
ރޯދަހަދިޔާ މި މަހުގެ 24 ގައި ބަހަން ފަށަނީ

މުޙައްމަދު ފަޟްލޫން - 22 ޖެނުއަރީ 2026 - 09:12
މިއަހަރުގެ ރޯދަހަދިޔާ މި މަހުގެ 24 ގައި ބަހަން ފަށާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ މިނިސްޓްރީން ބުނެފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު ހިދުމަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ މި ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް މުޅި ރާއްޖޭގައި ފަށާނެ ކަމަށެވެ.
މާލޭ ސަރަޙައްދުގައި މަސްދަޅު ދޫކުރުން ކުރިއަށްދާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ރެއަކު 20:30 އިން 23:00 އަށެވެ.
މި މަސައްކަތް 11 ފެބްރުވަރީ 2026 ގެ ނިޔަލަށް ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.
ރަށްރަށާއި ސިޓީތަކުގައި ގޭބިސީގެ ގޮތުގައި ބަލާނީ ވަކިން ކައްކައި ކައިބޮއި ހަދާ ކޮންމެ ދިވެހި ޢާއިލާއެކެވެ.
ރަށްރަށުގައި މަސްދަޅު ބަހާނީ ކައުންސިލްތަކުންނެވެ.
ގޭބިސީ ލިސްޓް އެކުލަވައިލެވުނުއިރު ރަށްރަށާއި ސިޓީތަކުގެ ގޭބިސީގެ ޖުމުލަ ޢަދަދަކީ 56,918 އެވެ.
ގްރޭޓަރ މާލެ ސަރަޙައްދުގެ ޑޮމެސްޓިކް މީޓަރގެ ޢަދަދަކީ 61,755 އެވެ. ވުމާއެކު މުޅި ޖުމުލަ ގޭބިސީގެ ޢަދަދަކީ 118,673 އެވެ.
މާލެ ސަރަޙައްދުގައި ރޯދަ ހަދިޔާ ބަހަން 15 މަރުކަޒެއް ގާއިމުކުރެވިގެންދާނެއެވެ.
އެއީ މާލޭގައި 8 މަރުކަޒު، ވިލިމާލޭގައި 1 މަރުކަޒު އަދި ހުޅުމާލޭގައި 6 މަރުކަޒެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ދޫކުރަން ހަމަޖެހިފައިވާ ތަންތަނުގެ ތެރޭގައި މިފްކޯ މަރުކަޒާއި ސޯޝަލް ސެންޓަރާއި އެމްޓީސީސީ ސޯވިލު ގެ އިތުރުން ހެންވޭރު ބޯޅަދަނޑާއި ގަލޮޅު ބޯޅަދަނޑު ހިމެނެއެވެ.
ހުޅުމާލެއިން މަސްދަޅު ދޫކުރަން ހަމަޖެހިފައިވާ ތަންތަނުގެ ތެރޭގައި ހުޅުމާލެ ފޭސް 1 ގައި ޢުމަރު ޒާހިރު ބިލްޑިންގ އާއި ޕޮލްކޯ ޓަވަރ ތިރީގައި އާއި މުޙައްމަދު ޤާސިމް ޕްރީ ސްކޫލް ހިމެނޭއިރު ހުޅުމާލެ ފޭސް 2 ގައި ކާމިލުދީދީ ސްކޫލާއި ހިޔާޓަވަރު 10 އަދި ވިނަރެސް ފްލެޓުން ލިބޭނެއެވެ. އަދި ވިލިމާލެ އިން މަސްދަޅު ދޫކުރާނީ ވެމްކޯސައިޓް އިން ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.
ރޯދަ ހަދިޔާ ބެހުމަށް ފުލުހުންގެ އެހީތެރިކަމާއެކު roadhahadhiya.mv ގެ ނަމުގައި ޕޯޓަލްއެއް ތަޢާރަފުކުރާނެއެވެ.
މި ޕޯޓަލްގައި ރަޖިސްޓްރީވުން 22 ޖަނަވަރީ 2026 ގައި ހުޅުވާލާނެއެވެ.
މަސްދަޅު ލިބުމުގައި އެއްވެސް ޝަކުވާއެއް އޮތްނަމަ، 7741446 ނަންބަރަށް ވަޓްސްއަޕް މެދުވެރިކޮށް މެސެޖު ކުރެވޭނެއެވެ.
މި ބޮޑު މަޝްރޫޢު ކުރިއަށް ގެންދަނީ އެސްޓީއޯ، މިފްކޯ، އެމްއެންޑީއެފް، ޕޮލިސް އަދި އެކި މިނިސްޓްރީތަކާއި ކުންފުނިތައް ގުޅިގެންކަމަށް ވަޒީރު ވިދާޅުވިއެވެ.
އެގޮތުން މަސްދަޅު އުފެއްދުމުގައި މިފްކޯ އަދި އަތޮޅުތަކަށް ފޮނުވުމުގައި އެސްޓީއޯއިން މުހިންމު ދައުރެއް އަދާކުރެއެވެ.
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
ގާޒާ މައްސަލަ- ސުލްހައިގެ ބޯޑަށް ބޮޑެތި ފާޑުކިއުންތައް
2 ގަޑިއިރު ކުރިން

651 ފަރާތްތަކަށް މިމަހު ތެލެސީމިއާ އެލަވަންސް ލިބޭނެ
2 ގަޑިއިރު ކުރިން

ތައުލީމީ ދާއިރާއަށް ގިނަ ދުވަހު ހިދުމަތްކުރެއްވި އައިންތު މިސް ނިޔާވެއްޖެ
3 ގަޑިއިރު ކުރިން

އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ރޯދަ ސޭލް ފަށައިފި
4 ގަޑިއިރު ކުރިން


