
އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް، ވޮޝިންގޓަން ޑީސީގައި ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑާ ދިމާލަށް ވަޑައިގަންނަވަނީ, ފޮޓޯ: އަލް ޖަޒީރާ
އީރާނާ ގުޅުން އޮތް ކަމަށް ބުނެ ކެނެޑާގެ އަށް ކުންފުޏަކަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

އާމިނަތު ޝަޒްލާ - 07 ނޮވެމްބަރު 2026 - 09:02
އީރާނުގެ އެކި ފަރާތްތަކުން އެ ޤައުމާ ދެކޮޅަށް އަޅާފައިވާ މާލީ ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކުމަށް އެހީތެރިވާ ކަމުގެ ތުހުމަތުގައި، ކެނެޑާގެ މަނީ އެކްސްޗޭންޖް ޚިދުމަތްދޭ އަށް ކުންފުންޏަކާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.
އަލް ޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން މި ފިޔަވަޅުތައް އިޢުލާނުކޮށްފައިވަނީ ހުކުރު ދުވަހު "އޮޕަރޭޝަން އިކޮނޮމިކް އައުޓްކާސްޓް" ގެ ނަމުގައި ކުރިއަށްގެންދާ ޚާއްޞަ ހަރަކާތުގެ ދަށުންނެވެ.
އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން ހާމަކުރި ގޮތުގައި، މި ފިޔަވަޅު އެޅި ކުންފުނިތަކުގެ ތެރެއިން ބައެއް ފަރާތްތަކުން ވަނީ އީރާނުގެ ރިއާލްއާއި އެހެނިހެން ފައިސާ ކްރިޕްޓޯކަރަންސީ ފަދަ ޑިޖިޓަލް ވަސީލަތްތަކަށް ބަދަލުކޮށްގެން މަނީ ލޯންޑަރކޮށްފައެވެ. އަދި ބައެއް ކުންފުނިތަކުން މަސްތުވާތަކެތީގެ ވަގުފާރިކުރާ ނެޓްވޯކެއްގެ އިސްވެރިޔަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.
އީރާނުގެ ސަރުކާރަށާއި އެ ގައުމާ ގުޅުންހުރި ޖަމާއަތްތަކަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކުމަށް އެހީތެރިވެދޭ، ޣައިރު ގާނޫނީ މާލީ މުއާމަލާތްތައް ހިންގާ ފަރާތްތަކަށް ކެނެޑާއަކީ ރައްކާތެރި ހިޔާވަހިކަމަކަށް ވެގެން ނުވާނެ ކަމަށް އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ނެރުއްވި ބަޔާނެއްގައި ވަނީ ބުނެފައެވެ.
ޓްރެޜަރީން ބުނި ގޮތުގައި ފިޔަވަޅު އެޅި ވިޔަފާރިތައް ގާއިމުވެފައިވަނީ ކެނެޑާގެ އޮންޓޭރިއޯ އަދި ބްރިޓިޝް ކޮލަމްބިއާގައެވެ. މި ކުންފުނިތަކުގެ ތެރޭގައި 'މިލިއަން އެކްސްޗޭންޖް'، 'އަމީން އެކްސްޗޭންޖް' އަދި 'ކްރިޕްޓޯޔަލް' ހިމެނެއެވެ.
މި ފިޔަވަޅުތަކުގެ ސަބަބުން އެމެރިކާ ޑޮލަރުގެ މައްޗަށް ބިނާވެފައިވާ މާލީ ނިޒާމުގެ ތެރެއިން އެ ކުންފުނިތަކަށް މުއާމަލާތް ކުރުން ހުއްޓި، އެމެރިކާގައި ހުރި އެ ފަރާތްތަކުގެ ހުރިހާ މުދަލެއް ހިފެހެއްޓިގެންދާނެއެވެ. މީގެ އިތުރުން، އެމެރިކާގެ ރައްޔިތުންނާއި ކުންފުނިތަކާއެކު އެއްވެސް މާލީ މުއާމަލާތެއް ކުރުންވެސް މީގެ ސަބަބުން ވަނީ މަނާވެފައެވެ.
އެމެރިކާގެ ޓްރެޜަރީން ނެރުނު އިޢުލާނާ ގުޅިގެން ކެނެޑާގެ ފައިނޭންޝަލް ޓްރާންސެކްޝަންސް އެންޑް ރިޕޯޓްސް އެނަލިސިސް ސެންޓަރ (ފިންޓްރެކް) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މަނީ ސަރވިސް ވިޔަފާރިތަކަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގައި އެމެރިކާގެ ފައިނޭންޝަލް ކްރައިމްސް އެންފޯސްމަންޓް ނެޓްވޯކް (ފިންސެން) އާއެކު ގުޅިގެން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
މަނީ ލޯންޑަރިންގ އާއި ޓެރަރިޒަމަށް ފަންޑުކުރުން ހުއްޓުވުމުގެ އިތުރުން ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކިގަންނަން ކުރާ މަސައްކަތްތައް ހުއްޓުވުމަށްޓަކައި، ބޭރުގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްތަކާ ގުޅިގެން ފިންޓްރެކް އިން ގަވާއިދުން މަސައްކަތް ކުރަމުންދާ ކަމަށް ހުކުރު ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އަދި ދޭދޭ ގައުމުތަކުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުންތަކުގެ ދަށުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމުގެ ގާބިލުކަން އެ ސެންޓަރަށް ލިބިގެންވާކަންވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ހަމައެއާއެކު، ހުކުރު ދުވަހު އެމެރިކާގެ ޓްރެޜަރީން ވަކިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ އިދާރާގެ މަނީ ލޯންޑްރިންއާ ދެކޮޅަށް މަސައްކަތްކުރާ ޔުނިޓް، (ފިންސެން) އިން ފައިސާ ބަދަލުކޮށްދޭ ކުންފުންޏެއް ކަމަށްވާ (އެމް.އީ.އެކްސް.ސީ ގްލޯބަލް) އަށް އަމާޒުކޮށްވެސް އަމުރެއް ނެރެފައިވާ ކަމަށެވެ.
ފިންސެންއިން ބުނި ގޮތުގައި، މި އަމުރުގެ ސަބަބުން ސީޝެލްސްގައި ރަޖިސްޓްރީކޮށްފައިވާ އެމް.އީ.އެކްސް.ސީ ގްލޯބަލް މެދުވެރިކޮށް އެމެރިކާގެ މާލީ އިދާރާތަކުން ފައިސާގެ މުއާމަލާތްތައް ހިންގުން މަނާވާނެއެވެ. އެ އިދާރާއިން ހާމަކުރި ގޮތުގައި، އީރާނާއި، އުތުރު ކޮރެއާ އަދި ރަޝިއާގެ އިތުރުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އެހެން ފަރާތްތަކާ ގުޅުންހުރި މަދުވެގެން 16 ބިލިއަން ޑޮލަރުގެ ހުއްދަނޫން މުއާމަލާތްތަކަކަށް އެ ކުންފުނިން ވަނީ މަގުފަހިކޮށްދީފައެވެ.
ގުޅުން ހުރި ޙަބަރުތައް

ރަސްމާލެ މަޝްރޫޢު: ދިވެހިންނަށް ރިބާ، އަލްޢައްބާރަށް ޒަކާތުގެ ފައިސާތޯ؟: ޒަމްޒަމް ފާރިޝް
5 ގަޑިއިރު ކުރިން

ޝާހްރުކްގެ އައު ފިލްމު "ކިންގް" ގެ ފުރަތަމަ ލަވަ ދައްކާލައިފި؛ މި ލަވައިން ފެނިގެންދަނީ ދީޕިކާ!
10 ގަޑިއިރު ކުރިން

ކުންފުނިތައް އިނދަޖެހުން: ވަޢުދާ ޚިލާފުވެ، ޚަރަދު ކުޑަކުރުމުގެ ނަމުގައި ބޮޑު ހާސްކަމެއް!
10 ގަޑިއިރު ކުރިން

ބައިތުލްމާލު: އަމާނާތެއްތަ، ނުވަތަ ޣަނީމާ މުދަލެއްތަ؟
ދުވަހެއް ކުރިން


