logo
ރިޕޯޓް އާއި ގުޅޭގޮތަށް ތައްޔާރު ކުރެވުނު  އޯޖީ

ރިޕޯޓް އާއި ގުޅޭގޮތަށް ތައްޔާރު ކުރެވުނު އޯޖީ

ރައްޔިތުންނަށް އިޙްތިރާމް ނުކުރާ ވެރިކަމަކުން ދަސްކޮށްދޭނީ ކޮން އިޙްތިރާމެއް؟

profile

އަހުމަދު ޖަމީލް - 15 ނޮވެމްބަރު 2026 - 05:55

އިޙްތިރާމަކީ ޤާނޫނަކުން މަޖުބޫރުކުރެވޭނެ ކަމެއް ނޫނެވެ. އަދި އެއީ ވަކި ސިޔާސީ ޝިޢާރެއްގެ ދަށުން، ޖަލްސާތަކެއް ބާއްވައިގެން މީހުންގެ ވިސްނުމަށް ވެއްދޭނެ އެއްޗެއް ވެސް ނޫނެވެ. އިޙްތިރާމަކީ ނަމޫނާ ދައްކައިގެން، ޢަމަލާއި ބަހުން ޙާޞިލުކުރަންޖެހޭ އަގުހުރި ސިފައެކެވެ. އިސްލާމީ ވެރިކަމެއްގެ އެންމެ މައިގަނޑު އަސާސަކީ ވެސް ރައްޔިތުންނަށް އޯގާތެރިވެ، އެމީހުންގެ ކަންބޮޑުވުންތަކަށް ލޯހުޅުވައި، ކަންފަތް ދިނުމެވެ.

https://wamco.com.mv/

މިފަދަ ހަޤީޤަތެއް އޮއްވައި، ސަރުކާރުން މިވަނީ "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ނަމުގައި ފުޅާ ކެމްޕޭނެއް ފަށާފައެވެ. ބޭރުފުށުން ބަލާއިރު މިއީ ވަރަށް ރިވެތި، ހިތްގައިމު ޝިޢާރެކެވެ. ނަމަވެސް، ޤައުމުގެ މިއަދުގެ ޙާލަތަށް ފުންކޮށް ނަޒަރު ހިންގާލުމުން އުފެދެނީ ބޮޑު ސުވާލެކެވެ. ރައްޔިތުންގެ އިޙްސާސްތަކަށް ކުޑައިމީސްކޮށް، ރައްޔިތުންގެ އަޑު އެއްސެވުމެއް ނެތް ވެރިކަމަކުން، ރައްޔިތުންނަށް އިޙްތިރާމް ކުރަން ދަސްކޮށްދޭނީ ކޮން މިންގަނޑަކުން ހެއްޔެވެ؟

ދިވެހިރާއްޖޭގެ ޖުމްހޫރީ ވެރިކަމުގެ ނިޒާމު ބިނާވެފައިވަނީ ދައުލަތުގެ އެންމެހައި ބާރުތައް ރައްޔިތުންގެ ކިބައިން ފެށިގެން އަންނަ އުޞޫލުގެ މައްޗަށެވެ. އެހެންކަމުން، ސަރުކާރަކުން ރައްޔިތުންނަށް އަދާކުރަންޖެހޭ އެންމެ އިސް ވާޖިބަކީ އަދި އެންމެ ބޮޑު އިޙްތިރާމަކީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ވެރިކަން ހިންގުމެވެ. އެހެނަސް މިއަދު ފެންނަމުންދަނީ ރައްޔިތުންގެ އަޑަށް ބީރު ކަންފަތެއް ދީ، އަމިއްލަ އެދުމާއި ސިޔާސީ ނުފޫޒު ކުރިއަށް ނެރޭ މަންޒަރެވެ.

މީގެ އެންމެ ހާމަކަން ބޮޑު މިސާލަކީ "ރަސްމާލެ" މަޝްރޫޢެވެ. އެތައް ޖީލެއްގެ ދަރަންޏާއި، ދިރިއުޅުމާއި، ޤައުމުގެ މުސްތަޤުބަލާ ސީދާ ގުޅިފައިވާ މިފަދަ ބިޔަ މަޝްރޫޢެއް ކުރިއަށް ގެންދާއިރު، ރައްޔިތުންގެ ޚިޔާލާއި ކަންބޮޑުވުންތަކަށް ވަނީ ފުރަގަސްދީފައެވެ. ރައްޔިތުން ބޭނުންވާ ގޮތް ނޫން އެހެން ގޮތަކަށް، ރައްޔިތުންގެ ފާޑުކިޔުންތަކަށް ޖެހިލުމެއް ނެތި ކަންކަން ނިންމުމަކީ ސީދާ ރައްޔިތުންގެ ކަރާމާތަށް އަރައިގަތުމެވެ. ރައްޔިތުންގެ ޙައްޤުތަކަށް އެއްވެސް ޤަދަރެއް ނުކުރުމެވެ.

އެއްކޮޅުން ރައްޔިތުންގެ އަޑު ކަނޑުވާލައި، ރައްޔިތުންގެ އިޙްސާސްތަކަށް ފުރަގަސްދެމުން، އަނެއްކޮޅުން "އިޙްތިރާމް ކުރަން ދަސްކޮށްދޭން" މަޝްރޫޢު ހިންގުމަކީ ބަހާއި ޢަމަލު ދިމާނުވާ، ދެފުށްދެގޮތް ސިޔާސަތެކެވެ. އިލްމީ އަދި އިޖުތިމާޢީ ނަޒަރަކުން ބެލިޔަސް، އިސްވާރުންގެ ފަރާތުން ނުފެންނަ ރިވެތި ސިފައެއް، އެ ވެރިންގެ ދަށުގައި ތިބި ބަޔަކަށް ދަހެއް ނުކުރެވޭނެއެވެ. ސަރުކާރުން ރައްޔިތުންނަށް އިޙްތިރާމް ނުކުރާނަމަ، އެ ސަރުކާރަކަށް ރައްޔިތުންގެ އިޙްތިރާމް ޙައްޤުވާނެ ހަމައެއް ނެތެވެ.

އިޙްތިރާމް ކުރުމަކީ ހަމައެކަނި ޕޯޑިއަމްތަކުގައި ގޮވާލާ އޮމާން ލަފްޒުތަކަކަށް ވެގެން ނުވާނެއެވެ. ސަރުކާރުން އިޙްތިރާމްގެ ވާހަކަ ދައްކަންވާނީ، ރަސްމާލެ ފަދަ ނިންމުންތަކުގައި ރައްޔިތުން ދައްކާ ވާހަކަ އަޑުއަހައި، ރައްޔިތުންގެ އިޙްސާސްތަކަށް ޖާގަ ދީގެންނެވެ. ރައްޔިތުންގެ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އިޙްތިރާމް ކޮށްގެންނެވެ.

މިއަދު ދިވެހި ރައްޔިތުން ސަރުކާރަށް ދޭން އޮތް މެސެޖަކީ ވަރަށް ސާފު މެސެޖެކެވެ؛ ރައްޔިތުންނަކީ ހަމައެކަނި ވެރިކަމަށް އަންނަން ބޭނުންކުރާ ސިޑިއެއް ނޫނެވެ. ރައްޔިތުންނަކީ ދައުލަތުގެ އަސްލު ވެރިންނެވެ. ވެރިކަމެއްގެ ހައިބަތާއި ޤަދަރު ބިނާވެގެންވަނީ ރައްޔިތުންގެ ހިތްތަކުގައި އޮންނަ ލޯތްބާއި އިޙްތިރާމެއްގެ މައްޗަށެވެ. އެ އިޙްތިރާމް ހޯދޭނީ ރައްޔިތުންނަށް އިޙްތިރާމް ކޮށްގެންނެވެ. އެހެން ނޫންނަމަ، ހިންގާ ކޮންމެ "ޤައުމީ މަޝްރޫޢަކީ" ހަމައެކަނި ރައްޔިތުންގެ ލޮލުގައި އަނދުންއެޅުވުމަށް ކުޅޭ ސިޔާސީ ކުޅިވަރަކަށް ވުން ފިޔަވައި އެހެން ކަމަކަށް ނުވާނެއެވެ.

https://wamco.com.mv/
tel:+9607331319