logo
ބަޔާން މިޔުނިކާއި ރެއާލް ވާދަކުރި މެޗުގެ ތެރެއިން..

ބަޔާން މިޔުނިކާއި ރެއާލް ވާދަކުރި މެޗުގެ ތެރެއިން..

ރެއާލް ކަޓުވާލުމަށްފަހު ބަޔާން މިޔުނިކް ސެމީފައިނަލުން ޖާގަ ހޯދައިފި

profile

ހަސަން ޝަމްއޫން - 16 އޭޕްރީލު 2026 - 05:35

ޔުއެފާ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލް ދެވަނަ މެޗުގައި ރޭ ރަށުން ބޭރުގައި ބަޔާން މިޔުނިކާއި ވާދަކޮށް 4-3 ގެ ނަތީޖާއަކުން ބަލިވެ ރެއާލް މެޑްރިޑް މުބާރާތުން ކަޓައިފިއެވެ.

https://wamco.com.mv/

ރެއާލްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 2-1 ގެ ނަތީޖާއަކުން ބަޔާން މިޔުނިކް ކާމިޔާބުކޮށްފައިވާއިރު، އެޓީމު ސެމީގެ ޖާގައެއް ކަށަވަރުކުރީ 6-4 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

މިޔުނިކްގެ އެލިއާންޒް އެރީނާގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވަރުގަދަ އެޓޭކިންގ ކުޅުމެއް ފެނިގެންދިޔައިރު، މެޗު ފެށިގެން މިނެޓެއް ނުވަނީސް ރެއާލްގެ އާޑާ ގުލާ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ލީޑު ހޯދައިދީފައެވެ. މިއީ ބަޔާންގެ ކިޕާރު މެނުއަލް ނޯޔާއަށް ހެދުނު ގޯހެއްގެ ފައިދާނަގައި އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

ނަމަވެސް އޭގެ ފަސް މިނެޓް ފަހުން ބަޔާންގެ މިޑްފީލްޑަރު އެލެގްޒެންޑަރ ޕަވަލްވިޗް ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި ޖޯޝުއާ ކިމިޗް ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ރެއާލް އިން ދެވަނަ ފަހަރަށް ލީޑުހޯދީ ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައެވެ. މިލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ އާޑާ ގުލާއެވެ. މިއީ ބަޔާންގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. އަދި އޭގެ 11 މިނެޓް ފަހުން ބަޔާންގެ އިނގިރޭސި ފޯވާޑް ހެރީ ކޭން އެޓީމަށް ނަތީޖާ އެއްވަރުކޮށްދިން އިރު، ފުރަތަމަ ހާފުގެ 42 ވަނަ މިނެޓްގައި ކިލިއަން އެމްބާޕޭ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި ތިންވަނަ ފަހަރަށް އެޓީމަށް ލީޑު ހޯދައިދީފައެވެ.

މިއީ އެޓީމުގެ ބްރެޒިލް ފޯވާޑް ވިނީޝިއަސް ޖޫނިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ މިނެޓެއް ކުރިން ވިނީޝިއަސް ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ބަޔާން މިޔުނިކުން މެޗް ޑޮމިނޭޓްކުރިއިރު، މިހާފުގައި ރެއާލްގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ޑިފެންސިވް ކުޅުމެކެވެ. އަދި އެޓީމަށް މެޗުގެ ކޮންޓްރޯލް ގެއްލުނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އެޓީމުގެ މިޑްފީލްޑަރު އެޑްގާޑޯ ކަމަވިންގާއަށް މެޗުގެ 86 ވަނަ މިނެޓުގައި ދެއްކި ރަތްކާޑާއެކު އެވެ.

މިއާއެކު މެޗުގެ ބާކީބައި ރެއާލް އިން އެއްކުޅުންތެރިއަކު މަދުކޮށް ފުރިހަމަކުރިއިރު، ބަޔާން އިން މެޗުގެ ނަތީޖާ އެއްވަރުކުރީ މެޗުގެ 89 ވަނަ މިނެޓުފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ކޮލަމްބިއާ ފޯވާޑް ލުއިސް ޑިއާޒް އެވެ. އަދި މިމެޗުން ބަޔާން މޮޅުވި ލަނޑު މެޗުގެ އިތުރުވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ މައިކަލް އޮލީސޭ އެވެ.

މުބާރާތުގެ ސެމީފައިނަލުގައި ބަޔާން މިޔުނިކް ވާދަކުރަން ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ އާއި ދެކޮޅަށެވެ. ސެމީގެ ފުރަތަމަ ލެގުގެ މެޗު މިމަހުގެ 29 ވަނަ ދުވަހު ޕީއެސްޖީގެ ދަނޑުގައި ކުޅޭއިރު، ދެވަނަ ލެގުގެ މެޗު ބަޔާންގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މެއި ހަތްވަނަ ދުވަހުގެ ރޭ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk