logo

ދިވެހިބަހުގެ އެކަޑެމީގެ ރައީސް ކަމަށް ޝާކިރު

profile

ޝަހްޒާ މުޙައްމަދު - 20 ޖެނުއަރީ 2026 - 07:02

ދިވެހިބަހުގެ އެކަޑެމީގެ ރައީސް ކަމަށް މަޝްހޫރު ޅެންވެރިޔާ އަދި ލިޔުންތެރިޔާ ހ. ހުދުފިނިފެންމާގޭ ހަސަން ޝާކިރު މުހައްމަދު އިންތިހާބުކޮށްފި އެވެ.

https://wamco.com.mv/

ދިވެހިބަހުގެ އެކަޑެމީގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ޑރ. އަޝްރަފް އަބްދުއްރަހީމު މިދިޔަ މަހުގެ ތެރޭގައި މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އަޝްރަފުގެ ބަދަލުގައި ދިވެހިބަހުގެ އެކަޑެމީގެ މެންބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރެއްވީ ހަސަން ޝާކިރު މުހައްމަދެވެ.

ދިވެހިބަހުގެ އެކަޑެމީގެ ރައީސް ކަމަށް ޝާކިރު ހޮވީ އެކަޑެމީގެ މެންބަރުންގެ ބައްދަލުވުމުގައި ނެގި ސިއްރު ވޯޓަކުންނެވެ. ޝާކިރު ހިމެނޭ ގޮތަށް އެކަޑެމީގައި ތިއްބަވާ ފަސް މެންބަރުންވެސް ވަނީ ޝާކިރަށް ވޯޓު ދެއްވާފަ އެވެ.

ދިވެހިބަހުގެ އެކަޑެމީގެ މެންބަރުންނަކީ:
  1. ޙަސަން ޝާކިރު މުޙައްމަދު (ރައީސް)
  2. ޒުލްފާ އިބްރާހީމް (ނައިބު ރައީސް)
  3. ޢިޔާޒް ޖާދުﷲ ނަސީމް (މެންބަރު)
  4. އިބްރާހީމް ވަޙީދު (މެންބަރު)
  5. ފާޠިމަތު ޢައްޒަ (މެންބަރު)

އެކަޑެމީގެ ގާނޫނުގައިވާ ގޮތުން އެ އެކަޑެމީގެ ރައީސް ކަމަށް ބޭފުޅަކު ހޮވަނީ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. އެކަޑެމީގެ މެންބަރެއްގެ ދައުރަކީ ފަސް އަހަރެވެ. ދިވެހި ޅެންވެރިކަމުގެ ރޮނގުން 1998 ވަނަ އަހަރު އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އަދި 2007 ވަނަ އަހަރު ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން، ދިވެހިބަހުން ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު ޝާކިރަށް ލިބިވަޑައިގެންފައިވެއެވެ. އަދި 2022 ވަނަ އަހަރު ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމުވެސް ޝާކިރަށް ލިބިވަޑައިގެންފައިވެ އެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay