
ގޮނޑިގެއްލޭ އިސްލާހު ސުޕްރީމް ކޯޓުން ނެގެހެއްޓުމުން ޕީއެންސީ އިން މަރުހަބާ ކިޔައިފި

މުޙައްމަދު ފަޟްލޫން - 30 އޭޕްރީލު 2026 - 05:19
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އިންތިހާބުވި ޕާޓީން ވަކިވުމުން ނުވަތަ ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ދެމެހެއްޓުމަށް ސުޕްރީމް ކޯޓުން ކުރި ޙުކުމަށް، ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީން ރޭ މަރުޙަބާ ކިޔައިފިއެވެ.
ސުޕްރީމް ކޯޓުގެ ނިންމެވުމުގައި ފާހަގަކުރައްވާފައިވާ މުހިންމު ނުކުތާތަކަށް އަލިއަޅުވާލަމުން ޕީއެންސީން ބުނީ، އެންޓި ޑިފެކްޝަން ނުވަތަ ޕާޓީ ބަދަލުކުރުން ހިފެހެއްޓުމުގެ އުސޫލަކީ ދިމިގްރާޠީ ގައުމުތަކުގައި ޢަމަލުކުރާ، އަދި ރާއްޖެއާ އެއްގޮތަށް ރިޔާސީ ނިޒާމުތަކުގެ މައްޗަށް ބިނާވެފައިވާ ޤާނޫނުއަސާސީތައް ތަންފީޒުކުރާ ގައުމުތަކުގައިވެސް ބަލައިގަނެފައިވާ އުސޫލެއްކަން އެ ކޯޓުން ފާހަގަކުރައްވާފައިވާ ކަމަށެވެ.
މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުން ހުއްޓުވުމަކީ މަޖިލީހުގެ އިސްތިގުރާރު ހިފަހައްޓައި، ސިޔާސީ ޕާޓީތަކުގެ ނިޒާމު ހަރުދަނާކުރުމަށް މަގުފަހިވާނެ ކަމެއްގެ ގޮތުގައި ސުޕްރީމް ކޯޓުން ސިފަކޮށްފައިވާ ކަމަށްވެސް އެ ޕާޓީގެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން، މިއީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އެއްވެސް އަސާސީ ހައްގަކަށް އުނިކަން ލިބޭނެ ކަމެއް ނޫންކަން އެ ނިންމުމުގައި ބަޔާންކޮށްފައިވާކަންވެސް ޕީއެންސީން ފާހަގަކުރިއެވެ.
ޕީއެންސީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މަޖިލީހުގެ މެންބަރުން މަގާމުގައި ދެމިތިބޭނެ ގޮތުގެ އޮނިގަނޑަށް ގެނެވުނު މި އިސްލާހަކީ، ރައްޔިތުން ދީފައިވާ އިންތިހާބީ މެންޑޭޓުގެ އަސްލަށް އެއްވެސް ބަދަލެއް ނުވަތަ އުނިކަމެއް ނާންނާނެކަން ކަށަވަރުކޮށްދޭނެ، ދުސްތޫރީ ގޮތުން މުހިންމު ނިންމުމެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީން މެންބަރަކު ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް، ސަރުކާރު ހިންގާ ޕީ.އެން.ސީގެ ފަރާތުން ޤާނޫނުއަސާސީއަށް ގެނައި އިސްލާޙު ބާތިލުކުރުމަށް އެދި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ޙުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި އެ ކޯޓުން ވަނީ އެ އިސްލާޙު ބާތިލުކުރެވެން ނެތް ކަމަށް ހުކުމްކޮށްފައެވެ.
ސުޕްރީމް ކޯޓުގެ ހަ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ކުރެއްވި މި ޙުކުމުގައި ވަނީ، އެ އިސްލާޙަކީ ގާނޫނުއަސާސީއާ ހިލާފު ބަދަލެއް ނޫން ކަމަށް ކަނޑައަޅުއްވާފައެވެ.






.gif&w=3840&q=75)