
މާލީ ކަންތައްތަކާއި ބެހޭ ވަޒީރު މޫސާ ޒަމީރު / ފޮޓޯ: ރައީސް އޮފީސް
ބާޒާރުގައި ތެލުގެ އަގު ދަށެއް ނުވޭ: ވަޒީރު މޫސާ ޒަމީރު

މުޙައްމަދު ފަޟްލޫން - 29 އޭޕްރީލު 2026 - 12:57
ބާޒާރުގައި ތެލުގެ އަގު ދަށަށް ނުދާ ކަމަށް މާލީ ކަންތައްތަކާއި ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގެ ހާލަތާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އުފެއްދެވި ކްރައިސިސް ކޮމިޓީގެ ފަރާތުން ބޭއްވި ޕްރެސްގައި ވަޒީރު ވިދާޅުވީ މީހުން މެރުމާއި ތަންތަން ހަލާކު ކުރުން ހުއްޓިފައިވީ ނަމަވެސް ތެލުގެ އަގުތައް ބައިނަލްއަގްވާމީ ބާޒާރުގައި ދަށް ނުވާ ކަމަށެވެ.
ބައިނަލްއަގްވާމީ ބާޒާރުގައި ތެލުގެ އަގު ދަށް ނުވަނީ ހަނގުރާމައިގައި އިގްތިސާދީ ގޮތުން ދެވެން ހުރި ގެއްލުންތައް ދެ ގައުމުންވެސް ދެމުންގެންދާތީ ކަމަށް ލަފާކުރެވޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖެއަށް ތެޔޮ ލިބުމުގައި ދަތިކަމެއް ކުރިމަތިނުވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިހާރު އަމިއްލަ ބައެއް ފަރާތްތަކުން ރާއްޖެއަށް ތެޔޮ އެތެރެކުރަން ފަށާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެސްޓީއޯ މެދުވެރިކޮށް މީގެ ކުރިން ތެޔޮ ގެނައި ނަމަވެސް މިހާރު އިތުރު އަމިއްލަ ފަރާތްތަކުން ތެޔޮ ގެނައުމުގެ މަސައްކަތް ފަށާފައިވުމުން ތެލަށް ނުޖެހި ތެޔޮ ލިބުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ފިއުލް ފާމްގެ މަސައްކަތް ކުރިއަށްދާކަން ފާޙަގަކުރައްވައި ވަޒީރު ވިދާޅުވީ އެސްޓީއޯ އިން މާލީ ވުޒާރާ އާއި އިގްތިސާދީ ތަރައްގީ އާއި ބެހޭ ވުޒާރާ އާއި ގުޅިގެން ކުރިއަށް ގެންދާ ކަމަށެވެ.
ގައުމީ ފިއުލް ފާމް ހެދުމަށް ބައެއް ސަރަހައްދުތައް ބަލާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ފިއުލް ފާމަކީ އެކި މޫސުމުގައި އެ ތަނަނަށް ކައިރި ކުރާ އުޅަނދުތަކަށް ފަސޭހަ ކަމާއެކު ކައިރިކުރެވޭނެ އިންތިޒާމް ގާއިމްވެފައިވާ ތަނަކަށްވާން ޖެހޭ ތަނެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ފިއުލް ފާމް ގާއިމްކުރަން ހަމަޖެހިފައިވަނީ 3 ފިޔަވައްސަކަށް ބަހާލައިގެން ކަމަށް ވަޒީރު ވިދާޅުވިއެވެ. ފުރަތަމަ ފިޔަވަހީގައި މާލެ ކައިރި ސަރަހައްދެއްގައި އެ ހިދުމަތް ދިނުމަށް ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މާލެ ކައިރިން 2 ފަޅެއް ސާރވޭ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް އެސްޓީއޯ އިން ފަށާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި ގާއިމްކުރާ ފިއުލް ސްޓޯރޭޖް ހަދަން ބޭނުންވާ ރަށުގެ ޑިޒައިން އާއި އިތުރަށް ބޭނުންވާނެ ފަންޑް ހޯދުމަށް ބޭނުންވާ ފީސިބިލިޓީ ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

މާރިޗް މަހު މީރާގެ ޖުމްލަ އާމްދަނީގެ %78.51 ޑޮލަރުން
2 ގަޑިއިރު ކުރިން

ޕީއެންސީގެ ޒިންމާއަކީ ރައްޔިތުންނަށް ފުރިހަމަ ވެރިކަމެއް ކޮށްދިނުން: ސައީދު
2 ގަޑިއިރު ކުރިން

ދާއިރާގެ ރައްޔިތުންނާއި ގުޅިގެން ތަރައްގީ ގެނެސްދޭނެ ކަމުގެ ޔަގީންކަން އަރުވަން: ސައީދު
2 ގަޑިއިރު ކުރިން

ފ. ފީއަލީގައި ކަރަންޓުގައި ޖެހި ދެބެއިންނަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެ
2 ގަޑިއިރު ކުރިން


.gif&w=3840&q=75)