logo

ސަރުކާރުން ކައުންސިލްގެ މަސައްކަތްތަކަށް އެއްބާރުލުންދޭ: މޭޔަރު އާޒިމް

profile

މަރްޔަމް އުމްނާ އިސްމާޢީލް - 12 އޮކްޓޯބަރު 2024 - 19:26

މާލޭގެ މޭޔަރު އާދަމް އާޒިމް

މާލޭގެ މޭޔަރު އާދަމް އާޒިމް

މާލެ ސިޓީ ކައުންސިލްގެ މަސައްކަތްތަކަށް ސަރުކާރުގެ އެއްބާރުލުން ލިބޭ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އާޒިމް މިގޮތަށް ވިދާޅުވީ، މިއަދު ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ އިދިކޮޅު އެމްޑީޕީގެ "ލާމަރުކަޒީ ގުޅުން" މަހާސިންތާގައި ވާހަކަދައްކަވަމުން ނެވެ.

އާޒިމް ވިދާޅުވީ ކައުންސިލުން ކުރަން ބޭނުންވާ ކަންކަމުގައި ސަރުކާރުގެ އެއްބާރުލުން ލިބެ އެވެ. ކައުންސިލުން ކަމަކަށް އެދިއްޖެ ނަމަ، އެކަމެއް ވެސް ކޮށްދޭ ކަމަށް އޭނާ ވިދާޅުވި އެވެ. މިކަން ފާހަގަކުރައްވަމުން މިސާލެއްގެ ގޮތުގައި އާޒިމް ނެންގެވީ، ކައުންސިލަށް ކޮންސަލްޓެންޓުން ނެގުމުގެ ކަންކަމުގައި ވެސް ސަރުކާރުގެ އެއްބާރުލުން ލިބުން ކަމެވެ. އެގޮތުން އެފަހަރު އެ މަގާމަށް ނެގި 15 މީހުންގެ ތެރެއިން 14 މީހުންނަކީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ދަތިވާކަމެއް މިވަގުތު ނެތް ހަމަ. ކައުންސިލް ތެރެއިން ހަމަ އަޅުގަނޑު ބުނާކަމެއް ވެއްޖިއްޔާ ކޮށްދޭ. އަޅުގަނޑު ކޮންސަލްޓެންޓުން ނަގަން ބޭނުންވީމަ 15 ކޮންސަލްޓެންޓުން ނަގައިގެން ހަމަ އަޅުގަނޑުމެން ޕާޓީގެ މެމްބަރުން އެ ތިބީ ވެސް އެކަކު ނޫނީ. އެހެންވީމަ އަނެއް ގޮތަކަށް ދަތިކަމެއް އަޅުގަނޑަކަށް އަދި އަޅުގަނޑުގަނޑަކަށް ނުއެއް ޖެހޭ" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ރައްޔިތުންނާއި ގުޅުންހުރި މައްސަލަތަކުގައި ނޫނީ މިނިސްޓްރީތަކަށް ވެސް ކައުންސިލުން ނުދާ ކަމަށެވެ. އަދި ވަގުތު ދީގެން ކޮންމެ ކަމެއްވެސް މަސައްކަތް ކޮށްގެން ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. އާޒިމް ވިދާޅުވީ އޭނާ މަސައްކަތް ކުރަނީ އެންމެންނާ އެކު ގުޅިގެން ކަންކަން ކުރެވޭތޯ އެވެ.

" އެހެންމަ އަސްލު އަޅުގަނޑު މިކުރަނީ އެންމެންނާ ގުޅިގެން އެންމެންގެ ބަސް އަހައިގެން ކުރިއަށްދެވޭތޯ މިބަލަނީ. އެއީ މިކުރާ ކަމަކީ" އާޒިމްގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވި އެވެ.

އާޒިމްގެ ވާހަކަ ނިންމަވާލެއްވުމާ އެކު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވަނީ، ކައުންސިލްގެ ކޮންސަލްޓެންޓު ކަމުގެ ވަޒީފާ އެ ޕާޓީގެ މެމްބަރުންނަށް ދީފައިވާ ކަމަށް އާޒިމް ދެއްކެވި ވާހަކަ އުނިކުރުމަށްފަހު 'އެކްސް' ގައި ޕޯސްޓު ކުރުމަށް އެތަނުގައި ހުންނެވި މާލެ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް އަށް އަންގަވާފަ އެވެ.

" ޝަތޫ، ތި ވީޑީއޯ ކޮޅު ޓުވީޓު ކުރައްވަންޏާ (އާޒިމްގެ ވާހަކަ) އެޑިޓު ކޮށްލައްވައްޗޭ އަޅުގަނޑުމެންގެ ޕާޓީގެ މެމްބަރުންނަށް ކޮންސަލްޓެންސީ ވަޒީފާތައް ނެގުން، އިނގޭތޯ" ފައްޔާޒް ވިދާޅުވި އެވެ.

އެމްޑީޕީއިން ބޭއްވި މި މަހާސިންތާގައި ފެނިގެން ދިޔައީ ސަރުކާރާއި ގުޅޭ ގޮތުން އެ ޕާޓީގެ މޭޔާރ ދެކިވަޑައިގަންނަވާ ގޮތާއި، ޕާޓީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ދެކިވަޑައިގަންނަވާ ގޮތާއި ޚިޔާލުތަފާތުތަކެއް ހުރިކަމެވެ.

https://wamco.com.mv/
tel:+9607331319