 21-12 އިން މޮޅުވެފަ އެވެ.
ޕެއަރތައް ދެ ގުރޫޕަކަށް ބަހާލެވިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރާނީ އެންމެ ގިނަ މެޗުން މޮޅުވާ ދެ ޕެއަރ އެކެވެ.
ރާއްޖޭގެ ދެ ޕެއާ އަށް ވެސް މިއަދު އަދި އެއް މެޗު އެބައޮތެވެ. އެ ގޮތުން މެންދުރު ފަހު ރާއްޖޭގެ ކޯކޭ އާއި ޝަމާއިލްގެ ޕެއާ ބައްދަލުކުރާނީ ނޭޕާލްގެ ސުނަރު އާއި ޝްރެސްތާގެ ޕެއާއާ އެވެ. އަދި ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ ބައްދަލުކުރާނީ ބޫޓާންގެ ޑޯޖީ އާއި ޖިގްމޭގެ ޕެއާއާ އެވެ. މި މެޗުތަކުން މޮޅުވެއްޖެނަމަ ބާކީ މެޗެއް އޮއްވައި ސެމީ ޔަގީންވީ އެވެ.
ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި، މާދަމާ ޝަމާއިލް އާއި ކޯކޭގެ ޕެއާ ކުޅޭނީ ބަންގްލަދޭޝްގެ ބިސްވާސް އާއި ޕަވެލްގެ ޕެއާއާ އެވެ. އަދި އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ ބައްދަލުކުރާނީ ބަންގްލަދޭޝްގެ މޮންސޫރާއި ހައިދަރުގެ ޕެއާއާއެވެ.