
ރައީސް ނަޝީދު އެމަނިކުފާނުގެ ސަޕޯޓަރުންނާއެކު ބައްދަލުކުރައްވަނީ
ތަފާތު ބޮޑުކޮށް ރައީސް ނަޝީދު އިންތިޙާބު ކާމިޔާބުކޮށްފި!

ރިޟްވާން މޫސާ - 12 ޖޫން 2026 - 18:43
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިޙާބުގައި ތަފާތު ބޮޑުކޮށް އެ މަގާމަށް ވާދަކުރެއްވެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފި އެވެ.
އެމްޑީޕީގެ 7 ވަނަ ޗެއަރޕާސަން ހޮވުމަށް ބޭއްވި މި އިންތިޚާބުގައި ވާދަކުރައްވާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް އެެވެ.
އެމްޑީޕީގެ އެތެރޭގެ މި އިންތިޙާބުގެ ވޯޓުލުން މިއަދު ފަށާފައި ވަނީ މެންދުރު ފަހު 14:30 ގަ އެވެ. އަދި ވޯޓުލުން ނިންމާލާފައި ވަނީ މިރޭ 21:00 ގަ އެވެ.
ރައީސް ނަޝީދަށް ލިބިވަޑައިގަތް ކާމިޔާބާ އެކު އެމަނިކުފާނު އެންމެ ފުރަތަމަ ވެސް ވަނީ ވާދަ ކުރެއްވެވި މީކާއީލް އަހުމަދު ނަސީމއި އެމަނިކުފާނުގެ ޓީމުން ކުރި މަސައްކަތް ފާހަގަކޮށްފަ އެވެ. އަދި އިތުރު ހިތްވަރު ދެއްވާފަ އެވެ.
މީކާއީލް ގެ ޓީމުން ވެސް ވަނީ ރައީސް ނަޝީދަށް ހޫނު މަރުހަބާއެއް ކިއުއްވުމަށްފަހުގައި ރައީސް ނަޝީދާއެކުގައި މަސައްކަތް ކުރެއްވުމަށް ދެމިހުންނަވާނެ ކަން ހާމަ ކުރައްވާފަ އެވެ.
މިއީ އެމްޑީޕީގެ 7 ވަނަ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިހާބެވެ. ކުރިން ޗެއަރޕާސަން ކަމުގައި ހުންނެވި ފައްޔާޒް އިސްމާއިލް މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން މިވަގުތު ވަގުތީ ޗެއަރޕާސަންގެ މަގާމު އަދާކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސަ އެވެ.





.gif&w=3840&q=75)