ލޮސް އެންޖެލިސް އަލިފާން: 24 މީހުން މަރު، 16 މީހުން ގެއްލިފައި، އަލިފާން ކޮންޓްރޯލެއް ނުވޭ
ސައިފް އަޒުހަރު - 13 ޖެނުއަރީ 2025 - 10:12
އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ލޮސް އެންޖެލިސްގައި ރޯވެ އަނދަމުންދާ އަލިފާނުގައި މިހާތަނަށް 24 މީހުން މަރުވެފައިވާ ކަމަށް، ކަމާބެހޭ އިދާރާތަކުން ކަށަވަރު ކޮށްދީފިއެވެ.
އަދި 16 މީހަކު ގެއްލިފައިވާ ކަމަށްވެސް ރިޕޯޓް ކޮށްފައި ވެއެވެ.
އެލްއޭ ކައުންޓީ މެޑިކަލް އެގްޒަމިނަރސް އޮފީހުން ބުނެފައިވަނީ، މަރުވި ކަމަށް މިހާތަނަށް ކަށަވަރުވެފައިވާ 24 މީހުންގެ ތެރެއިން 8 މީހުން މަރުވެފައިވަނީ ޕަލިސޭޑްސް އަލިފާންގަނޑުގައި ކަމަށެވެ. އަދި އަނެއް 16 މީހުން މަރުވެފައިވަނީ އީޓަން އަލިފާނުގައެވެ.
12 މީހަކު ގެއްލިފައިވަނީ ޕަލިސޭޑްސް ސަރަހައްދުންނެވެ. 4 މީހަކު ގެއްލިފައިވަނީ އީޓަން ސަރަހައްދުންނެވެ.
ލޮސް އެންޖެލިސްގެ އެކި ސަރަހައްދުތަކުގައި ބޮޑެތި އަލިފާންގަނޑުތައް ރޯވެ، ޖަންގަލިތައް އަނދައި އަދި އަލިފާންގަނޑު މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ފެތުރުމުގެ ސަބަބުން މިހާތަނަށް 12،000 އަށްވުރެ ގިނަ ގެދޮރު ވަނީ އަނދައި އަޅިއަށް ވެގެން ގޮސްފައެވެ.
އަލިފާނުގެ ސަބަބުން ލައްކައަކަށްވުރެ ގިނަ މީހުންނަވަނީ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ގޮސްފައެވެ.
ކުރިއަށް، ބާރުގަދަ ވައިގެ ތޫފާނެއް އަރާނެކަމަށް ލަފާކޮށްފައިވާތީ، ތޫފާނުގެ ކުރިން އަލިފާންގަނޑުތައް ކޮންޓްރޯލް ކުރެވޭތޯ ފަޔަރ ފައިޓަރުން ކެނޑިނޭޅި ގެންދަނީ މަސައްކަތް ކުރަމުންނެވެ. އެކަމުގައި ބޭރު ގައުމުތަކުންވެސް ގެންދަނީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.
އަލިފާން ނިއްވަން ބޭނުންވާ ސަމާނު ނެތުމާއި، އެކަމަށް ސްޓޭޓް ސަރުކާރުން ތައްޔާރުވެފައި ނެތްކަމަށް ބުނެ ސްޓޭޓްގެ ގަވަރްނަރާއި، ލޮސް އެންޖެލިސް ސިޓީގެ މޭޔަރުގެ އިސްތިއުފާއަށް އެކި އެކި ފަރާތްތަކުން ގޮވާލަމުން ގެންދާއިރު، ކެލިފޯނިއާ ސްޓޭޓްގެ ކަމާބެހޭ އޮފިޝަލުން ވިދާޅުވަމުން ގެންދަވަނީ، އަލިފާނުގެ ހާދިސާތަކަށް ސްޓޭޓް އޮތީ ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށާއި، އެކަމަކު "ވައި ގަދަވެ މިވަރަށް އަލިފާންގަނޑުތައް ފެތުރިގެން ހިނގައިދާނެ ކަމަށް" ހީވެސް ނުކުރާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް
އެމެރިކާއަށް ފިނީގެ ތޫފާނެއް، 16 މީހުން މަރުވެއްޖެ
2 އަހަރު ކުރިން
އެމެރިކާ އާއި ޗައިނާގެ ޚާރިޖީ ގުޅުން ވަރުގަދަ ކުރުމަށް ދެ ޤައުމު ދެމެދުގައި މަޝްވަރާކޮށްފި
2 އަހަރު ކުރިން
އެމެރިކާ އާއެކު ނިއުކްލިޔާ މަސައްކަތްތައް ކުރުމަށް މަޝްވަރާ ކުރެވިއްޖެ- ދެކުނު ކޮރެއާ
2 އަހަރު ކުރިން
އަލިފާނާއި ގުޅޭ ބައެއް 'އަސްލު'ތައް
2 އަހަރު ކުރިން