logo

އެއް ދުވަސް މަތިން މޮސްކޯއަށް 620 ޑްރޯން ހަމަލާ ދީފި

profile

އާމިނަތު ޝަޒްލާ - 18 އޯގަސްޓު 2026 - 13:42

ރަޝިއާގެ ވެރިރަށް މޮސްކޯއަށް އަމާޒުކޮށް ޔޫކްރެއިނުން އެއް ދުވަސް ތެރޭގައި 620 އެއްހާ ޑްރޯން ހަމަލާދީފައިވާ ކަން ރަޝިއާގެ އޮފިޝަލުން ހާމަކުރައްވައިފިއެވެ. މިއީ ފާއިތުވި ދެ އަހަރުގެ ތެރޭގައި ޔޫކްރެއިނުން މޮސްކޯއަށް ދީފައިވާ އެންމެ ވަރުގަދަ އަދި އެންމެ ބޮޑު ހަމަލާތައް ކަމުގައި ރަޝިޔާގެ ސަރުކާރުގެ ނޫސް އިދާރާތަކުން ވަނީ ސިފަކޮށްފައެވެ.

https://wamco.com.mv/

މޮސްކޯގެ މޭޔަރު ސިރްގިޔޭ ސައިބިޔާނިއަން ވިދާޅުވީ، އޮގަސްޓު 17 ވަނަ ދުވަހުގެ ހަވީރުން ފެށިގެން 18 ވަނަ ދުވަހުގެ ފަތިހާ ހަމައަށް ޔޫކްރެއިނުން ދިން ވަރުގަދަ ހަމަލާތަކުގައި ބޭނުންކުރި 180 ޑްރޯން ދިފާޢީ ބާރުތަކުން ވައްޓައިލާފައިވާ ކަމަށެވެ. އަދި އޭގެ ފަހުން ވެސް ފޮނުވާލި އިތުރު 17 ޑްރޯން ހަމަލާއެއް ކާމިޔާބުކަމާއެކު ދިފާޢުކޮށް ވައްޓައިލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މޮސްކޯ ސަރަޙައްދުގެ ގަވަރުނަރު އަންދްރޭ ވަރައިބިޔޮފް ވިދާޅުވި ގޮތުގައި، މި ހަމަލާތަކުގައި 10 އަހަރުގެ އަންހެން ކުއްޖަކާއެކު ޖުމްލަ ތިން މީހަކު ވަނީ ޒަޚަމުވެފައެވެ. މި ހަމަލާތަކުގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ޕަވްލޮވްސްކީ ޕަސާދު ސަރަޙައްދަށެވެ. އެގޮތުން އެ ސަރަޙައްދުގެ ގެއެއްގައި ރޯވެ އަނދާފައިވާއިރު، ބަގަރޮދްސްކީ ޑިސްޓްރިކްޓުން އިތުރު ގެތަކަކަށާއި ގެސްޓްހައުސްއަކަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.

މީގެއިތުރުން، މޮސްކޯގެ އިރުމަތީގައި ހުންނަ މަޝްހޫރު 'ވައިލްޑްބެރީސް' ކުންފުނީގެ ގުދަނަކަށް ވެސް މި ހަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އެ ކުންފުންޏަށް ޔޫކްރެއިނުން ހަމަލާ އަމާޒުކޮށްފައިވަނީ، ރަޝިއާގެ އަސްކަރިއްޔާއިން ޑްރޯން އުފެއްދުމަށް ބޭނުންކުރާ ސާމާނު އެ ކުންފުނިން ފޯރުކޮށްދޭ ކަމަށް ތުހުމަތުކޮށެވެ.

މި ދަނޑިވަޅުގައި ރަޝިއާއިން ވެސް ވަނީ ޔޫކްރެއިނުގެ އެކި ސަރަޙައްދުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ. ޔޫކްރެއިންގެ ވައިގެ ސިފައިން ހާމަކުރި ގޮތުގައި، ރަޝިޔާއިން ފޮނުވާލި 147 ޑްރޯންގެ ތެރެއިން 111 ޑްރޯން ވަނީ ވައްޓައިލާފައެވެ.

ޔޫކްރެއިންގެ ޚަރްކީވްގެ އިޒުމް ސިޓީއަށް ރަޝިއާއިން ދިން ހަމަލާއެއްގައި ނުވަ އަހަރުގެ ފިރިހެން ކުއްޖަކާއެކު ފަސް މީހަކު ޒަޚަމުވި ކަމުގައި އެ ސަރަޙައްދުގެ ގަވަރުނަރު އޮލެހް ހިންސެހުބޮވް ވިދާޅުވިއެވެ. އަދި ވެރިރަށް ކީވް ސަރަޙައްދުގެ ބްރޮވާރީ ސިޓީގެ އޮފީސް އިމާރާތަކަށާއި ގުދަންތަކަކަށް ހަމަލާ އަރައި ބޮޑެތި ގެއްލުންތަކެއް ލިބި އަލިފާން ރޯވި ކަމުގައި އެ ސިޓީގެ މޭޔަރު އީހޯރް ސާޕޯޜްކޯ ވަނީ ވިދާޅުވެފައެވެ.

https://wamco.com.mv/
tel:+9607331319