logo

ހިރިމަރަދޫގެ ރައްޔިތުންނަށް ބިން ދޫކުރާތީ ހަނިމާދޫ ކައުންސިލުން ޕޮލިހަށް

profile

ޝަހްޒާ މުޙައްމަދު - 18 މާރިޗު 2026 - 07:02

ހދ. ހަނިމާދުއަށް ބަދަލުކުރަން ނިންމި، އެ އަތޮޅު ހިރިމަރަދޫ މީހުންނަށް އެ ރަށު ކައުންސިލްގެ ހުއްދަ ނެތި ބިން ދޭން އުޅޭ ކަމަށް ބުނެ އެކަން ހުއްޓުވުމަށް ހަނިމާދޫ ކައުންސިލްގެ ފަރާތުން އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.

https://wamco.com.mv/

ފުލުހުން ބުނީ ހަނިމާދޫ ބިން ދޫކުރުމާ ގުޅޭ ގޮތުން ރަށު ކައުންސިލްގެ ކަންބޮޑުވުންތައް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމުން އެނގުނީ މިއީ އެ މަސައްކަތުގެ މަސްއޫލިއްޔަތު އޮތް ދައުލަތުގެ ދެ މުއައްސަސާއެއްގެ މެދުގައި ހިނގާފައިވާ އިދާރީ މުއާމަލާތްތަކަކާ ގުޅުންހުރި ކަމެއް ގޮތުގައެވެ.

މިހާތަނަށް ބެލި ބެލުމުން މިކަމުގައި ޖިނާއީ ކުށެއް އެކުލެވިގެންވާކަން ފާހަގަކުރެވިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. އެހެންކަމުން މި މައްސަލައިގައި ހިމެނޭ ފަރާތްތަކުން މަދަނީ ގޮތުން ގާނޫނީ ހައްލެއް ހޯދުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ.

ހަނިމާދޫ ކައުންސިލްގެ މެމްބަރަކު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހިރިމަރަދޫ ރައްޔިތުންނަށް ގޯތި ދިނުމަށް ބިން ދޫކުރުމުގެ މަސައްކަތް ކުރަނީ ކައުންސިލްގެ ހުއްދަ ނެތި ކަމަށެވެ. އަދި ރައްޔިތުންގެ ރުއްގަހާއި ބަންޑާރަ ރުއްގަހުގެ ބަދަލު ނުދީ، އެކަން ކުރުމަށް ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ވެސް ފުރިހަމަ ނުކުރާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި ސަބަބުތަކާ ހުރެ އެ މަސައްކަތް މިހާރު ހުއްޓާލަން އަންގާފައިވާ ކަމަށް ވިދާޅުވިއެވެ. މި މައްސަލައިގައި ހަނިމާދޫގެ ބަޔަކު ވަނީ މުޒާހަރާ ވެސް ކޮށްފައެވެ.

ހިރިމަރަދޫން ހަނިމާދޫއަށް ހިޖުރަ ކުރާ ރައްޔިތުންނަށް ހާއްސަކުރެވިފައިވާ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގުމަށް ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއެކު ސޮއިކޮށްފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 24 ވަނަ ދުވަހުއެވެ. އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، 18 މަސް ދުވަހުގެ ތެރޭގައި މަޝްރޫއުގެ މަސައްކަތް ނިންމައި ތަޅުދަނޑި ހަވާލު ކުރާނެ ކަމަށާއި، ހިރިމަރަދޫގައި ހުރި ކޮންމެ ގޯއްޗަކަށް ހަނިމާދޫން ގެއެއް ލިބޭނެ ކަމަށެވެ.

ހދ. އަތޮޅުގައި މީހުން އުޅޭ 13 ރަށުގެ ތެރެއިން އާބާދީ އެންމެ ކުޑަ ރަށަކީ ހިރިމަރަދޫއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk