
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް---
މުވައްޒަފުން ޕާޓީތަކަށް ވައްދަން މަޖުބޫރުކުރާނަމަ އަދަބުދޭން ހުށަހެޅީ ކަންކަން ބޮއްސުންލުމުން: މީކާއީލް

ޖިނާން ޙުސައިން ޖަބީން - 25 ނޮވެމްބަރު 2026 - 08:40
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ވެރިކަންކުރާ ސިޔާސީ ޕާޓީއަށް ވެއްދުމަށް މަޖުބޫރުކުރާނަމަ ހަރުކަށި ފިޔަވަޅު އެޅޭގޮތަށް ގާނޫނަށް އިސްލާހު ހުށަހެޅުއްވީ އެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މީކާއީލް ފާހަގަކުރެއްވި ގޮތުގައި، ވަކި ސިޔާސީ ޕާޓީއަކަށް ނުވަތަ ވަކި ސިޔާސީ ފިކުރަކަށް ތާއީދުނުކުރާނަމަ، ބައެއް ކުންފުނިތަކުން އޮފް ދުވަހާއި އަހަރީ ޗުއްޓީ ދިނުމުގައި ވެސް މުވައްޒަފުންގެ މެދުގައި ބޮޑެތި ތަފާތުކުރުންތަކެއް ގެންގުޅެއެވެ. މިގޮތުން، ސްޓެލްކޯގައި މި މައްސަލަ ވަރަށް ބޮޑަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީކާއީލް ވިދާޅުވި ގޮތުގައި، ކުންފުނިތަކުގެ ބޯޑުތަކަށާއި އިސް މަގާމުތަކަށް ސިޔާސީ ގޮތުން މީހުން އައްޔަންކުރުމުގެ ސަަބަބުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެމީހުންގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް ފިއްތުންތައް ކުރިމަތިކުރާތީ އެކަން ހުއްޓުވުމަކީ މި އިސްލާހު ހުށަހެޅުމުގެ މައިގަނޑު އެއް މަގުސަދެވެ.
އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ސިޔާސީ ޕާޓީތަކަށް ވެއްދުމަށާއި، ސިޔާސީ އެއްވުންތަކާއި ޖަލްސާތައް އަދި ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވުމަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން މަޖުބޫރުކުރުމަކީ މަނާކަމެކެވެ. މި އިސްލާހުގައި "މަޖުބޫރުކުރުވުން" ކަމަށް މާނަކޮށްފައިވަނީ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނުވަތަ ވަޒީފާގެ ކުރިއެރުމާއި، މުސާރައާއި، ޕްރޮމޯޝަން އަދި މަގާމު ބަދަލުކުރުމާއި އިނާޔަތްތައް ދިނުމުގައި ޝަރުތުތަކެއް ކުރިމަތިކޮށްގެން މުވައްޒަފުގެ ޒާތީ އިހުތިޔާރުން ބޭރުން ކަންކަން ކުރުވުމަށެވެ.
މީގެއިތުރުން، މިފަދަ އަމަލެއް ހިންގި ފަރާތަކީ ކުންފުނީގެ ބޯޑު މެންބަރަކަށް ނުވަތަ އިސް ވެރިޔަކަށް ވެއްޖެނަމަ، އަދި ވަޒީފާއިން ވަކިކުރުމުގެ ބިރުދައްކައިގެން ނުވަތަ ވަޒީފާއިން ވަކިކޮށްގެން މި އަމަލު ހިންގާފައިވާނަމަ، އެ ކުށުގެ ދަރަޖަ މަތިވެ، ކަނޑައެޅޭ އަދަބު ބޮޑުވާނެ ކަމަށް ވެސް އެ ބިލުގައި ބަޔާންކޮށްފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުވާލަން ނިންމައި، މަޖިލީހަށް އިސްލާހެއް!
2 ގަޑިއިރު ކުރިން

ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު 15 އަށް އިތުރުކުރަން މަޖިލީހަށް ހުށަހަޅައިފި
2 ގަޑިއިރު ކުރިން

މަޖިލީހުގެ ދައުރު ޑިސެމްބަރު 15 އަށް ދަންމާލަން ފާސްކޮށްފި
5 ގަޑިއިރު ކުރިން

އަންހެނުންގެ ކޮމިޓީތަކަށް ދޭ ފައިސާ ދެގުނަ ކުރަން ހުށަހަޅައިފި
ދުވަހެއް ކުރިން


