
ޢީދަށް މާލެ ދިއްލުމުގެ މަސައްކަތް ފަށައިފި

ޝަހްޒާ މުޙައްމަދު - 18 މާރިޗު 2026 - 07:00
މިއަހަރުގެ ފިތުރު ޢީދުގެ މުނާސަބަތުގައި މާލެއާއި ރާއްޖޭގެ އެކި ސިޓީތައް ޒީނަތްތެރިކޮށް ބޮކިފަތިތަކުން ދިއްލުމުގެ ހަރަކާތް ސަރުކާރުން ރަސްމީކޮށް ފަށައިފިއެވެ.
ލޯކަލް ގަވަމެންޓް މިނިސްޓްރީން އިސްނަގައިގެން ކުރިއަށްގެންދާ މި މަސައްކަތަކީ، ޢީދުގެ އުފާވެރި މާހައުލެއް މުޅި ރާއްޖޭގައި ގާއިމްކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ޚާއްސަ ތަސައްވުރެއްގެ ދަށުން ކޮންމެ އަހަރަކުވެސް ހިންގާ ހަރަކާތެކެވެ.
އެގޮތުން، މިރޭ ވަނީ މާލޭގެ އެކި ސަރަހައްދުތައް ޢީދަށް ދިއްލަން ފަށާފައެވެ.
ޢީދު ފާހަގަކުރުމުގެ ގޮތުން ރަށްރަށުގައި ކުލަގަދަކޮށް ބޮކިފަތިތައް ދިއްލުމަކީ ވެސް މިސަރުކާރުން ފެށިކަމެކެވެ. ނަމަވެސް، މެދިއިރުމަތީގެ މަސްރަހަށް އައިސްފައިވާ ބަދަލުތަކާއި، އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅިގެން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން ނިންމާފައިވާ ސިޔާސަތުގެ ދަށުން، މިފަހަރުގެ ޢީދުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ދިއްލުންތައް ކުރިއަށް ނުގެންދާނެކަމަށް ސިޓީސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
ވަޒީރުންގެ ޚާއްސަ ކޮމިޓީން ކެބިނެޓުގައި މިކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށްފަހު ނިންމާފައިވަނީ، ޚަރަދު ކުޑަކުރުމުގެ ގޮތުން ރަށްރަށުގައި ބޮކި ނުދިއްލި ނަމަވެސް، މާލެ ހިމެނޭހެން ރާއްޖޭގެ ހުރިހާ ސިޓީތަކެއްގައި ޢީދުގެ ދިއްލުންތައް ކުރިއަށް ގެންދިއުމަށެވެ.





.gif&w=3840&q=75)