logo

ފުލުހުންނަށް "އެޑިކްޓެއް" ކަމަށް ގަބޫލުކުރެވޭ ނަމަ ފަރުވާ އަށް ފޮނުވަނީ

profile

ޝުރުފާ މުހައްމަދު - 20 އޮކްޓޯބަރު 2024 - 19:45

ޑްރަގު އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑް، ނާހިދު ހުސެއިން--- ފޮޓޯ: ހޯމް މިނިސްޓްރީ

ޑްރަގު އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑް، ނާހިދު ހުސެއިން--- ފޮޓޯ: ހޯމް މިނިސްޓްރީ

މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން "އެޑިކްޓުން" ގެ ގޮތުގައި ފުލުހުންނަށް ފާހަގަވާ މީހުން، ފަރުވާއަށް ފޮނުވުމުގެ ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

ފުލުހުންނާއި ނެޝެނަލް ޑްރަގް އެޖެންސީން ގުޅިގެން ފަށާފައިވާ މި އޮޕަރޭޝަންގެ މައުލޫމާތު ހިއްސާކުރީ އެންޑީއޭގައި ފުލުހުން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑްރަގު އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑް، ނާހިދު ހުސެއިން އެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ ފަރުވާ މީހުންނަށް ދެމުން އައީ، މަސްތުވާތަކެއްޗާ ގުޅުން ހުރި ކުށެއް ކޮށް ކޯޓު މަރުހަލާގެ ތެރެއިން އެމީހަކު ފަރުވާއަށް އެދިއްޖެ ނަމައެވެ. މި ސަރުކާރުން އޭގެ ބޭރުން ވެސް އެމީހަކު އަމިއްލައަށް އެންޑީއޭއިން ފަރުވާއަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މަގުތަކުގައި މަސްތުވާތަކެތި ބޭނުންކޮށް ގިނަވެފައިވާ މީހުންގެ މައްސަލަ އިންތިހާއަށް ބޮޑެވެ.

މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނިހާދު ވިދާޅުވީ ގާނޫނުއަސާސީގެ 103 ވަނަ މާއްދާއަށް އަމަލުކުރަން ފެށުމުން އެމައްސަލަ ހައްލުވާނެ ކަމަށެވެ.

އެ މާއްދާގައި މިބުނަނީ އޭނަ އަކީ ފުލުހުންނަށް ދެވިހިފާފައިވާ މީހެއް ކަމަށް ގަބޫލުކުރެވޭ ނަމަ އެމީހަކީ ފަރުވާ އަށް ގެންދަން ޖެހޭ މީހެއް ކަމަށް: ނާހިދު ހުސެއިން

އޭނާ ވިދާޅުވީ އެ މާއްދާގެ ދަށުން މިހާރު ފުލުހުންނާއި އެންޑީއޭއިން ގުޅިގެން ޚާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ. އެ އޮޕަރޭޝަނަކީ ކުށްކުރާށާއި ސަލާން ޖަހަން އުޅޭ މީހުން މަގުތަކުން މަދުކުރުމަށް ފަށާފައިވާ އޮޕަރޭޝަނެއް ކަމަށް ވިދާޅުވިއެވެ.

މި އޮޕަރޭޝަންގެ ދަށުން މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން މަގުމަތީގައި ސަލާންޖަހަން އުޅޭ މީހުންނާއި ވައްކަމާއި ފޭރުން ފަދަ ކުށްތަކަށް އަރައިގަންނަ މީހުން އަދި މަގުމަތީގައި މަސްތުގެ ހާލުގައި ތިބޭ މީހުންގެ އިތުރުން މިސްކިތްތަކުގައި ނިދައިހަދާ މަސްތުވާތަކެތި ބޭނުންކުރާ މީހުން ފާހަގަކޮށް އެމީހުން ރިމާންޑު ސެންޓަރުގައި ބަންދުކުރަމުން އަންނަ ކަމަށް ވެސް ނިިހާދު ވިދާޅުވިއެވެ.

މި މަސައްކަތުގެ ތެރެއިން 9 އޮކްޓޫބަރު 2024 އިން ފެށިގެން މިހައިތަނަށް 14 މީހުން މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 103 ވަނަ މާއްދާގެ ދަށުން ޑްރަގް އޮފެންޑާސް ރިމާންޑް ސެންޓަރެއްގައި ބަންދު ކުރެވިފައިވޭ، އަދި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ބަންދުން ނުވީއްލި މި ފަރާތްތަކުގެ ފަރުވާގެ ކަންކަން ކުރިއަށް ގެންދަންޖެހޭ ކަންކަން ކަމާގުޅޭ އިދާރާތަކާ އެކީގައި ކުރެވެމުންދޭ: ނާހިދު ހުސެއިން

މިފަދަ ރިމާންޑް ސެންޓަރުތައް މިވަގުތު ގާއިމްކޮށްފައި ވަނީ ހުޅުމާލެ އާއި ކ. ހިންމަފުށީގައި އެކަންޏެވެ. މިހާރު ފަށައިގެން އުޅޭ އޮޕަރޭޝަންގައި ހައްޔަރުކުރާ މީހުން ބަންދުކުރަނީ އެ ސެންޓަރުތަކުގައެވެ.

މިވަގުތު ރިމާންޑް ސެންޓަރުތަކުގެ މަސައްކަތް ކުޑަކޮށް ފެށިފައި އޮތް ނަމަވެސް، ކުރިއަށް އޮތް ތަނުގައި ފުޅާ ކުރާނެ ކަމަށް އެންޑީއޭއިން ބުނެފައިވެ އެވެ.


https://wamco.com.mv/
tel:+9607331319