logo
ރިޕޯޓް:  ކުންފުނިތައް އިނދަޖެހުން

ރިޕޯޓް: ކުންފުނިތައް އިނދަޖެހުން

ކުންފުނިތައް އިނދަޖެހުން: ވަޢުދާ ޚިލާފުވެ، ޚަރަދު ކުޑަކުރުމުގެ ނަމުގައި ބޮޑު ހާސްކަމެއް!

profile

އަހުމަދު ޖަމީލް - 07 ނޮވެމްބަރު 2026 - 06:06

ދިވެހިރާއްޖޭގެ މާލީ ހާލަތު އިންތިހާއަށް ދަށަށްގޮސް، ދައުލަތުގެ ދަރަނި ކަންބޮޑުވާ މިންވަރަކަށް އުފުލިފައިވާ މި ދަނޑިވަޅުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޚަރަދުތައް ކުޑަކުރުމުގެ ނަމުގައި އަޅަން ފަށާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މުޅި ޤައުމުގައި ވަނީ ބޮޑު ހާސްކަމެއް އުފެދިފައެވެ. ޤައުމުގެ އިޤްތިޞާދީ ހަރަކާތްތަކުގެ މައިބަދަ ކަމުގައިވާ ސަރުކާރު ކުންފުނިތައް މިއަދު މިވަނީ ހިންގުމުގެ ބޮޑު ނާޤާބިލުކަމެއްގެ ތެރޭގައި އިނދަޖެހި، ރައްޔިތުންގެ އިތުބާރު ގެއްލިފައެވެ.

https://wamco.com.mv/

ފިނޭންސް މިނިސްޓްރީން ދާދިފަހުން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމަށްޓަކައި މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް އަންގާފައެވެ. މި އެންގުމާއެކު އެތައް ހާސް އާއިލާއެއްގެ ދިރިއުޅުމާ ގުޅިފައިވާ ވަޒީފާތައް ގެއްލުމުގެ ބިރު ވަނީ ކުރިމަތިވެފައެވެ. ޚާއްޞަކޮށް، މާލީ ގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ ފެނަކަ ކޯޕަރޭޝަން އުވާލައި، ސްޓެލްކޯގެ ދަށަށް އެ ޚިދުމަތްތައް ބަދަލުކުރުމަށް ނިންމުމާއި، މަގުހެދުމުގެ މަޝްރޫޢުތަކަށް އުފެއްދި ރޯޑްޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އުވާލައި އެމްޓީސީސީގެ ދަށަށް ބަދަލުކުރުމަށް ނިންމި ނިންމުން ހިމެނެއެވެ. މީގެ އިތުރުން ޞިއްޙީ ދާއިރާ ހިންގުން ހަރުދަނާކުރުމަށް ކަމަށް ބުނެ، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އުވާލައި، "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" (MTHG) ގެ ނަމުގައި އައު ކުންފުންޏެއް އުފައްދައި، އެ ތަން ހިންގުމަށް ވަކި ޚާއްޞަ ބޯޑެއް އެކުލަވާލުމަކީ ވެސް ސަރުކާރުގެ ސިޔާސަތުތަކުގެ ދެފުށް ފުށުއަރާ މިންވަރު ހާމަވާ ކަމެކެވެ. އެއްކޮޅުން ކުންފުނިތައް ގިނަވެ ޚަރަދު ބޮޑުވާތީ އުވާލާ ވާހަކަ ދައްކާއިރު، އަނެއްކޮޅުން ފެންނަނީ އައު ބޯޑުތަކާއި ކުންފުނިތައް އުފައްދާ މަންޒަރެވެ. މިފަދަ ބަދަލުތަކުގެ ސަބަބުން އިތުރުވާ މުވައްޒަފުން މަގުމަތިވެދާނެ ކަމުގެ ބިރު ބޮޑުވެފައިވާއިރު، މިއީ ޚަރަދު ކުޑަކުރުމުގެ ނަމުގައި ރައްޔިތު މީހާ އިތުރު ނިކަމެތިކަމެއްގެ ތެރެއަށް ވައްޓާލުން ކަމަށް ގިނަ ބަޔަކު ދެކެއެވެ.

މި މައްސަލައިގައި އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ސަރުކާރުގެ ސިޔާސަތުތަކާއި ވެވަޑައިގެންނެވި ވަޢުދުތަކުގެ ފުށުއެރުންތަކާ މެދުގައެވެ. ދައުލަތުގެ ވަލިއްޔުލްއަމުރު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު އަދި އޭގެ ފަހުން ވެސް ތަކުރާރުކޮށް ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ވެރިކަމެއްގައި އެއްވެސް ކުންފުންޏެއް އުވާނުލައްވާނެ ކަމަށާއި އަދި އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިނުކުރައްވާނެ ކަމަށެވެ. އެހެންނަމަވެސް، ވެރިކަމުގެ އެންމެ މަތީ ފަންތިން ވެވަޑައިގެންނެވި ވަޢުދާ މުޅިން ޚިލާފަށް، ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް މުވައްޒަފުން މަދުކުރުމަށް އެންގުމާއި، ފެނަކަ އާއި އާރްޑީސީ ފަދަ ކުންފުނިތައް އުވާލުމާއި ބަދަލުކުރުމުގެ އަމަލީ މަސައްކަތްތައް ފެށުމަކީ ސަރުކާރުގެ ބަހާއި އަމަލާ ދިމާނުވާ ކަމުގެ ސާފު ހެއްކެކެވެ. މިއީ ސިޔާސީ މަންފާއަށްޓަކައި ދެއްކެވި ވާހަކަފުޅުތަކެއް ކަމަށް ބުނެ ރައްޔިތުންނާއި މުވައްޒަފުންގެ މެދުގައި އިތުބާރު ގެއްލި، ނުތަނަވަސްކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

ދިވެހިރާއްޖޭގައި ހިންގާ ސަރުކާރުގެ ގިނަ ކުންފުނިތަކަކީ އަމިއްލަ ފައިމައްޗަށް ތެދުވެ، ފައިދާ ހޯދައިގެން ހިންގުމުގެ ޤާބިލުކަން ގެއްލިފައިވާ ތަންތަނެވެ. އޭގެ ބަދަލުގައި މި ކުންފުނިތައް ދެމިއޮންނަނީ ކޮންމެ އަހަރަކު ވެސް ދައުލަތުގެ ބަޖެޓުން ދޭ ބޮޑެތި ސަބްސިޑީތަކާއި، ކެޕިޓަލް އިންޖެކްޝަންތަކަށް ބަރޯސާވެގެންނެވެ. އަހަރުން އަހަރަށް ބޮޑު ގެއްލުމުގައި ހިންގަމުންދާ މި ކުންފުނިތަކުގެ ބުރަ އުފުލަން ޖެހިފައިވަނީ ދައުލަތުގެ މާލިއްޔާއަށެވެ. މީގެ ނޭދެވޭ އަސަރު މުޅި ދައުލަތުގެ ބަޖެޓަށާއި، ބޭރު ފައިސާގެ ރިޒާވަށް ކުރަމުންދާއިރު، މިއީ އިޤްތިޞާދީ ގޮތުން ދެމެހެއްޓެނިވި ގޮތެއް ނޫން ކަމަށް މާލީ މާހިރުން ވެސް ދަނީ ވިދާޅުވަމުންނެވެ.

ކުންފުނިތަކުގެ މާލީ ހާލަތު މިހާ ދަށަށް ވެއްޓިގެން ދިޔުމުގެ މައިގަނޑު އަސްލަކީ ފާއިތުވި އަހަރުތަކުގައި ކުންފުނިތަކުގެ ތެރެއަށް އަތްގަދަކޮށްފައިވާ ސިޔާސީ ނުފޫޒާއި ނާޖާއިޒު މަންފާ ހޯދުމުގެ އަމަލުތަކެވެ. ޚާއްޞަކޮށް، އިންތިޚާބުތަކާ ދިމާކޮށް ސިޔާސީ ބޭނުމަށްޓަކައި، ކުންފުނިތަކަށް އުފުލޭ ވަރަށް ވުރެ އިތުރަށް މުވައްޒަފުން ވެއްދުމުގެ ސަބަބުން ކުންފުނިތަކުގެ ޕޭރޯލް ވަނީ އަތްނުފޯރާ ފަށަށް ބޮޑުވެފައެވެ. މަސައްކަތެއް ނެތި މުސާރަދޭން ޖެހޭ މީހުން ގިނަވެ، އިދާރީ ޚަރަދުތައް އިންތިހާއަށް އުފުލި، އެންމެ ފަހުން ކުންފުނިތައް ބޭންކްރަޕްސީ ނުވަތަ ބަނގުރޫޓުވުމާ ހަމައަށް ދިޔައީ ކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ. މީގެ އިތުރުން ޕްރޮކިއުމަންޓްތަކާއި މަޝްރޫޢުތައް ދިނުމުގައި ހިންގާފައިވާ ކޮރަޕްޝަނަކީ ވެސް ކުންފުނިތައް އަނދަވަޅަކަށް ވެއްޓުނު މުހިންމު ސަބަބެކެވެ.

މުޅި ޤައުމުގެ އެންމެ ބޮޑެތި ކުންފުނިތަކުގެ ހާލަތަށް ބަލާއިރު، އެ ތަންތަން މިއަދު ވަނީ ދަރަނީގެ ބޮޑު ދަލެއްގައި ބެދިފައެވެ. އުމްރާނީ ބޮޑެތި މަޝްރޫޢުތަކާއި، ބިން ހިއްކުމާއި، ބޯހިޔާވަހިކަމުގެ އިތުރުން އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ނަމުގައި ނަގާފައިވާ ބޮޑެތި ލޯނުތަކުގެ އިންޓްރެސްޓް ދެއްކުމަކީ މިއަދު އެ ކުންފުނިތަކަށް އުފުލޭ ވަރަށް ވުރެ މާ ބޮޑު ބުރައެކެވެ. ސަރުކާރުން ހަވާލުކުރި ބިޔަ މަޝްރޫޢުތައް ނިންމުމަށްފަހު، ސަރުކާރުން އެ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ނުލިބި ލަސްވުމުގެ ސަބަބުން، ކުންފުނިތަކުގެ ކޭޝްފްލޯ ވަނީ ބޮޑު ތާށިކަމެއް ކުރިމަތިވެފައެވެ. ނަތީޖާއެއްގެ ގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި ސަޕްލަޔަރުންނަށް ދައްކަންޖެހޭ ފައިސާ ނުދެއްކި، މުޅި ވިޔަފާރި ވެށި ވަނީ ހީނަރުވެފައެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމަކީ އިޤްތިޞާދީ ގޮތުން މުހިންމު ކަމެއް ނަމަވެސް، އެކަން ކުރަންވާނީ އިޖުތިމާޢީ އަދި އިންސާނީ ހަމަތަކަށް ރިޢާޔަތްކޮށްގެންނެވެ. ވެރިކަމަށް އައުމަށް ވީ ވަޢުދުތަކާ ޚިލާފަށް، ހަމައެކަނި އާންމު މުވައްޒަފުން ވަޒީފާއިން ވަކިކޮށް، މަގުމަތިކުރުމަކީ މައްސަލައިގެ ހަގީގީ ހައްލެއް ނޫނެވެ. ކުންފުނިތައް އިނދަޖެހުމުން ސަލާމަތް ކުރެވޭނީ ސިޔާސީ ނުފޫޒުތަކުން ކުންފުނިތައް މިންޖުކޮށް، ދަރަނިތައް ރީސްޓްރަކްޗަރކޮށް، ހިންގުމުގެ ހަރުދަނާ އުޞޫލުތައް ޤާއިމުކޮށްގެންނެވެ. އެހެން ނޫންނަމަ، ޚަރަދު ކުޑަކުރުމުގެ ނަމުގައި މި ފެށުނު ކަންކަން ނިމިގެންދާނީ ޤައުމުގެ އެތައް ހާސް އާއިލާއެއް ބޮޑު ހާސްކަމާއި ނިކަމެތިކަމެއްގެ ތެރެއަށް ވައްޓާލުމަށް ފަހުގައެވެ.

https://wamco.com.mv/
tel:+9607331319