
ބަންގްލަދޭޝްއިން ރާއްޖެއަށް 20،000 ގަސް ހަދިޔާކޮށްފި

މުޙައްމަދު ފަޟްލޫން - 26 ޖުލައި 2026 - 16:07
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ފަށްޓަވާފައިވާ "5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު" އަށް އެއްބާރުލުން ދިނުމުގެ ގޮތުން، ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް 20,000 ގަސް މިއަދު ހަދިޔާކޮށްފިއެވެ.
މި ގަސްތައް ރާއްޖެއާ ހަވާލުކުރުމަށް މިއަދު ހަވީރު ލޮނުޒިޔާރަތް ޕާކުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ބަންގްލަދޭޝްގެ ފަރާތުން މި އެހީ ހަވާލުކޮށްދެއްވީ އެ ޤައުމުގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޚްމާނެވެ.
ރާއްޖޭގެ ފަރާތުން މި ހަދިޔާއާ ރަސްމީކޮށް ހަވާލުވެލެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އާއި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފެވެ. ގަސްތަކާ ހަވާލުވެވަޑައިގަތުމަށްފަހު، ތިން ވަޒީރުން ވަނީ ރަމްޒީގޮތުން ލޮނުޒިޔާރަތް ޕާކުގައި ގަސް އިންދަވައިދެއްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ތިމާވެއްޓާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވީ، މިއީ ބަންގްލަދޭޝްގެ ތިމާވެއްޓާ ބެހޭ ވަޒީރާއެކު ކުރެވުނު ކާމިޔާބު މަޝްވަރާތަކުގެ ނަތީޖާ ކަމަށެވެ. އަދި ކުރު މުއްދަތެއްގެ ތެރޭގައި މިފަދަ ބޮޑު އެހީއެއް ލިބުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން ރަންގަޅަށް ހާމަކޮށްދޭ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްގެ ވާހަކަފުޅުގައި، ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާއިން ބަންގްލަދޭޝްއާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމަށް އަލިއަޅުވާލެއްވިއެވެ. އަދި ބަންގްލަދޭޝްއިން މިއަދު ހަދިޔާކުރި ގަސްތަކަކީ އަންނާން އޮތް ޖީލުތަކަށް އޭގެ މަންފާ ކުރާނެ އަގުހުރި ހަދިޔާއެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޚްމާން ވިދާޅުވީ، ދެ ޤައުމަކީވެސް ތިމާވެށީގެ ނާޒުކު އަސަރުތައް ކުރާ ޤައުމުތަކަކަށް ވުމާއެކު، މި އެހީއަކީ ތިމާވެށީގެ ވިލުންތެރިކަން އިތުރުކުރުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ހުސްވި ހަފްތާގައި އެމްޕީއެލުން 44،000 އަށްވުރެ ގިނަ ކޮންޓެއިނަރުގެ މުދާ ކްލިއާކޮށްފި
3 ގަޑިއިރު ކުރިން

މިނިވަންދުވަހުގެ މުނާސަބަތުގައި މިރޭ ހަވާއަރުވަނީ
6 ގަޑިއިރު ކުރިން

އިންފޮމޭޝަން ކޮމިޝަނަރަކީ ސަރުކާރާ އިދިކޮޅު ބޭފުޅެއް: ރައީސް
6 ގަޑިއިރު ކުރިން

މިނިވަންކަން ދެމެހެއްޓުމަކީ ހުރިހާ ދިވެހިންގެ މައްޗަށް އޮތް ވާޖިބެއް: ސީޕީ
6 ގަޑިއިރު ކުރިން


.gif&w=3840&q=75)