logo

ދިވެހީންގެ ބޭންކް - ދިވެހި ކޮންޓްރެކްޓަރުންނަށް އާދިރުމެއް

profile

މުހައްމަދު މުޝްރިފް - 02 ޑިސެމްބަރު 2025 - 19:24

ދިވެހިރާއްޖޭގެ ތަރައްޤީގެ އެންމެ މުހިންމު އަސާސަކީ ގައުމީ އުފެއްދުންތެރިކަމެވެ. އެގޮތުން، ދިވެހީނގެ ބޭންކް - ބޭންކް އޮފް މޯލްޑިވްސް އަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ އެންމެ އިސް އެއް ބައިވެރިޔާއެވެ. ޤައުމީ ތަރައްޤީގެ ބައިވެރިއެއްގެ ގޮތުން ބީއެމްއެލްއިން ވަނީ ދިވެހި ކޮންޓްރެކްޓަރުންނަށް އާދިރުމެއް ލިބިގެންދިޔަ މުހިއްމު ނިންމުމެއް ނިންމާފައެވެ.

https://wamco.com.mv/

އަމިއްލަ 53 ކުންފުންޏަކާ ސަރުކާރުން ޙަވާލުކުރައްވާފައިވާ ޖުމްލަ 206 މަޝްރޫޢަކަށް ބޭނުންވާ 2.7 ބިލިއަން ރުފިޔާގެ ފައިނޭންސް މި ނިންމުމުގެ ދަށުން، ބީއެމްއެލްއިން ފޯރުކޮށްދޭނެއެވެ. މިއީ ދިވެހިރާއްޖޭގެ ޢުމްރާނީ ތަރައްޤީއަށް ލިބިގެންދާ ވަރަށް މުހިންމު، އަދި އިޤްތިޞާދީ ގޮތުން ބޮޑު ކުރިއެރުމެކެވެ.

މަޝްރޫޢުތަކުގެ ތަފްޞީލު

މި ބިޔަ މަޝްރޫޢުތައް ބަހާލެވިފައިވާ ދާއިރާތަކަށް ބަލާއިރު، އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ޢުމްރާނީ ތަރައްޤީއާއި ގެދޮރުވެރިކަމަށެވެ. މި ދާއިރާއަށް އެކަނި ވެސް ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ، ނުވަތަ 997 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ޖުމްލަ 825 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ހިމެނެއެވެ.

މީގެ އިތުރުން، ތަޢުލީމީ ދާއިރާގެ 31 މަޝްރޫޢުއަށް 511 މިލިއަން ރުފިޔާ، އަދި ޞިއްޙީ ދާއިރާގެ 30 މަޝްރޫޢުއަށް 312 މިލިއަން ރުފިޔާ ވަނީ ޚަރަދުކުރެވޭ ގޮތަށް ހަމަޖެހިފައެވެ.

ބޭންކުން މި ފައިނޭންސް ދޫކުރަނީ ސަރުކާރުގެ ޕީއެސްއައިޕީ (PSIP) އެއްބަސްވުންތަކަށް ބިނާކޮށް، ބޭންކުގެ ޚާއްޞަ 'އިންވެސްޓާ ފައިނޭންސް މޮޑެލް' ގެ ދަށުންނެވެ. މާނައަކީ، މަޝްރޫޢުތައް ފެށުމަށްޓަކައި ކޮންޓްރެކްޓަރުންނަށް މާލީ އެހީތެރިކަން ލިބުން ވަނީ ޔަޤީންވެފައެވެ.

ޤާނޫނީ ހަމަތައް

މި މަޝްރޫޢުތައް ބީލަމަކަށް ނުލައި ޙަވާލުކުރެވުނުކަމާ މެދު ސިޔާސީ ބައެއް ފަރާތްތަކުން ވަނީ ބަހުގެ ހަމަލާ ދީފައެވެ. އަދި ބޭންކުން ލޯނު ދޫކުރުމުގެ އުޞޫލާ ގުޅޭގޮތުން ވެސް ތުހުމަތުތަކެއް ވަނީ ކޮށްފައެވެ.

ނަމަވެސް، މިކަމަށް ރައްދުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މަޝްރޫޢުތައް ޙަވާލުކުރެވުނީ އޮޑިޓް ރިޕޯޓުތައް ހުށަހަޅާފައިވާ އަދި ރަނގަޅު ރެކޯޑެއް އޮތް ކުންފުނިތަކަށް ކަމުގައެވެ.

އަދި ބީއެމްއެމްއެލްގެ ފަރާތުން ވެސް ވަނީ މިކަމުގައި ބޭންކިންގ ޤާނޫނާ ޚިލާފު އެއްވެސް ކަމެއް ނުވާކަމުގެ ޔަޤީންކަން ދީފައެވެ. އެ ބޭންކުން ބުނެފައިވަނީ، ލޯނު ދޫކުރުމުގެ ހުރިހާ ކަމެއް ކުރިއަށް ގެންދަނީ ޤާނޫނުތަކާއި، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް އެއްގޮތަށްކަމަށާއި، ބޭންކުގެ ބޯޑުން ފާސްކުރާ ކްރެޑިޓް ޕޮލިސީތަކުގެ ދަށުން ކަމަށެވެ.

ބީއެމްއެލްގެ މި ހަރުދަނާ ނިންމުމުގެ ސަބަބުން، މަޝްރޫޢުތައް ޢަމަލީ ގޮތުން ފެށޭނެކަމުގެ ޔަޤީންކަމުގެ އިތުރުން ހުއްޓުމެއްނެތި ކުރިޔަށް ގެންދެވެނެ ކަމުގެ ޔަޤީންކަން ވަނީ ލިބިފައެވެ.

އިޤްތިޞާދަށް ކުރާ އަސަރު

ބީއެމްއެލްގެ މި އެހީތެރިކަމުގެ ސަބަބުން ދިވެހި އިޤްތިޞާދަށް ވަރަށް ފުޅާ ދާއިރާއަކަށް ފައިދާ ކުރާނެކަމަށް ބެލެވެއެވެ.

ފުރަތަމަ ކަމަކީ: ވަޒީފާގެ ފުރުޞަތުތައް އިތުރުވުމެވެ. 206 މަޝްރޫޢު އެކީގައި ފެށުމަށްޓަކައި ގިނަ ޢަދަދެއްގެ މުވައްޒަފުން ބޭނުންވާނެއެވެ. އެހެންކަމުން ވަޒީފާގެ ފުރުސަތުތައް ތަނަވަސް ވެގެން ދާނެއެވެ. ދެވަނަ ކަމަކީ: އުފެއްދުންތެރިކަން އިތުރުވެގެން ދިޔުމެވެ. ކޮންޓްރެކްޓަރުންނަށް ފައިސާ ލިބުމުގެ ޔަޤީންކަން ލިބުމުން، މަސައްކަތުގެ ސްޕީޑު އަވަސްވެ އުފެއްދުންތެރިކަން އިތުރު ވެގެން ދާނެއެވެ. ތިންވަނަ ކަމަކީ: ގެދޮރުވެރިކަމުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް މަގުފަހިވުމެވެ. އެއީ 825 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް މީގެތެރޭގައި ހިމެނިފައި ވުމާއި، ފައިސާގެ ފަހިކަމާއިއެކު މިމަސައްކަތް ބާރުދުވެލީގައި ކުރިއަށް ގެންގޮސް އަވަހަށް ނިމިގެން ދާނެތީއެވެ.

އިޤްތިޞާދީ ތަޖުރިބާކާރުން ބުނާގޮތުގައި، ދިވެހި ކޮންޓްރެކްޓަރުންނަށް މިފަދަ ބޮޑު އެއްބާރުލުމެއް ލިބުމަކީ، މާލީ މާކެޓަށް އިތުރު އިތުބާރެއް ގެނެސްދޭނެ ކަމެކެވެ. ބީއެމްއެލްއިން މި ދޭ ދިރުމަކީ ހަމައެކަނި 53 ކުންފުންޏަށް ދޭ އެހީއެއް ނޫނެވެ. މިއީ ދިވެހީންގެ ބެންކުން މުޅިރާއްޖެއަށް ގެނެސްދިން އާދިރުމެކެވެ. އާއުއްމީދެކެވެ. މުޅި ޤައުމުގެ އިޤްތިޞާދަށް ކުރި އިންވެސްޓްމެންޓެކެވެ. މީގެ ސަބަބުން މުޅި ރާއްޖޭގެ އިޤްތިޞާދު ރަނގަޅުވެ ޤައުމީ ތަރައްޤީގެ ދުވެލި ބާރުވެގެން ދާނެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay