މާލެ، ވިލިމާލެ، ގުޅިފަޅު، އަދި ތިލަފުށި ގުޅުވައިދޭ ހައި ކެޕޭސިޓީ ޓްރާންސްމިޝަން ލައިނެއް ގާއިމުކޮށް، ގުޅީފަޅުގައި 150 މެގަވޮޓްގެ ޑުއަލް ފިއުލް އިންޖީނުގެއެއް ގާއިމުކުރުމުގެ ދިރާސާތައް ކުރުމަށާއި އެކަމާ ގުޅޭ އަމަލީ މަސައްކަތްތައް ފެށުމަށް ސްޓެލްކޯއިން ޗައިނާގެ ޓީބީއީއޭ ގްރޫޕް ކޯ ލިމިޓެޑާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
ސްޓެލްކޯގައި ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއެވެ. ޓީބީއީއޭ ގުރޫޕްގެ ފަރާތުން ސޮއި ކުރެއްވީ ވައިސް ޕްރެސިޑެންޓް ސަންގް ހޮންގް ޒޮންގްއެވެ.
ސްޓެލްކޯއިން ބުނީ 150 މެގަވޮޓްގެ ޑުއަލް ފިއުލް އިންޖީނުގެ އެޅުމުގެ މަޝްރޫއުގެ ދަށުން ކަރަންޓް އުފެއްދުމުގެ ގާބިލްކަން ވަރަށް ބޮޑަށް އިތުރުކުރުމަށްޓަކައި މަރުކަޒީ ފެސިލިޓީއެއް ތަރައްގީކޮށް، ސްޓޭބަލް އަދި އިތުބާރު ހުރި ގޮތަކަށް ހަކަތަ ނުވަތަ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެކަން ކަށަވަރުކޮށްދޭނެ ކަމަށެވެ.
އަދި ހައި-ކެޕޭސިޓީ ޓްރާންސްމިޝަން ލައިނެއް ގާއިމުކުރުމުގެ ދަށުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލެވޭ ގޮތަށް މިސަރަހައްދުގެ ހަކަތައަށް ބޭނުންވާ މިންވަރު ފުއްދުމަށް ހަރުދަނާ ނެޓްވޯކެއް ގާއިމްކުރެވޭނެ ކަމަށެވެ.
ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ، މި އެމްއޯޔޫއަކީ ރާއްޖޭގެ ހަކަތައިގެ ދާއިރާގެ އިންފްރާސްޓްރަކްޗާ ކުރިއެރުވުމަށް ކުރާ މަސައްކަތުގައި ލިބުނު ވަރަށް ބޮޑު ކުރިއެެރުމެއް ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން ހަދާ އިންޖީނުގެއަކީ ތެލާއި ގޭސް އަދި ބަޔޯ ފިއުލް ބޭނުންކޮށްގެން ހިންގޭނެ އެންމެ ޒަމާނީ ވަސީލަތްތަކާ އެކު ގާއިމުކުރާ އިންޖީނުގެއެއް ކަމަށެވެ.
ގާތްގަނޑަކަށް 300 މިލިއަން ޑޮލަރުގެ މިމަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށިގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ މުޅި ގްރޭޓަރ މާލެ އޭރިއާ ހިމެނޭ ގޮތަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ދެވޭ ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި ވަކިން ހާއްސަކޮށް ސްޓެލްކޯއިން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ.
ޗައިނާ އާއި އެފްރިކާގެ ބައެއް ގައުމުތަކުގައި ހަކަތައިގެ ބޮޑެތި މަޝްރޫއުތަކެއް ހިންގާފައިވާ ޗައިނާގެ ޓީބީއީއޭ ގްރޫޕް ކޯ ލިމިޓެޑަކީ މިދާއިރާގައި ހަރަކާތްތެރިވާ ޗައިނާގެ އެންމެ ބޮޑު 10 ކުންފުނީގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ.