
އައިއެމްއެފުން ދުނިޔޭގެ އިޤުތިޞާދީ ކުރިއެރުމުގެ އަންދާޒާ ދަށްކޮށްފި

އާމިނަތު ޝަޒްލާ - 09 ޖުލައި 2026 - 11:57
އީރާނާ ދެކޮޅަށް އެމެރިކާއިން އިސްވެ ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން ހަކަތައިގެ ބާޒާރަށް ކުރިމަތިވި ހީނަރުކަމާ ގުޅިގެން، 2026 ވަނަ އަހަރު ދުނިޔޭގެ އިޤުތިޞާދު ކުރިއަރާނެ ކަމަށް ލަފާކުރި މިންވަރު ބައިނަލްއަޤުވާމީ މާލީ ފަންޑު (އައިއެމްއެފް) އިން ދަށްކޮށްފިއެވެ.
އެ އިދާރާއިން ޖުލައި 8 ގައި ނެރުނު ރިޕޯޓުގައިވާ ގޮތުން، މި އަހަރުގެ އެޕްރީލް މަހު އިޤުތިޞާދީ ކުރިއެރުން %3.1 ގައި ހުންނާނެ ކަމަށް އަންދާޒާކުރި ނަމަވެސް، މިހާރު އެ އަދަދު ވަނީ %3 އަށް ތިރިކޮށްފައެވެ. އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީގެ ސަބަބުން އިޤުތިޞާދަށް ކުރިއެރުންތަކެއް ލިބެމުންދިޔަ ނަމަވެސް، މި ހީނަރުކަން ކުރިމަތިވެފައިވާކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އައިއެމްއެފުން ލަފާކުރާ ގޮތުގައި 2027 ވަނަ އަހަރު ދުނިޔޭގެ އިޤުތިޞާދީ ކުރިއެރުން %3.4 އަށް މަތިވާނެއެވެ. ނަމަވެސް، މި އަހަރުގެ އިންފްލޭޝަން ނުވަތަ މުދަލާއި ޚިދުމަތުގެ އަގުތައް %4.7 އަށް އުފުލޭނެ ކަމަށް ބެލެވެއެވެ. މިއީ 2025 ވަނަ އަހަރު އިންފްލޭޝަން ހުރި %4.1 އާ އަޅާބަލާއިރު އިތުރުވުމެކެވެ. އިޤުތިޞާދީ މާހިރުން ފާހަގަކުރާ ގޮތުގައި، އައިއެމްއެފްގެ މި ހިސާބުތަކުން ހާމަވަނީ ދުނިޔޭގެ އިޤުތިޞާދަށް ކުރިމަތިވެފައިވާ ބޮޑު ނުތަނަވަސްކަމެވެ.
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ތިން އުޅަނދަކަށް އީރާނުން ޙަމަލާދީފައިވާ ކަމަށް ބުނެ، އެމެރިކާގެ އަސްކަރިއްޔާއިން އީރާނާ ދެކޮޅަށް ފެށި ޢުދުވާނީ ޙަމަލާތަކާއެކު ދުނިޔޭގެ ބާޒާރުތަކަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ. މިގޮތުން ތެލުގެ އަގު %7 އަށް އުފުލިފައިވާއިރު، ބައިނަލްއަޤުވާމީ މިންގަނޑެއް ކަމަށްވާ ބްރެންޓް ކްރޫޑް ތެޔޮ ފީފާއެއްގެ އަގު މިހާރު ވަނީ 79 އެމެރިކާ ޑޮލަރަށް އަރާފައެވެ.
މިފަދަ ގޮންޖެހުންތަކާއެކުވެސް، އެމެރިކާގެ އިޤުތިޞާދު %2.3 އިން ކުރިއަރާނެ ކަމަށް އައިއެމްއެފުން ލަފާކުރެއެވެ. މީގެ އިތުރުން ވިލާތުގެ ޤައުމުތަކުގެ ކުރިއެރުން %0.9 ގައި، އިނގިރޭސިވިލާތުގެ ކުރިއެރުން %1 ގައި އަދި ޖަޕާނުގެ ކުރިއެރުން %0.6 ގައި ހުންނާނެ ކަމަށް އަންދާޒާކުރެއެވެ. އަދި ޗައިނާގެ އިޤުތިޞާދު ކުރިއަރާނެ ކަމަށް ބެލެވެނީ %4.6 ގައެވެ.
ގުޅުން ހުރި ޙަބަރުތައް

"ޑޮލަރެއްނެތް" އެމްޑީޕީން ޚާއްޞަ ޕެނަލް ޑިސްކަޝަނެއް ބާއްވަނީ
ގަޑިއިރެއް ކުރިން

ކުޑަކުދިންގެ ހެދިބޮޑުވުމާ ބެހޭ ބަލިތަކަށް ޚާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރު ނިޔާވެއްޖެ
4 ގަޑިއިރު ކުރިން

ކްރޫޒްލައިނާތަކުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 15،000 އިން މައްޗަށް!
6 ގަޑިއިރު ކުރިން

ޖީއެޗްޖީ އިން ރާއްޖޭގައި ރިސޯޓެއް ތަރައްގީ ކުރަން ނިންމައިފި
6 ގަޑިއިރު ކުރިން


.gif&w=3840&q=75)