ނެޝެނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގައި މަސައްކަތް ކުރުމުގެ އިންޓަރންޝިޕް ފުރުސަތު ހުޅުވާލަން ނިންމާފައިވާ ކަމަށް އެންޑީއޭގެ ޗެއަރ ޕަރސަން ލުބްނާ މުޙައްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
ލުބްނާ މިހެން ވިދާޅުވީ އެންޑީއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ދާއިރާއިން މަސައްކަތް ކުރާނެ މީހުން ހޯދުމުގައި ހުރި ދަތިތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.
ލުބްނާ ވިދާޅުވީ މި ސަރުކާރުން އެންޑީއޭގެ މަސައްކަތްތަކާ ހަވާލުވި ކޮށްފައިވާއިރު އެ ތަނުގައި މަސައްކަތްކުރާނެ ސައިކެޓްރިސްޓެއް ވެސް ނެތް ކަމަށެވެ. އެކަމަކު މިހާރު އެކަމަށް ކުރި މަސައްކަތުން މަސައްކަތް ކުރާނެ އިތުރު މުވައްޒަފުންނާއި ދެ ސައިކެޓްރިސްޓުން ވެސް ހޯދިފައިވާކަން ލުބްނާ ފާހަގަ ކުރެއްވިއެވެ.
ލުބްނާ ވިދާޅުވީ އޯލެވެލް އަދި އޭލެވެލް ހަދާފައިވާ ކުދިންނަށް އެންޑީއޭގައި އިންޓަރންޝިޕްގެ ފުރުސަތު އަންނަ ހަފްތާތެރޭގައިި ހުޅުވާލާނެ ކަމަށެވެ. އަދި ސައިކޮލިޖީގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރަން ބޭނުންވާ އަދި މިހާރު ކުރަމުން އަންނަ ފަރާތްތަކަށް ވެސް މި ފުރުސަތުގައި ބައިވެރިވެވޭނެ ކަމަށް ލުބްނާ ވިދާޅުވިއެވެ. އި
ންޓަރޝިޕަށް ހުޅުވާ ދާއިރާތަކުގެ ތެރޭގައި ލީގަލް އެސިސްޓަންޓުންނާއި ކައުންސިލަރުންގެ އެސިސްޓަންޓުން ވެސް ހިމެނޭ ކަމަށް ލުބްނާ ވިދާޅުވިއެވެ.
ޒުވާނުން ވަޒީފާގެ ތަމްރީން ހޯދުމަށްޓަކާ ނެޝެނަލް ޑްރަގް އެޖެންސީއާ ޖޮއިންކުރައްވައިފި ނަމަ ވަޒީފާގެ އިތުރު މަރުހަލާތަކަށް ދިރިއުޅުމުގަ ދާއިރު ރަނގަޅު ތަމްރީނެއް ލިބޭނެ އޭ. އަޅުގަނޑުމެން ހަމަ މިކަމަށް ވެލްކަމް ކުރަން އިނގޭތޯ ހުރިހާ ޒުވާނުންނަށް ވެސް: ލުބްނާ
ލުބްނާ ވިދާޅުވީ ޕިއަރ ތެރަޕިސްޓުންނާއި ޕިއަރ ރިވަރަރީ މެންޓަރސް އަކީ އެންޑީއޭއަށް ވަރަށް މުހިންމު ދެ ދާއިރާއެއް ކަމަށެވެ. އެކަމަކު މިކަހަލަ ވަރަށް މުހިންމު ބައެއް ވަޒީފާތައް އެންޑީއޭގެ އޮނިގަނޑުގެ ތެރޭގައި ހިމަނާފައި ނެތްކަން ފާހަގަކުރައްވާ ލުބްނާ ވިދާޅުވީ އެ މަގާމުތައް އިތުރުކޮށް، މީހުން ހޯދަން ފެށުމަށް މިހާރު ސިވިލް ސަރވިސްއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެންޑީއޭގައި ވަޒީފާ އަދާކުރާނެ ފަރާތްތައް ހޯދުމަކީ އަބަދުވެސް ދަތިކަމެއްކަން ފާހަގަކުރައްވާ ލުބްނާ ވަނީ ޒުވާނުންނަށް މި ދާއިރާއިން މަތީ ތައުލީމް ހާސިލްކުރުމަށް ގޮވާލައްވާފައެވެ. އަދި މިއީ ވަޒީފާގެ ބާޒާރުގައި ވަރަށް މުހިންމު ދާއިރާތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.