logo

ބަންގްލަދޭޝް އަދި އިންޑިއާއަށްވެސް ރަނގަޅުގޮތަކީ ހަސީނާ އަނގަމަޑުންލައިގެން ހުންނެވުން: ޔޫނުސް

profile

ސައިފް އަޒުހަރު - 08 ސެޕްޓެމްބަރު 2024 - 12:40

ބަންގްލަދޭޝްގެ ވަގުތީ ބޮޑުވަޒީރު މުޙައްމަދު ޔޫނުސް:

ބަންގްލަދޭޝްގެ ވަގުތީ ބޮޑުވަޒީރު މުޙައްމަދު ޔޫނުސް:

ޝަރީއަތް ހިންގުމަށްޓަކައި އަނބުރާ ގައުމަށް ގެނެވެންދެން "އަނގަމަޑުންލައިގެން ހުންނަވަން" ބަންގްލަދޭޝްގެ ވަގުތީ ބޮޑުވަޒީރު މުޙައްމަދު ޔޫނުސް، ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާއަށް ގޮވާލައްވައިފިއެވެ.

ވަގުތީ ބޮޑުވަޒީރު މުޙައްމަދު ޔޫނުސް މިކަމަށް މިގޮވާލެއްވީ، އިންޑިއާއިން ހިމާޔަތް ހޯއްދަވައިގެން ހުންނެވި ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ، ބަނގްލަދޭޝްގެ ކަންކަމާ ގުޅޭގޮތުން އެކިއެކި ވާހަކަތައް ދައްކަވައި ބަޔާންތައް ދެއްވާތީއެވެ.

ވަގުތީ ބޮޑުވަޒީރު މުޙައްމަދު ޔޫނުސް ވިދާޅުވީ، ޝައިޚް ހަސީނާގެ މައްޗަށް ޝަރީއަތް ހިންގަން، އޭނާ އަނބުރާ ގެނައުމަށް ބަންގްލަދޭޝްއިން ބޭނުންވަންދެން، ހަސީނާ އިންޑިއާގައި ބަހައްޓަން އިންޑިއާއިން އެދޭނަމަ ޝަރުތަކީ އަނގަމަޑުންލައިގެން ހުންނެވުން ކަމަށެވެ.

އިންޑިއާގައި ހުންނަވައިގެން އެކިއެކި ވާހަކަތައް ދައްކަވައި، އިރުޝާދުތައް ދިނުމަކީ ބަންގްލަދޭޝްގެ އެކަކުވެސް ބޭނުންވާ ކަމެއް ނޫން ކަމަށާއި، އެކަމަކީ ބަންގްލަދޭޝްއަށް އަދި އިންޑިއާއަށްވެސް ރަނގަޅު ގޮތެއް ނޫން ކަމަށް، ވަގުތީ ބޮޑުވަޒީރު ޔޫނުސް ވިދާޅުވިއެވެ.

ޝައިޚް ހަސީނާ މިދިޔަ ހަފްތާގައި ދެއްވި ބަޔާނެއްގައި ބަންގްލަދޭޝް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވީ، އެކަމަނާގެ ބައްޕާފުޅު އަދި ބަނގްލަދޭޝްގެ މިނިވަންކަމުގެ ބާނީ ޝައިޚް މުޖީބުއްރަހްމާން އަވަހާރަކޮށްލި ހާދިސާގެ ހަނދާންތައް އައު ކުރުމަށް ވެރިރަށް ޑާކާގެ މަގުތަކަށް އެއްވުމަށެވެ.

ހަސީނާގެ ގޮވާލެއްވުމަށް އެކަމަނާގެ އަވާމީ ލީގު ޕާޓީގެ ސަޕޯޓަރުން މަގުތަކަށް ނުކުތުމުން، އެކަމާ ދެކޮޅަށް މަގުތަކަށް ނުކުތް މީހުން ވަނީ، ދަގަނޑާއި ދަނޑިން ތަޅައި އެމީހުން ހުއްޓުވާފައެވެ.

އުމުރުފުޅުން 76 އަހަރުގެ ޝައިޚް ހަސީނާ މިދިޔަ އޮގަސްޓްމަހުގެ 5 ވަނަ ދުވަހު އަސްކަރީ ހެލިކޮޕްޓަރެއްގައި ފިއްލަވައިގެން ވަޑައިގެން އިންޑިއާއިން ހިމާޔަތް ހޯއްދެވީ، ބަންގްލަދޭޝްގައި މަހެއްހާ ދުވަސްވަންދެން ހިންގަމުންދިޔަ މުޒާހަރާތައް ހޫނުވެ، އާންމުން ބޮޑުވަޒީރުގެ ގަނޑުވަރު ވަށާލުމުންނެވެ.

މުޒާހަރާތަކުގެ ތެރޭގައި ސަލާމަތީ ބާރުތަކުން ބަޑިޖަހައި އެތައްސަތޭކަ ބަޔަކު މަރާލާފައި ވާތީ، ހަސީނާ އަނބުރާ ބަންގްލަދޭޝްއަށް ގެނެސް އޭނާގެ މައްޗަށް ޝަރީއަތް ހިންގަން ބަންގްލަދޭޝްގެ އާންމުން ގެންދަނީ ވަގުތީ ބޮޑުވަޒީރާއި އޭނާގެ ސަރުކާރަށް ޕްރެޝަރ ކުރަމުންނެވެ.

ނަމަވެސް، ޝައިޚް ހަސީނާ އަނބުރާ ބަނގްލަދޭޝްއާ ހަވާލުކުރުމަށް ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުން އަދި މިހާތަނަށް ރަސްމީގޮތުން އިންޑިއާގެ ކިބައިން އެދިފައެއް ނުވެއެވެ.

tel:+9607331319