logo

ޝިރުކުން އެއްކިބާވުން

profile

މުހައްމަދު މުޝްރިފް - 15 ނޮވެމްބަރު 2025 - 08:05

ޝިރުކު ނުވަތަ ﷲ އާއި އެހެން ފަރާތެއް ބައިވެރިކުރުމަކީ އިސްލާމް ދީނުގައި އެންމެ ބޮޑުވެގެންވާ ފާފައެވެ. އެއީ މުޅި ދީނުގެ އަސާސް ކަމުގައިވާ ﷲ އެއްކައުވަންތަކުރުމާއި ޚިލާފުވުމެވެ. ﷲ އެއްކައުވަންތަކުރުމުގެ މާނައަކީ ރައްބުވަންތަކަމާއި، އިލާހުވަންތަކަމުގެ އިތުރުން އިސްމުފުޅުތަކާއި ޞިފަފުޅުތަކުގައި އެކަލާނގެ އާއި އެއްވެސް އެހެން ފަރާތެއް ބައިވެރި ނުކުރުމެވެ.

https://wamco.com.mv/
  • ރައްބުވަންތަކަމުގައި ﷲ އެއްކައުވަންތަ ކުރުން: ހެއްދެވުން ނުވަތަ ޚަލްޤު ކުރެއްވުމާއި، ރިޒުޤު ދެއްވުމުގެ އިތުރުން ދިރުއްވުމާއި މަރުގެންނެވުން، އަދި ހުރިހާ ކަމެއްމެ ބައްސަވާ ތަދުބީރުކުރައްވާ ހިންގެވުމުގެ ކުޅަދުންވަންތަކަމުގައި ﷲ ތަޢާލާ އާއި އެއްވެސް އެހެން ފަރާތެއް ބައިވެރި ނުކުރުން.
  • އިލާހުވަންތަކަމުގައި ﷲ އެއްކައުވަންތަ ކުރުން: އެންމެހާ އަޅުކަންތަކުގައި (ނަމާދު، ރޯދަ، ދުޢާ، ނަދުރު، ޤުރުބާން) ﷲ ފިޔަވާ އެހެން ފަރާތެއް ބައިވެރި ކުރުމަކާ ނުލާ، އެއަޅުކަންތައް ހަމައެކަނި ﷲ ތަޢާލާއަށް ޚާލިސްކުރުން.
  • އިސްމުފުޅުތަކާއި ސިފަފުޅުތަކުގައި ﷲ އެއްކައުވަންތަ ކުރުން: ﷲ ތަޢާލާގެ އިސްމުފުޅުތަކާއި ޞިފަފުޅުތަކުގައި އެކަލާނގެއާއި އެއްވެސް ފަރާތެއް އެއްފަދަކުރުމަކާ ނުލާ، އެކަލާނގެއަށް ޙައްޤުވެގެންވާ ގޮތުގައި އެ އިސްމުފުޅުތަކާއި ޞިފަފުޅުތަކަށް އީމާންވުން.

ޝިރުކު އުފެދެނީ މި ތިން ބައިގެ ތެރެއިން ބަޔަކަށް ނުވަތަ ހުރިހާ ބަޔަކަށް ތަބާނުވުމުގެ ސަބަބުންނެވެ.

ބުއްދީގެ ވިސްނުމުން ޝިރުކުން އެއްކިބާވުން

ބުއްދީގެ ގޮތުން ވިސްނާލާއިރު ޝިރުކުގެ ބާޠިލުކަން ސާބިތުވާ ގޮތްތަކެއް އެބަހުއްޓެވެ.

  1. އުފެދުމުގެ ޙަޤީޤަތް: ކާއިނާތުގައި ހިނގާ ހުރިހާ ކަމެއްގައި އެއްވެސް ބައިވެރިއަކާ ނުލައި ހަމައެކަނި އެއް ފަރާތެއްގެ ބާރާއި އިރާދަ ފެނިގެންދެއެވެ. އިރުހަނދާ ތަރިތަކުގެ ނިޒާމު ބައްޓަންވެފައިވާ ގޮތާއި، މޫސުން ބަދަލުވެގެންދާ ތަރުތީބުކަމާއި، ތަފާތު ދިރޭ ތަކެތީގެ ބާވަތްތައް އުފެދިފައިވާ އާދަޔާޚިލާފު ގޮތްތަކަކީ އެއްކައުވަންތަ ބާރުގަދަ ފަރާތެއްގެ ކުޅަދުންވަންތަކަން ހަމަވިސްނޭ ބުއްދިއަކަށް ދައްކުވައިދޭ ހެކިތަކެކެވެ. ދެ ޚާލިޤުން ނުވަތަ އިލާހުން ވާނަމަ، އެ ދެފަރާތުގެ ދެމެދުގައި ހިޔާލުތަފާތުވެ، ނިޒާމު ގެއްލި، ކަންތައްތައް ހަލާކުވެގެން ދިޔައީސްކަން ބުއްދި ޤަބޫލުކުރެއެވެ.

ކީރިތި ޤުރްއާނުގައި ﷲ ވަޙީކުރައްވާފައިވެއެވެ:

﴿ لَوْ كَانَ فِيهِمَآ ءَالِهَةٌ إِلَّا ٱللَّهُ لَفَسَدَتَا ۚ فَسُبْحَـٰنَ ٱللَّهِ رَبِّ ٱلْعَرْشِ عَمَّا يَصِفُونَ ﴾

މާނައީ: "އެ ދެތާނގައި (އެބަހީ: އުޑާއި، ބިމުގައި) اللَّه މެނުވީ إله ންތަކެއް ވީނަމަ، އެ ދެތަން ފަސާދަވެއްޖައީހެވެ. ފަހެ، އެއުރެން އެ ސިފަކޮށް ބުނާކަންތަކުން، ޢަރްޝްގެ ގެވެރި اللَّه، ހުސްޠާހިރު ވެވޮޑިގެންވެއެވެ." (ސޫރަތުލް އަންބިޔާ: 22)

  1. ބާރެއްނެތް ފަރާތަކަށް އަޅުކަން ކުރުމުގެ ބޭކާރުކަން: ﷲ ފިޔަވައި އެހެން ފަރާތަކަށް އަޅުކަން ކުރާމީހާ އެ އަޅުކަންކުރާ (މަރުވެފައިވާ ވަލީވެރިއް، ބުދެއް ނުވަތަ ތަރިއެއް ވިޔަސް) ފަރާތަކީ އޭނާއަށް އެއްވެސް ފައިދާއެއް ނުވަތަ ގެއްލުމެއް ދިނުމުގެ ބާރު ނެތް ފަރާތެއްކަން ބުއްދިއަށް އެނގެއެވެ. އެންމެހާ ކަމަކަށް ކުޅަދުންވަންތަ އިލާހު ދޫކޮށް އެފަދަ ބާރެއްނެތް އެއްޗަކަށް އަޅުކަންކުރުމަކީ ކިހާވަރެއްގެ ބޭކާރު ކަމެއްކަން ބުއްދިއަށް ސާބިތުކޮށްދެއެވެ.

ސައިންސުގެ ޢިލްމީ ނަޒަރަކުން ޝިރުކުން އެއްކިބާވުން

ސައިންސްގެ ދާއިރާއިން ޝިރުކުން އެއްކިބާވުމަށް ސީދާގޮތުން ގޮވާނުލި ނަމަވެސް، ދުނިޔެއާއި ކާއިނާތުގެ ޙަޤީޤަތް ދިރާސާކުރާ ޢިލްމީ ހޯދުންތަކުން އިލާހީ އެއްކައުވަންތަކަމަށް ބާރުދޭ ނުކުތާތަކެއް ފާހަގަވެއެވެ.

  1. ޔުނިވަރސްގެ ވަޙުދަތު (އެއްބައިވަންތަކަން): ޢިލްމީ ދިރާސާތަކުން ދައްކާ ގޮތުގައި މުޅި ކާއިނާތު ހިނގަނީ އެއް ޤާނޫނުތަކެއްގެ ދަށުންނެވެ. ފިޒިކްސްގެ ޤާނޫނުތަކާއި، ކެމިސްޓްރީގެ އަސާސްތައް ޔުނިވަރސްގެ ކޮންމެ ދިމާލެއްގައި ވެސް ހިނގަނީ އެއް ގޮތަކަށެވެ. މީކަމުން ސާބިތުކޮށްދެނީ މުޅި ޔުނިވަރސްގެ ފަހަތުގައި އެއް "ކޮންޓްރޯލަރެއް" ނުވަތަ "ޑިޒައިނަރެއް" ވާކަމެވެ. އެކި ދިމާލުގައި އެކި ޤާނޫނުތައް ހިނގާ ނަމަ، މިއީ އެކި އިލާހުން ތަކެއް ވުމުގެ ފުރުޞަތު އޮތް ކަމަކަށް ވެދާނެއެވެ. އެހެންކަމުން، ސައިންސުން ދައްކައިދޭ މިފަދަ އެއް އަސާސެއްގެ މަތީގައި ހިނގުންދާ ނިޒާމުތަކަކީ، ޝިރުކުގެ ވިސްނުން ބާޠިލުކޮށް، އެއްކައުވަންތަ ފަރާތެއް ވާކަމަށް ބާރުލިބޭ ހެކިތަކެކެވެ.
  2. ދިރޭ ތަކެތީގެ ފުރިހަމަކަން: ބަޔޮލޮޖީ ޢިލްމުން އިންސާނާގެ ހަށިގަނޑާއި، އެހެން ދިރޭ ތަކެތީގެ އާދަޔާޚިލާފު ޑިޒައިން ދައްކުވައިދެއެވެ. އިންސާނާގެ ސިކުނޑި ހިނގާލެއް ތަރުތީބުކަމާއި، ޑީ.އެން.އޭ ގައިވާ މައުލޫމާތުގެ ފުރިހަމަކަމަކީ، ގިނަ ކަލާނގެތަކެއްގެ ބާރެއް ނުވަތަ މަސައްކަތެއް ކަމަށް ބުއްދިއަކަށް ޤަބޫލެއް ނުކުރެވެއެވެ. މިފަދަ ފުރިހަމަ ނިޒާމެއް ހެދޭނީ އެންމެހައި ޢިލްމާއި ބާރެއްގެ ވެރި، އެއްކައުވަންތަ ޚާލިޤަކަށް ކަންވެސް ބުއްދި ޤަބޫލު ކުރެއެވެ.

ޝިރުކުގެ ނުރައްކާތައް

ދީނީގޮތުންނާ ބުއްދީގެ ނަޒަރުން އަދި ސައިސާއި ޢިލްމީ ނަޒަރަކުން ބަލާއިރު ޝިރުކަކީ އިންސާނިއްޔަތަށާއި މުޖުތަމަޢަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމެކެވެ.

  1. އާޚިރަތުގެ ގެއްލުން (ދީނީ): ޝިރުކު ކުރާ މީހާ އަށް ﷲ ތަޢާލާ ފާފަ ނުފުއްސަވާނެކަން ކީރިތި ޤުރްއާނުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ކީރިތި ޤުރްއާނުގައި ﷲ ވަޙީކުރައްވާފައިވެއެވެ:

﴿ إِنَّ ٱللَّهَ لَا يَغْفِرُ أَن يُشْرَكَ بِهِۦ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَآءُ ۚ وَمَن يُشْرِكْ بِٱللَّهِ فَقَدِ ٱفْتَرَىٰٓ إِثْمًا عَظِيمًا ﴾

މާނައީ: "ހަމަކަށަވަރުން، اللَّه، އެކަލާނގެއަށް ޝަރީކު ކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ. އަދި، اللَّه އަށް ޝަރީކުކުރާ މީހާ (ދަންނާށެވެ!) ފަހެ، އެމީހާ ބޮޑުވެގެންވާ ފާފައަކަށް އަރައިގެންފިކަން ކަށަވަރެވެ." (ސޫރަތުއް ނިސާ: 48)

  1. ނަފްސާނީ އަދި އިޖްތިމާޢީ ގެއްލުން (ބުއްދީގެ ވިސްނުން): ޝިރުކުކުރާ މީހާގެ ހިތް އެކި ފަރާތްތަކަށް ބެހިގެންދެއެވެ. ގިނަ ފަރާތްތަކަށް ބިރުވެތިވެ، މަދަދަށް އެދެއެވެ. މިއީ އެއްވެސް ބާރެއް ނެތް ފަރާތްތަކަށް ބަރޯސާވެ، ނަފްސު ނިކަމެތިކުރުވާ ކަމެކެވެ. އަދި މިއީ މުޖުތަމަޢުގައި ފިތުނަ އާއި ފަސާދަ އުފެދުމަށް މަގުފަހިވާ ކަމެކެވެ. ޙައްޤު ނޫން ފަރާތްތަކަށް މާތްކަން ދެވި، އެފަރާތްތަކަށް ބިރުވެތިވެ، އެފަރާތްތަގެ ބާރުގެ ދަށަށް މީސްތަކުން ދާގޮތް މެދުވެރިވެއެވެ. މިއީ ނަފްސާނީ އަދި އިޖްތިމާޢީ ބަލިމަޑުކަމަކަށް ނޫނީ ނުވާނެއެވެ.
  2. މިސްރާބު އޮޅުން (ސައިންސުގެ ވިސްނުން): ޝިރުކުގެ ސަބަބުން، މީހުން ކަންކަމުގެ ޙަޤީޤީ ސަބަބުތައް ހޯދުމުގެ ބަދަލުގައި، އެކި ކަހަލަ ޚުރާފާތާއި ވާހަކަތަކަށް އިތުބާރުކުރަން ފަށައެވެ. މިސާލަކަށް ބައްޔެއް ޖެހުމުން ޑޮކްޓަރަށް ދެއްކުމުގެ ބަދަލުގައި، ސިހުރުވެރިންގެ މަދަދަށް އެދުމަކީ ޝިރުކުގެ ނުބައި އަސަރެކެވެ. މީގެ ސަބަބުން އިޖްތިމާޢީ ތަރައްޤީއަށް ހުރަސްއެޅި، ޢިލްމާއި ހޯދުންތަކަށް ސަމާލުކަން ކުޑަވެގެންދެއެވެ.

އިސްލާމް ދީނުގައި ބަޔާންވެގެންވާ އެއްކައުވަންތަކަމުގެ ޢަޤީދާއަކީ ހަމައެކަނި ދީނީ ޙުކުމެއް ނޫނެވެ. އެއީ އިންސާނާގެ ބުއްދިއަށް އެންމެ ސާފުކޮށް ޤަބޫލުކުރެވޭ، އަދި ކާއިނާތުގެ ޙަޤީޤަތްތަކުން ވެސް ބާރުލިބޭ ފިކުރެކެވެ. ޝިރުކުން އެއްކިބާވުމަކީ، އަޅާގެ ހިތް ހަމައެކަނި ﷲ ތަޢާލާ އަށް ޚާލިސްކޮށް، އެކަލާނގެ މަތިވެރިކަމަށް ޢިޤްރާރުވުމެވެ. އެހެންކަމުން ޝިރުކުން ސަލާމަތްވުމަށްޓަކައި އަބަދާއި އަބަދު ﷲގެ އެއްކައުވަންތަކަން ހަނދާންކޮށް، ހުރިހާ އަޅުކަމެއް އެކަލާނގެއަށްޓަކައި ޚާލިސްކުރަން ޖެހެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay