
އިންސާނީ ހައްޤުތަކުގެ ހާލަތު ވަޒަން ކުރާ، ޔޫޕީއާރް ބައްދަލުވުމުގައި ރާއްޖޭގެ ވަފުދެއް

ޝަހްޒާ މުޙައްމަދު - 20 ޖެނުއަރީ 2026 - 07:21
ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު، ޔޫޕީއާރުގެ 51 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
މި ބައްދަލުވުން ކުރިއަށްދަނީ، ޖެނީވާގައި ހުންނަ އދގެ އޮފީސް ޕެލޭ ޑި ނޭޝަންސްގައެވެ.
ޔޫ.ޕީ.އާރު ނުވަތަ ޔުނިވާސަލް ޕީރިއޯޑިކް ރިވިއުއަކީ އދގެ މެންބަރު ޤައުމުތަކުން އިންސާނީ ޙައްޤުތައް ކަށަވަރު ކުރުމަށް ކުރާ މަސައްކަތް ވަޒަން ކުރުމަށް ބާއްވަމުންދާ ބައްދަލުވުންތަކެކެވެ. ޔޫޕީއާރު ވަރކިންގ ގްރޫޕުން ކޮންމެ އަހަރަކު ތިން ބައްދަލުވުމެއް ބާއްވައެވެ. މިހާރު ހިނގަމުންދާ 51 ވަނަ ބައްދަލުވުމަކީ، 2022 ވަނަ އަހަރުން ފެށިގެން 2027ގެ ނިޔަލަށް ކުރިއަށްދާ ޔޫޕީއާރުގެ 4 ވަނަ ރިވިއު ބުރުގެ ބައެކެވެ.
މިފަހަރުގެ ބައްދަލުވުންވެސް ދެ ހަފްތާގެ މުއްދަތަކަށް ކުރިއަށްދާނެއެވެ. ބައްދަލުވުން ނިންމާލާނީ، މިމަހުގެ 30 ވަނަ ދުވަހު ކަމަށް ފޮރިން މިނިސްޓްރީއިން ބުންޏެވެ.
މި ބައްދަލުވުމުގައި އދގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ ދަށުން ޤާއިމުކޮށްފައިވާ ޔޫޕީއާރު ވަރކިންގ ގުރޫޕުން 13 ޤައުމެއްގެ އިންސާނީ ޙައްޤުތަކުގެ ހާލަތު ވަޒަން ކުރާނެއެވެ. އެއީ އޮސްޓްރޭލިއާ، އޮސްޓްރިއާ، ޖޯޖިއާ، ލުބްނާން، މޮރިޓޭނިއާ، މައިކްރޮނީޝިއާ، ނައުރޫ، ނެޕާލް، އޮމާން، ރުވަންޑާ، ސެއިންޓް ކިޓްސް އެންޑް ނެވިސް އަދި ސައު ޓޮމޭ އެންޑް ޕްރިންސިޕޭއެވެ.
މި ފަހަރުގެ ޔޫޕީއާރު ބައްދަލުވުމުގައިވެސް ރާއްޖޭގެ ވަފުދުން ބައިވެރިވެ، ދިވެހި ސަރުކާރުން އިސްކަންދޭ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބިނާކުރަނިވި އިސްލާޙުތަކާއި ލަފާތައް، ރިވިއު ކުރެވޭ ޤައުމުތަކަށް ހުށަހަޅާނެއެވެ. މި ބައްދަލުވުމުގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ، ޖެނީވާގައި ހުންނަ އދގެ އޮފީހަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ. މީގެ އިތުރުން، މި ވަފުދުގައި ކައުންސެލަރ އާދަމް ޙާމިދު، ކައުންސެލަރ އަލްއުސްތާޛާ އައިމިނަތު ޝިފާޔާ އިބްރާހީމް، ސެކަންޑް ސެކްރެޓަރީ ޢާއިޝަތު ރަޔާޙީން އަދި އެޓާޝޭ މުޙައްމަދު ރާއިދު ސައީދުވެސް ހިމެނި ވަޑައިގަންނަވައެވެ.
ޔޫޕީއާރަކީ އދގެ މެމްބަރު ޤައުމުތަކުން އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތް ދެނެގަނެ، އެކަމުން ހޯދާފައިވާ ކުރިއެރުން ވަޒަން ކުރުމަށް ކަނޑައަޅާފައިވާ ނިޒާމެކެވެ. މި ނިޒާމުގެ ތެރެއިން ރިވިއު ކުރެވޭ ޤައުމުތަކުން އިންސާނީ ޙައްޤުތައް ތަންފީޒު ކުރުމުގައި އިތުރަށް ހަރުދަނާ ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ބިނާކުރަނިވި އިސްލާޙުތައް ހުށަހެޅުމުގެ ފުރުޞަތު އެހެން މެންބަރު ޤައުމުތަކަށް ލިބިގެންދާނެ ކަމަށް ފޮރިން މިނިސްޓްރީއިން ބުންޏެވެ.
.
ގުޅުން ހުރި ޙަބަރުތައް

އަނެއްކާ ވެސް ބައެއް ހިސާބުތަކަށް ނުރައްކާތެރި މިންވަރަށް ވައި ނުސާފު
4 ގަޑިއިރު ކުރިން

ގަވާއިދާ ހިލާފަށް ޕާކްކޮށްފައިހުރި ވެހިކަލްތަކެއް ހުޅުމާލެއިން ޓޯކޮށްފި
4 ގަޑިއިރު ކުރިން

ދިވެހިބަހުގެ އެކަޑެމީގެ ރައީސް ކަމަށް ޝާކިރު
4 ގަޑިއިރު ކުރިން

ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ 68 ޕަސެންޓް މަސައްކަތް ނިމިއްޖެ
4 ގަޑިއިރު ކުރިން


