
އައްޑޫއިން ގޯތި ރަޖިސްޓްރީކޮށް ދޭނީ އެއްބަސްވުމެއް ހަދައިގެން: ކައުންސިލް

މުޙައްމަދު ހަފީޒް - 04 ފެބްރުއަރީ 2025 - 08:15
އައްޑޫ ސީޓީން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކަށް ރަޖިސްޓަރީ ހަދައިދޭނީ ކައުންސިލާއެކު ހަދާ އެއްބަސްވުމަކާ އެކީ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެެވެ.
އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ، އެގޮތަށް ނިންމީ މިދިޔަ މަހުގެ 29 ގައި ކައުންސިލުން ނިންމާފައިވާ ނިންމުމަކާ ގުޅިގެން ކަމަށެވެ.
ދޫކޮށްފައިވާ ގޯތިތަކަށް ގޯތީގެ ރަޖިސްޓްރީ އާއި ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހެދުމަށް އެދި ހުށަހަޅާ ފަރާތްތަކުން ކައުންސިލާ ދެމެދު އެއްބަސްވުމެއް އެކުލަވާލަން ޖެހޭނެ ކަމަށް ބަޔާނުގައި ވެއެވެ.
ކައުންސިލުން ބުނީ އެއްބަސްވުމެއް އެކުލަވާލުމުގެ މަގުސަދަކީ، ހުރިހާ ފަރާތްތަކާ މެދު ހަމަހަމަ އުޞޫލެއްގެ ދަށުން ޢަމަލުކުރުމާ އެކު، ބިމާބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާ އެއްގޮތަށް ގޯތި ލިބިފައިވާ ފަރާތްތަކުން ޢަމަލުކުރައްވަމުން ގެންދާކަން ކަށަވަރު ކުރުމުގެ ގޮތުން ކަމަށެވެ.
އެގޮތުން ދިރިއުޅުމުގެ ބޭނުމަށް ދޫކޮށްފައިވާ ގޯތިތައް ސާފުކުރުމާއި ބެލެހެއްޓުމާއި، އިން ފާރު ރޭވުން ފަދަ ކަންކަން ގޯތީގެ ވެރިފަރާތުން ކުރާކަން ޔަގީންކުރަން ބޭންވުމަކީ ވެސް އެއްބަސްވުން ހަދަން ނިންމި ސަބަބެއް ކައުންސިލުން ބުންޏެވެ.
އައްޑޫގެ ހުރިހާ އަވަށަކުން ވެސް ދިރިއުޅުމަށް ދޫކޮށްފައިވާ ގިނަ ގޯތިތަކެއް ފަޅުވާން ދޫކޮށްފައި ހުރުމަކީ ކައުންސިލުން ކަންބޮޑުވާ ކަމެއް ކަމަށެވެ. އެހެންވެ ޤާނޫނާ ގަވާއިދުގެ ތެރެއިން އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް މިހާރު ކައުންސިލުން ނިންމާފައިވާ ނިންމުން ތަންފީޒު ކުރުމުގައިވެސް މިއީ އިތުރު ހަރުފަތަކަށް ވާނެ ކަމަށް ބުންޏެވެ.
ގިނަ އަހަރުތަކެއް ފަހުން އައްޑޫން އެންމެ ފަހުން ބަންޑާފަ ގޯތި ދޫކުރީ މިދިޔަ އަހަރުއެވެ. އެގޮތުން ހަތަރު އަވަށަކުން 1،000 ގޯތި ދޫކުރިއެވެ. އެއީ ހިތަދު އާއި ފޭދު އާއި ހުޅުދޫގެ އިތުރުން މީދޫންނެވެ
ހިތަދޫން 500 ގޯއްޗާއި ފޭދޫން 300 ގޯއްޗާއި ހުޅުދޫން 100 ގޯއްޗާއި މީދޫން 100 ގޯއްޗެކެވެ.
ހުޅުދު އާއި މީދޫން ދޫކުރަން ނިންމީ 2،000 އަކަފޫޓްގެ ގޯއްޗެވެ. އަނެއް ދެ އަވަށުން ދޫކުރަން ނިންމީ 1،500 އަކަފޫޓްގެ ގޯއްޗެކެވެ.
މި އަވަށްތަކުން ދޫކުރަން ނިންމި ގޯތިތަކުގެ ތެރެއިން ގިނަ އަދަދެއްގެ ގޯތި މިހާތަނަށް ހަވާލުކުރެވިފައިވާ ކަމަށް ކައުންސިލުން ބުނެ އެވެ.
ގުޅުން ހުރި ޙަބަރުތައް

އައްޑޫ ސިޓީ ހިތަދޫ ކޯޓުގެ މެޖިސްޓްރޭޓުގެ ސުލޫކީ މައްސަލައެއް ބަލަނީ
2 އަހަރު ކުރިން

އައްޑޫ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފި
2 އަހަރު ކުރިން

އައްޑޫއަށް އުފާވެރި މެސެޖެއް: ޝަންގްރިއްލާގެ މައްސަލަ ހައްލު ކޮށްދޭން - ރައީސް
2 އަހަރު ކުރިން

ޕްރައިމަރީގައި ނިންމާ ގޮތަކުން އެމްޑީޕީއަށް ވެރިކަން ގެއްލިދާނެ - މޭޔަރ ނިޒާރު
2 އަހަރު ކުރިން