logo

ސިޔާސީ ޕާޓީތަކުން ވިޔަފާރިއަށް ނިކުތުމަށް ވަރަށް ތާއީދު: ފުއާދު

profile

ޝާމާ ޝުޢައިބު - 04 އޮކްޓޯބަރު 2024 - 18:30

ފުއާދު ތައުފީގް

ފުއާދު ތައުފީގް

ސިޔާސީ ޕާޓީތަކުން އާމްދަނީ ހޯދުމަށްޓަކައި، ގާނޫނާ ގަވާއިދުގެ ދަށުން ވިޔަފާރި ކުރުމަކީ އިލެކްޝަންސް ކޮމިޝަނުން ތާއީދުކުރާ ކަމެއް ކަމަށް އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

ޕާޓީއަށް އާމްދަނީ ހޯދުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީން) ވިޔަފާރިކުރުމަށް ނިންމި ނިންމުމާގުޅިގެން 'އަސްލު ޓީވީ' އާ ވާހަކަ ދައްކަވަމުން ފުއާދު ވިދާޅުވީ، ޕާޓީތަކަށް އާމްދަނީ ހޯދުމަށްޓަކައި ވިޔަފާރީގެ އިތުރުން، ގާނޫނުން ހުއްދަކުރާ، އާމްދަނީ ލިބޭ މަސައްކަތްތައް ކުރެވޭނެ ކަމަށެވެ.

10،000 މީހުން ހަމަނުވާ ކުދި ޕާޓިތަކަށް ދައުލަތުން މާލީ އެހީތެރިކަން ނުލިބޭކަން ފާހަގަކުރައްވާ ފުއާދު ވިދާޅުވީ އެހެންކަމުން ފައިސާ ހޯދުމަށްޓަކައި އެފަދަ މަސައްކަތެއް ކުރެވިދާނެ ކަމަށެވެ. އަދި އެއީ އެ ކޮމިޝަނުން ނުހަނު ބާރުއަޅާ ކަމެއް ކަމަށާއި އެކަމަށް އީސީގެ ފަރާތުން އެއްވެސް ދައްޗެއް ނުވަތަ ހުރަހެއް ކުރިމަތި ނުވާނެ ކަމަށެވެ.

އެމްޑީޕީން ބުދަ ދުވަހުގެ ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި ފާސްކުރި ގަރާރަކުން އެކަން ނިންމިއިރު އެ ބައްދުލުވުމުގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ޗެއާޕާސަން، ފައްޔާޒު އިސްމާއީލް ވިދާޅުވީ، ސިޔާސީ ޕާޓީއެއް ހިންގޭނީ އެކަށީގެންވާ ވަރަށް ފައިސާ ހުރެގެން ކަމަށާއި އެމްޑީޕީ ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް ވެސް ފައިސާ ބޭނުންވާނެ ކަމަށެވެ.

އެމްޑީޕީގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަންވެސް ރެއްވި ފައްޔާޒު ވިދާޅުވީ ފާއިތުވި 19 އަހަރު އެމްޑީޕީއަށް މާލީ މިނިވަން ކަމާއި ތަނަވަސްކަން ހޯދިފައި ނުވާ ކަމަށެވެ. އެހެންކަމުން، މިކަމަށް ހައްލު ހޯދުމުގެ މަގުސަދުގައި އެ ޕާޓީން ވަނީ އިތުރު ފައިސާ ހޯދުމަށްޓަކައި ގަރާރެއް ފާސްކޮށްފައެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވާ ގަރާރުގައި ބުނެފައިވަނީ، އާމްދަނީ ހޯދުމުގެ ގޮތުން ޕާޓީއަށް ހުރި ވިޔަފާރީގެ ފުރުސަތުތައް ދެނެގަތުމަށްފަހު ވިޔަފާރި ރަޖިސްޓަރީކުރާނެ ގޮތެއް ކަނޑައެޅުމަށާއި، ކުރާނެ ވިޔަފާރިތައް ފާސްކުރަން ގައުމީ މަޖިލީހުގެ ބައްދަލުވުމަކަށް ވީ އެންމެ އަވަހަކަށް ހުށަހަޅަންޖެހޭ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން ވިދާޅުވީ، އެމްޑީޕީން ކުރިއަށް ދިއުމަށް ފައިސާ ހޯދުމަށް ވިޔަފާރި ކުރެވޭނެ ޤާނޫނީ ނިޒާމެއް ހޯދަން ޖެހޭ ކަމަށާއި އެކަމާއިގެން ކުރިއަށް ދާންޖެހޭ ކަމަށެވެ.މިހާރު ރާއްޖޭގައި އަމަލު ކުރަމުން އަންނަ ވިޔަފާރިކުރުމާ ބެހޭ ޤާނޫނުން ޕާޓީއަކުން ވިޔަފާރި ކުރެވޭނީ ކޮން ގޮތަކުންކަން ސާފު ނުވި ނަމަވެސް ސިޔާސީ ޕާޓީތަކުގެ ޤާނޫނުން ޕާޓީތަކުގެ ނަމުގައި ވިޔަފާރި ކުރުމަށް ހުއްދަ ދޭކަން ފައްޔާޒު ވަނީ ފާހަގަ ކުރައްވާފައެވެ.އަދި މިހާރު ރާއްޖޭގައި އަމަލުކުރަމުންދާ ކުންފުނީގެ ޤާނޫނުން ޕާޓީއަކަށް ކުންފުންޏެއް ރަޖިސްޓަރީކޮށްގެން އެފަދަ ކަމެއް ކުރުމަށް ޖާގަ ލިބޭ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒު ވިދާޅުވީ، އެމްޑީޕީން އެކަން ކުރިއަށް ގެންދިއުމަށް އެކަމާ ގުޅޭ ގޮތުން ކަމާ ބެހޭ ފަރާތްތަކާ ބައްދަލުކޮށް ސިޓީވެސް ފޮނުވާފައިވާ ކަމަށެވެ.

https://wamco.com.mv/
tel:+9607331319