logo

މަސްތުވާތަކެތީގެ ފަރުވާއަށް އިތުރު 30 މިލިއަން ހިމަނަނީ

profile

މަރްޔަމް އުމްނާ އިސްމާޢީލް - 17 އޯގަސްޓު 2024 - 23:11

ލުބްނާ ޒާހިރު

ލުބްނާ ޒާހިރު

މަސްތުވާތަކެތީގެ ފަރުވާއަށް ސަރުކާރުން ކުރާ ހޭދަ އިތުރުކޮށް، އެކަމަށް އިތުރު 30 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނުއްވާނެ ކަމަށް ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ ޗެއާމަން އަލްއުސްތާޒާ ލުބްނާ މުޙައްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ޑްރަގް ކޯޓުގެ ރިހެބިލިޓޭޝަން އަމުރުގެ ދަށުން މިއަހަރު ފަރުވާގެ ޕްރޮގުރާމު ފުރިހަމަ ކޮށްފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް ހިތްވަރު ދިނުމަށްޓަކައި ޑްރަގް ކޯޓުން ބޭއްވި ހާއްސަ ހަފްލާ ޝަފަރުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ލުބްނާ ވިދާޅުވީ އެ އޭޖެންސީން ޑްރަގް ފަރުވާއަށް މިހާރު ކުރަމުންދާ ހަރަދު އިތުުރުކުރަން ނިންމާފައިވާ ކަމަށެވެ.

އެންޑީއޭގެ ބަޖެޓަކަށް މިއަހަރު ހިމަނާފައިވަނީ 117 މިލިއަން ރުފިޔާ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ލުބްނާ ވަނީ، ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ނިންމައި މުޖުތަމައަށް ނުކުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފަ އެވެ. މިކަން ފާހަގަކުރައްވަމުން އޭނާ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ގޮވާލެއްވީ އެފަދަ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށެވެ.

ހުސްވި އަހަރު ޑްރަގް ކޯޓުން ވަނީ 586 މީހެއްގެ މައްޗަށް ފަރުވާއަށް އަމުރުކޮށްފައެވެ. އޭގެ ތެރެއިން 419 ފަރާތެއް ފަރުވާ ފުރިހަމަކޮށްފައިވާއިރު ފަރުވާގެ އަމުރާ ހިލާފުވެގެން 173 ފަރާތެއް ފަރުވާއިން ވަކިކޮށްފައި ވެއެވެ.

https://wamco.com.mv/
tel:+9607331319