logo
ދިވެހިރާއްޖޭގެ ހައިކޯޓު---

ދިވެހިރާއްޖޭގެ ހައިކޯޓު---

ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު 15 އަށް އިތުރުކުރަން މަޖިލީހަށް ހުށަހަޅައިފި

profile

ޖިނާން ޙުސައިން ޖަބީން - 25 ނޮވެމްބަރު 2026 - 11:59

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު 15 އަށް އިތުރުކުރުން ހިމެނޭހެން ކޯޓުތަކާ ބެހޭ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

https://wamco.com.mv/

ވެރިކަންކުރާ މައި ޕާޓީ ޕީއެންސީގެ ފަރާތުން، ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު ހުށަހެޅުއްވި މި ބިލުގައި ބަޔާންކޮށްފައިވަނީ، ހައިކޯޓުގެ މަސައްކަތްތައް އިތުރަށް ހަލުވިކޮށް ހަރުދަނާކުރުމަށްޓަކައި، މިހާރު އެ ކޯޓުގައި ތިއްބަވާ 11 ފަނޑިޔާރުންގެ ބަދަލުގައި، ފަނޑިޔާރުންގެ ޖުމުލަ އަދަދަކީ 15 ކަމުގައި ކަނޑައެޅުމަށެވެ.

ފަނޑިޔާރުންގެ އަދަދަށް ގެންނަ ބަދަލުގެ އިތުރުން، ޝަރީއަތްތަކާ ގުޅޭ އިޖުރާއާތުތަކަށް ވެސް އިސްލާހުތަކެއް ގެނައުމަށް މި ބިލުގައި ވަނީ ހިމަނާފައެވެ. އެގޮތުން، ހައިކޯޓުގައި އިސްތިއުނާފުކުރާ މައްސަލަތަކުގެ ލިޔެކިޔުންތައް ފޮނުވުމަށް ދަށު ކޯޓުތަކަށް ދެވޭ މުއްދަތު އެއްހަމަކުރުން ހިމެނެއެވެ. ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ ގޮތުން، މާލޭގެ ކޯޓުތަކަށް ގިނަވެގެން 7 ދުވަސް އަދި އަތޮޅުތަކުގެ ކޯޓުތަކަށް 30 ދުވަހުގެ މުއްދަތެއް ލިބުނު ނަމަވެސް، އައު އިސްލާހުގައި ވަނީ ހުރިހާ ދަށު ކޯޓަކުން ވެސް 14 ދުވަހުގެ ތެރޭގައި އެ ލިޔެކިޔުންތައް ހައިކޯޓަށް ފޮނުވަންޖެހޭ ގޮތަށް ހަމަޖެއްސުމަށް ހުށަހަޅާފައެވެ.

ހަމައެއާއެކު، ޝަރީއަތުގެ ކަންކަން ދެފުށް ފެންނަ ގޮތެއްގައި ކުރިއަށްގެންދިއުން އިތުރުކުރުމުގެ ގޮތުން، ގާނޫނުއަސާސީ ނުވަތަ ގާނޫނަކުން ސިއްރުކުރުމަށް ކަނޑައަޅާފައިވާ ހާއްސަ ހާލަތްތައް ފިޔަވައި، ހައިކޯޓުގެ އެންމެހައި އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދިއުން ލާޒިމުކުރުމަށް ވެސް ވަނީ ހުށަހަޅާފައެވެ.

މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި އިސްލާހުތައް ގެނައުމުގެ މައިގަނޑު މަގްސަދަކީ ޝަރުއީ ދާއިރާގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ. މިގޮތުން ކޯޓުތައް އެކުލެވިގެންވާ ގޮތާއި، އެ ކޯޓުތަކުގެ އިހްތިސާސްތައް މުރާޖައާކޮށް، ކޯޓުތަކުގެ އިސް މަގާމުތައް ހަމަޖެއްސުމުގެ ނިޒާމު އިތުރަށް ފުރިހަމަކުރުމަކީ މި ބިލުގެ މައިގަނޑު އަމާޒެވެ.

https://wamco.com.mv/
tel:+9607331319