ޑްރަގް ފަރުވާއަށް އެއްބާރުލުން ނުދޭ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށައިފިއެވެ.
ޑްރަގް ފަރުވާއަށް އެއްބާރުލުން ނުދޭ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމާއި، ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ބޯޑާއި ޑްރަގް ކޯޓާ ދެމެދު މަޝްވަރާކުރެއްވީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ.
މި މަޝްވަރާގައި ވަނީ ޑްރަގް ކޯޓުގެ ދަށުން ފަރުވާއަށް ޙުކުމް ކުރެވި ފަރުވާ ތަންފީޛު ކުރަން ފެށުމަށްފަހު އެއްބާރުލުން ނުދޭ ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އެޅުމާއި، ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ނިންމާފައެވެ.
އެންޑީއޭގެ އެކްޓިން ސީއީއޯ މުހައްމަދު ރާޝިދު ވިދާޅުވީ ޑްރަގް ފަރުވާއަށް އެއްބާރުލުން ނުދޭ މީހުން ފުލުހުން މެދުވެރިކޮށް މަގުމަތިން ނަގަން ފަށަފައިވާ ކަމަށެވެ. އަދި ފަރުވާއަށް އެއްބާރުލުން ނުދޭ މީހުން އެކަމަށް އެއްބާރުލުން ދިނުމަށް އެންޑީއޭގެ އެކްޓިން ސީއީއޯ ވަނީ އެދިވަޑައިގެންފ އެވެ.
މަގުމަތީގަ ފަރުވާއަށް ނުގޮސް ހުކުމް ތަންފީޒުނުވެ ހުރުމުގެ ފުރުސަތު ދެނެއް އަޅުގަނޑުމެންނެއް ނުދޭނަން. ފަރުވާއަށް އަންނަން ޖެހޭ 200އަށް ވުރެ ގިނަ މީހުން އެބަތިބި. އޭގެ ތެރޭގައި އެކި ހާލަތްތަކުގަ ތިބި މީހުން ތިބޭނެ. އޭގެ ތެރޭގައި ކޮމިއުނިޓީއަށް ހުކުމްކޮށްފަ ތިބި މީހުންވެސް އެބަތިބި. ބޮޑަށް މި ފޯކަސްކުރަނީ އަޅުގަނޑުމެންގެ ސިސްޓަމްގެ ތެރެއަށްނުވަދެ ތިބި މީހުން ހަމަމަގަށް އަޅުވާ އެ މީހުން ފަރުވާގެ ނިޒާމަށް ވެއްދުން.
މިކަމަކީވެސް އުސޫލެއްގެ ތެރެއިން ކުރަންޖެހޭ މަސައްކަތެއްކަން ފާހަގަކުރައްވާ އެކްޓިން ސީއީއޯ ވިދާޅުވީ ޑްރަގް ފަރުވާއަށް ހުކުމްކޮށްފަ ތިބޭނީ އެންޑީއޭއަށް ފަރުވާއަށް އަންނަން އެންގިފައިވާ މީހުން ކަމަށެވެ.
ފަރުވާ ތަންފީޒު ކުރަން ފެށުމަށް ފަހު އެއްބާރުލުން ނުދޭ ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އެޅުމަށް އެންޑީއޭ އިން މަޝްވަރާކުރައްވާފަވާއިރު ރާއްޖޭގެ 3 ސަރަޙައްދެއްގައި ރިހެބިލިޓޭޝަން ފަރުވާ ދޭ މަރުކަޒު ގާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ވަނީ ފަށާފަ އެވެ.މި މަރުކަޒުތައް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ކ. ކާށިދޫ، ނ. ވެލިދޫ އަދި ލ. އަތޮޅުގައެވެ.
ރާއްޖެއިން ބޭރުން ޑްރަގް ރިހެބިލިޓޭޝަން ފަރުވާ ހޯދަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މެލޭޝިޔާގެ ސޮލޭސް އޭޝިއާ ސީޑީއެން ބީއެޗްޑީއާއެކު އެމްއޯޔޫގައި ސޮއިކުރެވި އެންޑީއޭން ހުއްދަ ދީފައިވާ ސެންޓަރެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އެ އެޖެންސީން ދެމުންގެންދާ ރިމާންޑް ސެންޓަރުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ގޮތުން، އެންޑީއޭގެ ރެޒިޑެންޝަލް ފަރުވާގެ ޚިދުމަތްދެވޭ ހުރިހާ މަރުކަޒުތަކުން ރިމާންޑް ސެންޓަރުގެ ޚިދުމަތް ދެވޭނެ އިންތިޒާމްތައް ވަނީ ހަމަޖެހިފަ އެވެ.
އަދި ގއ.ދާންދޫ ޞިއްޙީ މަރުކަޒާއި ނޭޝަނަލް ޑްރަގް އޭޖެންސީ ގުޅިގެން އެރަށުގައި ޑިޓޮކްސްގެ ޚިދުމަތް ފަށާފައިވާ ކަމަށާއި ފުވައްމުލައް ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުން މެތަޑޯން ފަރުވާގެ ޚިދުމަތް މިއަހަރުގެ މާރޗު ފަށާފައިވާ ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީން މީގެ ކުރިން ވިދާޅުވެފައިވެ އެވެ.