
ޣައިބަށް އީމާންވުން: ބުއްދިއާއި ސައިންސުގެ އިއްތިފާޤެއް

މުހައްމަދު މުޝްރިފް - 12 ނޮވެމްބަރު 2025 - 06:05
އިސްލާމްދީނުގެ ޢަޤީދާގެ އެންމެ އަސާސީ އެއް ރުކުނަކީ ޣައިބަށް އީމާންވުން ނުވަތަ (الإيمان بالغيب) އެވެ. މާނައަކީ: ލޮލަށް ނުފެންނަ، ނުވަތަ މާއްދީ ތަޖުރިބާ އިން އެކަނި ދެނެނުގަނެވޭ، އެކަމަކު މާތް ﷲ އާއި އެކަލާނގެ ރަސޫލާ ﷺ ގެ ބަސްފުޅުތަކުން ބަޔާންކޮށްދެއްވާފައި ވާތީ ތެދޮކޮށް ޤަބޫލުކުރަން ޖެހޭ ކަންކަމެވެ.
ޣައިބަށް އީމާންވުމަކީ ކޮންމެ މުސްލިމެއްގެ ވެސް އީމާންކަން ފުރިހަމަ ކުރުމަށް ވާޖިބު ވެގެންވާ ކަމެކެވެ. ބުއްދި އާއި ސައިންސުގެ ވިސްނުމުން ވެސް ޣައިބަށް އީމާންވުމުގެ މުހިންމުކަން ވަރަށް ރަނގަޅަށް ދޭހަވެގެންދެއެވެ.
މުއުމިނުންގެ ފުރަތަމަ ސިފަ: ޣައިބަށް އީމާންވުން
ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީކުރެއްވިއެވެ.
﴿ الَّذِينَ يُؤْمِنُونَ بِالْغَيْبِ وَيُقِيمُونَ الصَّلَاةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ ﴾
މާނައީ: "އެއުރެންނީ ޣައިބަށް އީމާންވާ އަދި ނަމާދު ޤާއިމުކުރާ، އަދި ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން ހޭދަކުރާ މީހުންނެވެ." (البقرة: 3)
މި އާޔަތުން ދައްކުވައިދެނީ، ޣައިބަށް އީމާންވުމަކީ މުސްލިމުންގެ އެންމެ ފުރަތަމަ އަދި އަސާސީ ސިފަކަމެވެ. މި ޢަޤީދާގެ ތެރޭގައި ޤަޟާޤަދަރު، މަލާއިކަތުން، އާޚިރަތް ދުވަސް، ސުވަރުގެއާއި ނަރަކައިގެ އިތުރުން ލޮލަށް ނުފެނުނަސް ވުޖޫދުގައި ﷲ ލައްވާފައިވާ ހުރިހާ ކަމަކައި ތަކެއްޗެއް ހިމެނެ އެވެ.
ބުއްދި އާއި ޣައިބުގެ ދާއިރާ
ﷲ ތަޢާލާ އިންސާނާއަށް ދެއްވާފައިވާ އެންމެ މުހިންމު ނިޢުމަތް ކަމުގައިވާ ބުއްދި ބޭނުންކުރެވެނީ ފެންނަފަށުގައިވާ ކައުނުގެ ޢިލްމުތައް ދިރާސާކުރުމަށެވެ. ނަމަވެސް އިންސާނާގެ ބުއްދިއަށް ވާސިލުނުވެވޭ އަދި އިންސާނީ ވިސްނުމަށް އެކަނި އޮބިނޯންނަވަރުގެ (Transcendental) ކަންކަން ޣައިބުގެ ތެރޭގައި ހިމެނެއެވެ.
ބުއްދީގެ ނަޒަރުން ދައްކުވައިދެނީ ކޮން އެއްޗެއް؟
· ކައުނަށް ފިކުރުކުރުން: ފެންނަފަށުގައި ކައުނުގައިވާ ފުރިހަމަ ނިޒާމާއި ތަރުތީބަށް ވިސްނާ ފިކުރުކުރުމުން، މިއިން ކޮންމެ ކަމެއްގެ ފަހަތުގައި ބާރުވެރިކަމުގެ ވެރި ފަރާތެއް ވާކަން ބުއްދިއަށް ޤަބޫލުކުރެވެއެވެ.
· ޚަބަރު ޤަބޫލުކުރުން: މާތް ﷲ އާއި އެކަލާނގެ ރަސޫލާ ﷺ ގެ ތެދުކަން ޔަޤީންވުމަށްފަހު، ޣައިބުގެ ކަންކަން ހަމަލޮލަށް ނުފެނުނަސް، އެ ޣައިބުގެ ޚަބަރުތައް ޤަބޫލުކުރުމަކީ ބުއްދީގެ ހަމަތަކަށް އެންމެ އެކަށޭނަ ގޮތެވެ. ބުއްދިއަށް ދެނެނުގަނެވޭ ކަމަކީ ދޮގެއް ކަމަކަށް ނުބުނެވޭނެ އެވެ.
ޢިލްމީ ހެކިތަކާއި ޤުރުއާނުގެ ޣައިބު
ސައިންސްގެ ހޯދުންތަކުން ދައްކުވައިދެނީ މާއްދީ ޙަޤީޤަތްތަކެވެ. އެހެންނަމަވެސް ކީރިތި ޤުރުއާނުގައި 1400 އަހަރު ކުރިން ބަޔާންކުރައްވާފައިވާ ބައެއް ޢިލްމީ ޙަޤީޤަތްތައް ސައިންސުން ވަނީ ފަހުން ތެދުކޮށްދީފައެވެ. މިކަމުން ދައްކުވައިދެނީ ޤުރުއާނުގެ ޣައިބީ ޢިލްމުގެ މަތިވެރިކަމެވެ.
· ކައުނުގެ ފުޅާވުން: ކައުނު އެއްކޮޅަށް ފުޅާވަމުންދާކަން ސައިންސަށް އެނގުނީ 20 ވަނަ ޤަރުނުގެ ކުރީކޮޅު އެޑްވިން ހަބްލް ފަދަ ސައިންސް ޢިލްމުވެރިންގެ ހޯދުންތަކަށް ފަހުގައެވެ. ނަމަވެސް، ޤުރުއާނުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ.
﴿ وَالسَّمَاءَ بَنَيْنَاهَا بِأَيْدٍ وَإِنَّا لَمُوسِعُونَ ﴾
މާނައީ: "ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުން އުޑު ހެއްދެވީމެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ތަނަވަސްކުރެއްވުމަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ." (الذاريات: 47)
މިއާޔަތުން އެނގިގެން ދަނީ ކައުނު ފުޅާ ކުރެއްވުން ނުވަތަ ތަނަވަސް ކުރެއްވުމުގެ ކުޅަދުންވަންތަކަން އެކަލާނެގެއަށް ލިބިވޮޑިގެން ވާކަން ސައިސުގެ މިހޯދުމުގެ މާކުރިން ޤުރުއާނުގައި މާތް ﷲ އަންގަވާފައި ވާކަމެވެ.
· އިންސާނާގެ އުފެދުން (Embryology): ގަރުބަގަތީސްސުރެ އިންސާނާ އުފެދިގެން ދިޔުމުގެ މަރުޙަލާތައް (ނުޠުފާ، ޢަލަޤާ، މުޟްޣާ) ޤުރުއާނުގައި ބަޔާންކުރައްވާފައިވެއެވެ. މި މަރުޙަލާތައް ޒަމާނީ ސައިންސަށް އެނގުނީ ވަރަށް ފަހުން، ޚާއްޞަ ވަސީލަތްތައް ބޭނުންކޮށްގެންނެވެ.
މިފަދަ ހެކިތަކުން ސާބިތުކޮށްދެނީ، ޣައިބުގެ ޢިލްމަކީ އިންސާނީ ބުއްދީގެ ހޯދުންތަކަށްވުރެ މާ މަތިވެރި ޢިލްމެއް ކަމެވެ. އަދި މިފަދަ ޢިލްމުތައް ހިމެނޭ ކީރިތި ޤުރުއާނަކީ ހަމަކަށަވަރުން ވެސް މާތް ﷲގެ ވަޙީ ބަސްފުޅު ކަމެވެ.
ޣައިބަށް އީމާންވުމުން ލިބޭ ނަފްސާނީ ހަމަޖެހުން
ޣައިބަށް އީމާންވުމަކީ ދީނީ ގޮތުން ތިމާގެ އީމާންކަން ފުރިހަމަ ވުމުގެ އިތުރުން ދުނިޔަވީ އެތައް ފައިދާތަކެއް ވެސް ކުރާ ކަމެކެވެ. އެކަމުގެ ސަބަބުން އިންސާނާގެ ނަފްސާނީ ދިރިއުޅުމަށް ވަރަށް ބޮޑު ހަމަޖެހުމެއް ލިބިގެންދެއެވެ.
· ޤަޟާޤަދަރު: ޤަޟާޤަދަރަށް އީމާންވުމުގެ ސަބަބުން، ދިމާވާ ކޮންމެ ހާލަތަކީ ވެސް ﷲ ގެ ޙިކުމަތްތެރި ނިންމެވުމެއްކަން ޤަބޫލުކުރެވި، ހިތްހަމަޖެހުމާއި ކެތްތެރިކަން ލިބެއެވެ.
· މަޤްޞަދު: އާޚިރަތުގެ ޙަޔާތަށް އީމާންވުމުގެ ސަބަބުން، ދުނިޔޭގެ ކުރު ޙަޔާތަށް ވުރެ ބޮޑު މަޤްޞަދެއް ޙަޔާތުގައިވާކަން ދެނެގަނެ، ދިރިއުޅުމުގެ ކަންކަން އެ މަޤްޞަދަށް އަމާޒުކުރެވެއެވެ.
· އަޚްލާޤު: ތިމާއަށްﷲ ތަޢާލާ ނުފެނުނުކަމުގައި ވިޔަސް އަބަދުވެސް އެކަލާނގެ ތިމާއަށް ބައްލަވާވޮޑިގެންވާ ކަމުގެ އިޙްސާސް (އިޙްސާން) އުފެދި، އެކަނި ހުއްޓަސް ނުބައިކަންތަކުން ދުރުވެ، ހެޔޮ ޢަމަލުތައް ގިނަކުރުމަށް ބާރުއަޅައެވެ. އޭގެ ސަބަބުން އެންމެހާ ރިވެތި ސިފަތަކުން ތިމާގެ އަހުލާޤާއި ސުލޫކު ޒީނަތްތެރި ވެގެން ދެއެވެ.
ޣައިބަށް އީމާންވުމަކީ ދީނީ ގޮތުނާއި، ބުއްދީގެ ގޮތުން އަދި ނަފްސާނީ ގޮތުން ވެސް އިންސާނާއަށް ފުރިހަމަކަން ގެނެސްދޭ ޢަޤީދާއެކެވެ. ބުއްދި އާއި ޢިލްމީ ހޯދުންތަކުން މި އީމާންކަން ދޮގުކުރާކަށް ނުއުޅެއެވެ. އޭގެ ބަދަލުގައި އެކަންކަމުގެ ތެދުކަން ސާބިތުކޮށް އިތުރަށް ވަރުގަދަ ކޮށްދެއެވެ. ޣައިބަށް އީމާންވުމަކީ، އަޅުގަނޑުމެންގެ ޢިލްމާއި ވިސްނުމުގެ ހައްދު ފުޅާކޮށްދޭ، އަދި ދެދުނިޔޭގެ ބާއްޖަވެރިކަމަށް މަގުފަހިކޮށްދޭ އަސާސެކެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން


