logo

އެމްޑީޕީން ''ލާމަރުކަޒީ ގުޅުން'' މަހާސިންތާ ފަށައިފި

profile

ޒިދާން މުޙައްމަދު - 12 އޮކްޓޯބަރު 2024 - 13:16

އެމްޑީޕީގެ ބައްދަލުވުމެއްގެ ތެރެއިން

އެމްޑީޕީގެ ބައްދަލުވުމެއްގެ ތެރެއިން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ - އެމްޑީޕީން "ލާމަރުކަޒީ ގުޅުން" ނަމުގައި ހާއްސަ މަހާސިންތާ މިއަދު ފަށައިފިއެވެ.

މިއަދު ހެނދުނު ފެށި މި މަހާސިންތާ ކުރިއަށް ގެންދަނީ ކުޅުދުއްފުށި ސިޓީގައެވެ.

އެމްޑީޕީން ބުނެފައިވާ ގޮތުގައި، އެކި ފިޔަވަހިތަކަށް ބަހާލައިގެން މިމަހާސިންތާ ރާއްޖޭގެ އެކި ހިސާބުތަކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމަހާސިންތާގެ ފުރަތަމަ ފިޔަވަހީގައި ރާއްޖޭގެ އުތުރު އެކި އަތޮޅުތަކުގައި މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފައެވެ.

ކުޅުދުއްފުށީގައި ބާއްވާ މަހާސިންތާގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި ކުރީގެ ނައިބުރައީސް ފައިސަލް ނަސީމް އަދި މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމްގެ އިތުރުން އެމްޑީޕީގެ މަޖިލިސް މެމްބަރުން އަދި ޕާޓީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

މިމަހާސިންތާގެ މައިގަނޑު މަގުސަދަކީ ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވާލުމަށް ސަރުކާރުން ކުރަމުން ގެންދާ ކަންކަމުގެ މައުލޫމާތު ކައުންސިލްތަކާ ހިއްސާކުރުން ކަމަށް އެމްޑީޕީން ބުނެއެވެ.

އެ ޕާޓީގެ ރައީސް ވިދާޅުވީ، ރާއްޖެއަށް ޒަމާނީ ލާމަރުކަޒީ ނިޒާމު ތަޢާރަފުކޮށް، އެނިޒާމުގެ ފައިދާ ރައްޔިތުންނަށް ލިބިދެވޭކަން ކަށަވަރުކޮށްދޭ ޕާޓީއަކީ އެމްޑީޕީ ކަމަށެވެ. މަހާސިންތާގައި މުހިއްމު މަޝްވަރާތަކެެއްކޮށް، ތަނަވަސް ޚިޔާލުތަކެއް ބަދަލުކުރާނޭ ކަމަށްވެސް ވިދާޅުވިއެވެ.

އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް މިމަހާސިންތާގެ ހަރަކާތްތައް ކުރިއަށް ގެންދާއިރު، އެމްޑީޕީގެ ޓީމުތަކުން ށ، ހއ. އަދި ހދ. އަތޮޅުގެ ރަށްތަކަށް ދާނެއެވެ. އެ ދަތުރުތަކުގައި ޕާޓީގެ ހިންގުން ހަރުދަނާ ކުރުމާ ގުޅޭ ގޮތުން މެމްބަރުންގެ ހިޔާލު ހޯދުން ވެސް އޮންނާނެއެވެ.

https://int.etukuri.mv/
tel:+9607331319