
މާރިޗް މަހު މީރާގެ ޖުމްލަ އާމްދަނީގެ %78.51 ޑޮލަރުން

މުހައްމަދު މުޝްރިފް - 29 އޭޕްރީލު 2026 - 12:57
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 2026 ވަނަ އަހަރުގެ މާރިޗް މަހު ލިބުނު ޖުމްލަ އާމްދަނީގެ ބޮޑު ބައެއް ކަމަށްވާ %78.51 އަކީ އެމެރިކާ ޑޮލަރުން ލިބިފައިވާ އާމްދަނީއެއްކަމަށް އެ އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މާރިޗް މަހު މީރާއަށް ޖުމްލަ 4.03 ބިލިއަން ރުފިޔާ ބަލައިގަނެފައިވާއިރު، މީގެ ތެރޭގައި 205.18 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ. މިއީ މިދިޔަ އަހަރުގެ މާރިޗް މަހާ އަޅާބަލާއިރު %17.0 އިތުރު އަދަދެކެވެ. މީގެ އިތުރުން، މި މަހަށް ކުރިން ލަފާކުރި އާމްދަނީއަށްވުރެ %26.8 އިތުރު އަދަދެކެވެ.
މިދިޔަ އަހަރަށްވުރެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު ޖީ.އެސް.ޓީ އާއި، ކޯޕަރޭޓް އިންކަމް ޓެކްސް އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބުނު ފައިސާ އިތުރުވުމެވެ. މީގެއިތުރުން 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު %18.8 އިތުރުވުމަކީވެސް ޓީ.ޖީ.އެސް.ޓީ އާއި ގްރީން ޓެކްސް އަދި އެއާޕޯޓް ޓެކުހުގެ އާމްދަނީ އުފުލިގެން ދިޔަ ސަބަބެކެވެ. ކުރިން ލަފާކުރި ވަރަށްވުރެ އާމްދަނީ އިތުރުވުމުގައި ޖީ.އެސް.ޓީ އާއި ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ މަތިވުން ހިމެނޭއިރު، މާރިޗް މަހު ލިބުނު އާމްދަނީގެ %31.4 އަކީ ކުރީގެ މުއްދަތުތަކާ ގުޅޭ ފައިސާއެވެ.
މީރާއިން ދައްކަންޖެހި ނުދައްކާ ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން %7.6 ގެ އާމްދަނީއެއް ހޯދާފައިވާއިރު، އެކި ގޮތްގޮތުން ޖުމްލަ 882 މިލިއަން ރުފިޔާ ވަނީ އަތުލައިފައެވެ. މީގެ ތެރޭގައި ނޯޓިސް ފޮނުވައިގެން ހޯދި 397 މިލިއަން ރުފިޔާއާއި، ޑިއުސް ކްލިއަރެންސް މެދުވެރިކޮށް ހޯދި 411 މިލިއަން ރުފިޔާ ހިމެނެއެވެ. އަދި ފޯނުން ގުޅައިގެން 13 މިލިއަން ރުފިޔާ ހޯދާފައިވާއިރު، ބަހާލައިގެން ފައިސާ ދެއްކުމުގެ އެއްބަސްވުންތަކުގެ ދަށުން 61 މިލިއަން ރުފިޔާ ވަނީ ބަލައިގަނެފައެވެ.
މާރިޗް މަހުގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %59.6 ނުވަތަ 2.4 ބިލިއަން ރުފިޔާއެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ރިސޯޓްތަކުގެ ބިމު ކުލިންނެވެ. އެއީ 440 މިލިއަން ރުފިޔާ ނުވަތަ %10.9 އެވެ. މީގެ އިތުރުން ގްރީން ޓެކްސްގެ ގޮތުގައި 312 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 271 މިލިއަން ރުފިޔާ، ޑިޕާޗާ ޓެކްސްގެ ގޮތުގައި 248 މިލިއަން ރުފިޔާ އަދި އިންކަމް ޓެކްސްގެ ގޮތުގައި 198 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ގުޅުން ހުރި ޙަބަރުތައް

ބާޒާރުގައި ތެލުގެ އަގު ދަށެއް ނުވޭ: ވަޒީރު މޫސާ ޒަމީރު
2 ގަޑިއިރު ކުރިން

ޕީއެންސީގެ ޒިންމާއަކީ ރައްޔިތުންނަށް ފުރިހަމަ ވެރިކަމެއް ކޮށްދިނުން: ސައީދު
2 ގަޑިއިރު ކުރިން

ދާއިރާގެ ރައްޔިތުންނާއި ގުޅިގެން ތަރައްގީ ގެނެސްދޭނެ ކަމުގެ ޔަގީންކަން އަރުވަން: ސައީދު
2 ގަޑިއިރު ކުރިން

ފ. ފީއަލީގައި ކަރަންޓުގައި ޖެހި ދެބެއިންނަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެ
2 ގަޑިއިރު ކުރިން


.gif&w=3840&q=75)