logo

އާމްދަނީ ހޯދުމަަށް އެމްޑީޕީން ވިޔަފާރިއަށް ނުކުންނަނީ

profile

ޒިދާން މުޙައްމަދު - 03 އޮކްޓޯބަރު 2024 - 13:10

އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އަދި އެ ޕާޓީގެ ރައީސް ޝާހިދު

އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އަދި އެ ޕާޓީގެ ރައީސް ޝާހިދު

ޕާޓީއަށް އާމްދަނީ ހޯދުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ - އެމްޑީޕީން ވިޔަފާރީކުރުމަށް ނިންމައިފިއެވެ.

އެމްޑީޕީން މިގޮތަށް ނިންމީ ބުދަ ދުވަހުގެ ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި ފާސްކުރި ގަރާރަކުންނެވެ.

އެ ބައްދުލުވުމުގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ޗެއާޕާސަން، ފައްޔާޒު އިސްމާއީލް ވިދާޅުވީ، ސިޔާސީ ޕާޓީއެއް ހިންގޭނީ އެކަށީގެންވާ ވަރަށް ފައިސާ ހުރެގެން ކަމަށާއި އެމްޑީޕީ ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް ވެސް ފައިސާ ބޭނުންވާނެ ކަމަށެވެ.

އެމްޑީޕީގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަންވެސް ރެއްވި ފައްޔާޒު ވިދާޅުވީ ފާއިތުވި 19 އަހަރު އެމްޑީޕީއަށް މާލީ މިނިވަން ކަމާއި ތަނަވަސްކަން ހޯދިފައި ނުވާ ކަމަށެވެ.

އެހެންކަމުން، މިކަމަށް ހައްލު ހޯދުމުގެ މަގުސަދުގައި އެ ޕާޓީން ވަނީ އިތުރު ފައިސާ ހޯދުމަށްޓަކައި ގަރާރެއް ފާސްކޮށްފައެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވާ ގަރާރުގައި ބުނެފައިވަނީ، އާމްދަނީ ހޯދުމުގެ ގޮތުން ޕާޓީއަށް ހުރި ވިޔަފާރީގެ ފުރުސަތުތައް ދެނެގަތުމަށްފަހު ވިޔަފާރި ރަޖިސްޓަރީކުރާނެ ގޮތެއް ކަނޑައެޅުމަށާއި، ކުރާނެ ވިޔަފާރިތައް ފާސްކުރަން ގައުމީ މަޖިލީހުގެ ބައްދަލުވުމަކަށް ވީ އެންމެ އަވަހަކަށް ހުށަހަޅަންޖެހޭ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން ވިދާޅުވީ، އެމްޑީޕީން ކުރިއަށް ދިއުމަށް ފައިސާ ހޯދުމަށް ވިޔަފާރި ކުރެވޭނެ ޤާނޫނީ ނިޒާމެއް ހޯދަން ޖެހޭ ކަމަށާއި އެކަމާއިގެން ކުރިއަށް ދާންޖެހޭ ކަމަށެވެ.

މިހާރު ރާއްޖޭގައި އަމަލު ކުރަމުން އަންނަ ވިޔަފާރިކުރުމާ ބެހޭ ޤާނޫނުން ޕާޓީއަކުން ވިޔަފާރި ކުރެވޭނީ ކޮން ގޮތަކުންކަން ސާފު ނުވި ނަމަވެސް ސިޔާސީ ޕާޓީތަކުގެ ޤާނޫނުން ޕާޓީތަކުގެ ނަމުގައި ވިޔަފާރި ކުރުމަށް ހުއްދަ ދޭކަން ފައްޔާޒު ވަނީ ފާހަގަ ކުރައްވާފައެވެ.

އަދި މިހާރު ރާއްޖޭގައި އަމަލުކުރަމުންދާ ކުންފުނީގެ ޤާނޫނުން ޕާޓީއަކަށް ކުންފުންޏެއް ރަޖިސްޓަރީކޮށްގެން އެފަދަ ކަމެއް ކުރުމަށް ޖާގަ ލިބޭ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، އެމްޑީޕީން އެކަން ކުރިއަށް ގެންދިއުމަށް އެކަމާ ގުޅޭ ގޮތުން ކަމާ ބެހޭ ފަރާތްތަކާ ބައްދަލުކޮށް ސިޓީވެސް ފޮނުވާފައިވާ ކަމަށެވެ.

https://int.etukuri.mv/
tel:+9607331319