
މަޝްހޫރު ދީނީ އިލްމުވެރިޔާ، ޝައިޚް ޒަމްޒަމް ފާރިޝް، ފޮޓޯ: ސޮޝަލް މީޑިއާ
ރަސްމާލެ މަޝްރޫޢު: ދިވެހިންނަށް ރިބާ، އަލްޢައްބާރަށް ޒަކާތުގެ ފައިސާތޯ؟: ޒަމްޒަމް ފާރިޝް

އާމިނަތު ޝަޒްލާ - 07 ނޮވެމްބަރު 2026 - 10:38
ދިވެހިން އަމިއްލައަށް ރަސްމާލެ ހަދަން އުޅެފިނަމަ، ދިވެހިން ޖެހޭނީ އިސްލާމްދީނުގައި ޙަރާމް ކުރައްވާފައިވާ ރިބާ ލޯނު ނަގައިގެން އެ މަސައްކަތް ކުރަންކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން، މަޝްހޫރު ދީނީ އިލްމުވެރިޔާ، ޝައިޚް ޒަމްޒަމް ފާރިޝް، އޭނާގެ އެކްސް އެކައުންޓުގައި ސުވާލު އުފައްދައި ޕޯސްޓެއް ހިއްސާކޮށްފިއެވެ.
ޝައިޚް އޭނާގެ ޕޯސްޓުގައި ބުނެފައިވަނީ، ރޭގައި ޓިކްޓޮކް މެދުވެރިކޮށް އޭނާއާ ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި، ދިވެހިން އަމިއްލައަށް ރަސްމާލެ ހަދަން އުޅެފިނަމަ، ދިވެހިން ޖެހޭނީ މާތް ﷲ ޙަރާމް ކުރައްވާފައިވާ ރިބާ ލޯނު ނަގައިގެން އެކަން ކުރަން ކަމަށެވެ. މި ވާހަކަތައް އަޑުއިވުމާއެކު، އޭނާގެ ހިތަށް އެރި ސުވާލެއްގެ ގޮތުގައި، ރަސްމާލެ ހެދުމަށް ބޭރުގެ ފަރާތަކާ ހަވާލުކުރުމުން، އެ ފަރާތުން އެ މަޝްރޫޢު ކުރިއަށްގެންދަނީ ޒަކާތު ފައިސާއިންތޯ ސުވާލު އުފައްދާފައިވެއެވެ.
ޝައިޚްގެ މި ޕޯސްޓަކީ، ރަސްމާލެ ހެދުމުގެ މަޝްރޫޢާ ގުޅޭގޮތުން ދިވެހިން ތެރޭގައި ހިނގަމުންދާ ބަހުސްތަކުގެ ތެރެއިން، ދީނީ ނަޒަރަކުން މައްސަލަ ކުރިމަތިކޮށް ހުށަހަޅާފައިވާ ޕޯސްޓެކެވެ. މި ޕޯސްޓާ ގުޅިގެން، ސޯޝަލް މީޑިއާގައި ތަފާތު ޚިޔާލުތައް ފާޅުކުރަމުންދާއިރު، ބައެއް ފަރާތްތަކުން ޝައިޚްގެ ވާހަކަތަކަށް ތާއީދުކޮށް، ރަސްމާލެ ފަދަ ބޮޑެތި މަޝްރޫޢުތަކުގައި ބޭނުންކުރާ ފައިސާގެ ވަސީލަތްތަކާމެދު ސުވާލު އުފައްދާފައިވެއެވެ. އަދި އަނެއްބައި ފަރާތްތަކުން ބުނަމުންދަނީ، ދިވެހިން އަމިއްލައަށް މަޝްރޫޢުތައް ހިންގުމުގައި ރިބާ ލޯނުގެ ބޭނުންކުރުމަކީ ދީނީގޮތުން ހުއްދަ ނޫން ކަމަކަށްވާއިރު، ބޭރުގެ ފަރާތްތަކަށް މަޝްރޫޢުތައް ދިނުމުގައިވެސް އެފަދަ ކަންކަމަށް ރިއާޔަތްކުރަންޖެހޭނެ ކަމަށެވެ.
ރަސްމާލެ ޕްރޮޖެކްޓަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު އެއް މަޝްރޫޢުޢެވެ. ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްޤީކުރާ މި ބިޔަ މަޝްރޫޢަކީ މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ މަޤްޞަދުގައި ފަށާފައިވާ މަސައްކަތެކެވެ.
ނަމަވެސް، މި މަޝްރޫޢު ފެށުނީއްސުރެ އޭގެ މާލީ އިންތިޒާމުތަކާއި، ބިން ހިއްކުމުގެ ބަދަލުގައި ބޭރުގެ ކުންފުނިތަކަށް ދިގު މުއްދަތަކަށް ބިން ދޭން ނިންމާފައިވާ ނިންމުމާމެދު ސިޔާސީ މައިދާނުގައާއި އާންމުންގެ މެދުގައި ދަނީ ބޮޑެތި ބަހުސްތަކެއް ހިނގަމުންނެވެ. ޚާއްޞަކޮށް، ދުބާއީގެ މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު އަލައްބާރުގެ ޙިއްޞާ އޮންނަ ކުންފުނިތަކާ މިފަދަ ބޮޑެތި މަޝްރޫޢުތައް ޙަވާލުކުރުމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުންނާއި ބައެއް ޢާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޝައިޚްގެ މި ޕޯސްޓުން އިޝާރާތްކޮށްފައިވަނީ، ސަރުކާރުގެ ސިޔާސަތުތައް ދިފާޢުކުރާ ބައެއް ފަރާތްތަކުން ދައްކާ ބަހަނާތަކުގެ ފުށުއެރުންތަކަށެވެ. އެގޮތުން، ދިވެހި ދަޢުލަތުން ނުވަތަ ދިވެހި ކުންފުނިތަކުން އިސްނަގައިގެން މިފަދަ މަޝްރޫޢުތައް ކުރިއަށްގެންދަން އުޅެފިނަމަ ދަރަންޏާއި ރިބާގެ މަޅީގައި ޖެހޭނެކަމަށް ބުނެ، ބޭރުގެ ވިޔަފާރިވެރިންނަށް މި މަޝްރޫޢު ދިނުން ދީނީ އަދި އިޤްތިޞާދީ ގޮތުން ރަނގަޅު ނިންމުމެއްގެ ގޮތުގައި ދައްކަން އުޅުމަކީ ހަމަޖެހޭ ވިސްނުމެއް ނޫންކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. ބޭރުގެ ބޮޑެތި އިންވެސްޓަރުންނަކީވެސް ދުނިޔޭގެ މާލީ ބާޒާރުތަކުން، އިންޓްރެސްޓް ނުވަތަ ރިބާ އެކުލެވޭ ގޮތަށް ފައިސާ ހޯދައިގެން ވިޔަފާރި ފުޅާކުރާ ބައެއްކަން ފާހަގަކުރަމުން، އެފަދަ ފަރާތްތަކުން ކުރާ ޚަރަދަކީ ހިލޭސާބަހަށް ނުވަތަ ޒަކާތުގެ ގޮތުގައި ކުރާ ޚަރަދެއް ނޫންކަން އޭނާގެ މި ސުވާލުން ދޭހަކޮށްދެއެވެ.
ރަސްމާލެ މަޝްރޫޢުގެ މާލީ މޮޑެލްއާ މެދު އުފެދިފައިވާ ސުވާލުތަކަށް ސަރުކާރުން މީގެ ކުރިން ޖަވާބުދެމުން ބުނެފައިވަނީ، މި މަޝްރޫޢަކީ ދަޢުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ނުގޮސް، "ކްރޮސް ސަބްސިޑީ" އުޞޫލުން ހިއްކާ ބިމުން ބައެއް އެ ފަރާތްތަކަށް ދީގެން ކުރިއަށްގެންދާ ފައިދާހުރި މަޝްރޫޢެއް ކަމަށެވެ. އެހެންނަމަވެސް، ޤައުމީ މިފަދަ ބޮޑެތި ބިންތައް ބޭރުގެ ފަރާތްތަކަށް ދިނުމަކީ ޤައުމުގެ އިޤްތިޞާދީ މިނިވަންކަމަށް އޮތް ނުރައްކަލެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.
ގުޅުން ހުރި ޙަބަރުތައް

އީރާނާ ގުޅުން އޮތް ކަމަށް ބުނެ ކެނެޑާގެ އަށް ކުންފުޏަކަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި
7 ގަޑިއިރު ކުރިން

ޝާހްރުކްގެ އައު ފިލްމު "ކިންގް" ގެ ފުރަތަމަ ލަވަ ދައްކާލައިފި؛ މި ލަވައިން ފެނިގެންދަނީ ދީޕިކާ!
10 ގަޑިއިރު ކުރިން

ކުންފުނިތައް އިނދަޖެހުން: ވަޢުދާ ޚިލާފުވެ، ޚަރަދު ކުޑަކުރުމުގެ ނަމުގައި ބޮޑު ހާސްކަމެއް!
10 ގަޑިއިރު ކުރިން

ބައިތުލްމާލު: އަމާނާތެއްތަ، ނުވަތަ ޣަނީމާ މުދަލެއްތަ؟
ދުވަހެއް ކުރިން


