މިވަގުތު ރާއްޖޭގައި ޑްރަގްގެ ފަރުވާ ހޯދަމުންދާ 1500 ކުދިން އެބަތިބި ކަމަށް ނެޝަނަލް ޑްރަގް އޭޖެންސީގެ ސީއީއޯ މުހައްމަދު ރާޝިދު ވިދާޅުވެއްޖެއެވެ.
އެންޑީއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައެްދަލުވުމުގައި ވާހަކަ ދައްކަވަމުން ރާޝިދު ވިދާޅުވީ ޑްރަގްގެ ފަރުވާގެ ތެރޭގައި، ތަފާތު ދެ ސެންޓަރެއްގައި ކުދިން ފަރުވާ ނަގަމުންދާ ކަމަށެވެ.
ރާޝިދު ވިދާޅުވީ އޭގެ ތެރޭގައި ރެސިޑެންޝަލް ޕްރޮގްރާމްގެ ގޮތުގައި ސެންޓަރުގައި ތިބެގެން ފަރުވާ ނަގަމުންދާ ކުދިންނާއި، މުޖުތަމައުގެ ތެރޭގައި ތިބެގެން ފަރުވާ ނަގަމުންދާ ކުދިންނާއި، އަދި ބޭސް ދެވިގެން ފަރުވާ ދެމުންދާ ކުދިން ހިމެނޭ ކަމަށެވެ.
އެންޑީއޭގެ އެހީތެރިންކަން ފޯރުކޮށް ދޭންޖެހޭ ވަރަށް ގިނަ އަދެއްގެ ކުދިން އެބަތިިބިކަން ފާހަގަކުރައްވައި ރާޝިދު ވިދާޅުވީ ކުދިންނަށް ފަރުވާ ދިނުމުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މުވައްޒަފުންގެ ދަތިކަން ކަމަށެވެ. އެހެންކަމުން މަސްތުން ސާފުވެ ތިބި ކުންދިންގެ އެހީތެރިންކަން މިކަމުގައި ބޭނުންވާ ކަމަށް ރާޝިދު ވިދާޅުވިއެވެ.
މިއަދުގެ ޕްރެސްގައި ރާޝިދު ވިދާޅުވީ މިވަގުތު ރާއްޖޭގައި އާންމުވަމުން އަންނަ މަސްތުވާތަކެތީގެ ބާވަތްތައް ގިނަވުމުގެ ސަބަބުން ފަރުވާ ހޯދުމަށް އަންނަ ގިނަ ކުދިންނަކީ ނަފްސާނީ ބަލިމަޑުކަމެއްގެ ތެރެއަށް ވެއްޓިފައި ތިބި ކުދިން ކަމަށެވެ.
އަދި މިއީ ކަންބޮޑުވުމެއް ކަންފާހަގަކުރައްވައި ރާޝިދު ވިދާޅުވީ، މިއީ މަސްތުވާތަކެތި ބޭނުން ކުރުމުގެ ސަބަބުން އަންނަ ނަފްސާނީ ބަލިމަޑު ކަމެއް ކަމަށެވެ. ރާޝިދު ވިދާޅުވީ އެކަން މިއަދު ވަރަށް ގިނަ ޑްރަގް އެޑިކްޓުންގެ ފަރާތުން ފާހަގަކުރެވޭ ކަމަށާއި ހާއްސަކޮށް އެއީ ފަރުވާ ދިނުމުގެ ނިޒާމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ރާޝިދު ވިދާޅުވީ ފަރުވާ ދިނުމުގެ ނިޒާމު ބައްޓަން ކުރެވިފައިއޮތީ މަސްތުން ސާފުކޮށް މުޖުތަމައުއަށް ނެރުން ކަމަށެވެ.
އެހެންނަމަވެސް އަސާސީ މަސައްކަތެއްގެ ގޮތުގައި ފުރަތަމަ ކުއްޖާއަށް ނަފްސާނީ ގޮތުން ފަރުވާދޭން ޖެހޭ ފަދަ ހާލަތަކަށް އެބަ އާދޭ. މިއީ އަޅުގަނޑުމެން އިކުއިޕްޓް ވެފައިވާ ހާލަތެއް ނޫން. އެހެންވީމަ މިއީ ބޮޑު ޗެލެންޖެއެް: ރާޝިދު
މިއަހަރުގެ ބައިނަލްއަޤްވާމީ މަސްތުވާތަކެތީގެ ދުވަހުގެ މުނާސަބަތުގައި، މަސްތުވާތަކެތީގެ ވަބާއިން ރައްކާތެރިވެ، އެންމެންނަށް ޞިއްޙަތާއި ދުޅަހެޔޮކަން ކުރިއެރުވުމަށް ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން އެންޑީއޭގެ ބޯޑުން ވަނީ ދީފައެވެ.
މަސްތުވާތަކެތީގެ ވަބާ އާއި މި ވަބާގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ، މަސްތުވާތަކެތީގެ ވަބާއިން ރައްކާތެރިވުމަށާއި، ނަހަމަ ގޮތުގައި ޑްރަގު ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމާއި، އެފަދަ ފަރާތްތައް މުޖުތަމަޢަށް އަލުން ގެނައުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އެންޑީއޭގެ ބޯޑުން ރައްޔިތުންނަށް ވަނީ ދީފައެވެ.