logo

ޝައިޠާނާގެ ވަސްވާސްތަކުން ރައްކާތެރިވުން

profile

ޒިދާން މުޙައްމަދު - 07 ޖުލައި 2025 - 04:33

ޝައިޠާނާގެ ބޭނުމަކީ އިންސާނުން މަގުފުރެއްދުމެވެ. އިންސާނުންގެ ތެރެއިން ގިނަ ބަޔަކަށް ސުވަރުގެ މަހުރޫމުވާނެ ގޮތް ހެދުމެވެ. އެހެންކަމާއެކު އިންސާނުން މަގުފުރައްދާނެ އެކި ގޮތްތަކާއި ވަސީލަތްތައް އިބްލީހާއި އޭނާގެ ބައިވެރިން ރާވައެވެ. ޝައިޠާނާއަށް މުހިންމުވަނީ އިސްލާމްދީނުގެ ހަމަ މަގާއި އިންތަކާއި މިންތަކުން މީހާ ކަސިޔާރުކޮށްލުވުމެވެ.

https://wamco.com.mv/

ކީރިތި ޤުރުއާނާއި ޙަދީޘްގައި ޖިންނީގެ ވާހަކަ އިސްލާމްދީނުގައި ބަޔާންކޮށްފައިވާކަން އެނގޭ ހެއްޔެވެ؟ ޖިންނި ލަފުޒު ޤުރުއާނުގައި 29 ފަހަރު ފާހަގަކޮށްފައިވެއެވެ. ޖިންނި އާއި ބެހޭ އެއް ބާބު/ފޮތް ވެސް ޤުރުއާނުގައި ވެއެވެ. ޖިންނިއަށް އިންސާނަކު ފެނުނު ނަމަވެސް އިންސާނަކަށް ޖިންނީންގެ އަސްލު ސިފައެއްގައި ނުފެނެއެވެ. އަދި މުސްލިމުންނާއި ޣައިރު މުސްލިމުން ފަދަ ދީންތަކުގައި ވެސް ޖިންނި އުޅެއެވެ.

ޝައިތާނަކީ ގުރުއާނާއި ހަދީޘްގައި ބަޔާންކޮށްފައިވާ ފާޙިޝް ޖިންނީގެ ނަމުން މަޝްހޫރުވެފައިވާ ބާވަތެކެވެ. އެއީ އިންސާނުންގެ ސިކުނޑިތަކަށް ނުބައި ރޭވުންތައް ވެއްދުމުގެ ގާބިލްކަން ލިބިފައިވާ ބައެކެވެ. އިބްލީސް އަކީ ޝައިތާނުންގެ އެންމެ މަޝްހޫރު ޖިންނިއެވެ. އާދަމްގެ ފާނަށް ސަޖިދަ ޖަަހަން ދެކޮޅު ހެދީ ވެސް މި ބާވަތުގެ ޖިންނިއެވެ.

މާތް ﷲ އަށް އުރެދުމުގެ ކުރީން ޝައިޠާނާ އިބްލީސްވެސް އުޅުނީ މަލާއިކަތުންނާ އެކުގައެވެ. ކިޔަމަންތެރި އަޅުވެރިއެއްގެ ގޮތުގައެވެ. ބޭރުފުށުގެ ޢަމަލުތައް ހަމަ މަލާއިކަތުންގެ ޢަމަލުފުޅުތައް ފަދައެވެ. އެހައި ކިޔަމަންތެރިއެވެ. ސަޖިދަކުރުމާއި އަޅުކަން ކުރުމުގައި ހަމަ މަލާއިކަތުން ފަދައެވެ. އެހެންކަމުން، އާދަމުގެފާނަށް ޝަރަފުގެ ސަޖިދަކުރެއްވުމަށް މަލާއިކަތް ބޭކަލުންނަށް މާތް ﷲ އަމުރުކުރެއްވި ހިނދު، އެ ބޭކަލުންގެ ތެރޭގައި އިބްލީސް ވެސް ހިމެނިގެން ދިޔައެވެ.

ނަމަވެސް މި ހުރިހައި ކަމެއް މިހެން ހުރި ކަމުގައި ވިޔަސް، އެތެރެފުށުގެ ޢަމަލުތައް އޭނާގެ ހުރީ ސީދާކޮށެއް ނޫނެވެ. މަލާއިކަތުންގެ ޢަމަލުފުޅުތަކާ އެއްފަދަ ގޮތަކަށް ނޫނެވެ. އެހެނީ، އޭނާގެ ބޭރުފުށުގެ ޢަމަލުތަކާއި އެތެރެފުށުގެ ޢަމަލުތައް އެއްފަދަ ވިނަމަ، އޭނާގެ ނަފްސުގައިވާ ނުބައި ސިފަތަކުން ނަފްސު ޠާހިރުކޮށް ސާފުކުރީސް ކަން ކަށަވަރެވެ. އަދި މާތް ﷲ ގެ އަމުރުފުޅަށް ނުކިޔަމަންތެރި ނުވީސްކަން ކަށަވަރެވެ.

މާތް ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ޝައިޠާނާގެ ފިޔަވަޅުތަކަށް ތިޔަބައި މީހުން ތަބާނުވާށެވެ. ހަމަކަށަވަރުން ޝައިޠާނާއަކީ ފާޅުވެގެންވާ އަދާވާތްތެރިއެކެވެ."

މި ބަސްފުޅުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އަންގަވާފައި މިވަނީ ޝައިޠާނާއަކީ އިންސާނުންނަށްވާ އަދާވާތްތެރިއެއްކަމެވެ. އަދި ޝައިޠާނާގެ ވަސްވާސްތަކުން ރައްކާތެރިވުމަށް އަންގަވައި، ޝައިޠާނާގެ ފިޔަވަޅުތަކަށް ތަބާނުވުމަށް އަންގަވާފައިވެއެވެ.

އަހަރެމެން ދުނިޔޭގައި އުޅޭއިރު ޝައިޠާނާގެ ވަސްވާސްތައް އިންސާނުންނަށް އެކި ގޮތްގޮތަށް ކުރިމަތިކުރުވައެވެ. މިކަން އަބަދުވެސް ދަންނަންޖެހޭނެއެވެ.

ޝައިޠާނާއަކީ އިންސާނާ މަގުފުރެއްދުމަށް ޓަކައި މަސައްކަތްކުރާ މަހުލޫގެކެވެ. ޝައިޠާނާގެ ވަސްވާސްތަކަށް ނުހެއްލި ދުނިޔޭގެ ދިރިއުޅުން ކާމިޔާބުކުރެވޭތޯ ބަލަންޖެހޭނެއެވެ. މިގޮތުން ޝައިޠާނާ އިންސާނާ މަގުފުރެއްދުމަށް ޓަކައި ތަފާތު ރޭވުންތައް ރާވައި ތަފާތު މަސައްކަތްތައް ކުރެއެވެ.

ޝައިޠާނާގެ ކިބައިން ރައްކާތެރިވެވޭނެ ގޮތްތައް ﷲއާ އެކަލާނގެ ރަސޫލާ ވަނީ ދަސްކޮށްދެއްވާ އެ ކަންކަން އަންގަވާދެއްވާފައެވެ.

އެގޮތުން ޝައިޠާނާގެ ކިބައިން ރައްކާތެރިވުމަށް ގިނަގިނައިން أَعُوْذُ بِاللّٰهِ مِنَ الشَّيْطٰانِ الرَّجِيْمِ ކިޔަން ވަނީ އަންގަވާފަައެވެ. މި ދުޢާއަކީ ޝައިޠާނާގެ އުނދަގުލުން ރައްކާތެރިކޮށްދެއްވުމަށް ޓަކައި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟުރަތުގައި ކުރެވޭ ދުޢާއެކެވެ. ހަމަ އެގޮތުން އިޚްލާޞް، ފަލަޤް، ނާސް މި ތިން ސޫރަތް ކިޔެވުމަކީވެސް ޝައިޠާނާގެ ވަސްވާސްތަކުން ރައްކާތެރިކޮށްދޭނެ ކަމެއްކަން ރަސޫލާގެ ސުންނަތުން އެނގިގެންދެއެވެ.

ކުރުސި ކިޔެވުމަކީ ވެސް އޭގެ ސަބަބުން އިންސާނާ ޝައިޠާނާގެ ވަސްވާސްތަކުން ރައްކާތެރިކޮށްދެއްވާނެ ކަމެކެވެ. ރޭގަނޑު ނިދުމުގެ ކުރިން ކުރުސި ކިޔަވައިފިނަމަ އެ ރޭ އެމީހަކު ޝައިޠާނާގެ ވަސްވާހުން ސަލާމަތްކޮށްދެއްވާނެ ކަން ރަސޫލާގެ ސުންނަތުން އެނގެން އެބައޮތެވެ.

އެހެންކަމުން ޝައިޠާނާގެ ކިބައިން ދުރުހެލިވެ ޝައިޠާނާގެ މަސައްކަތް، ޝައިޠާނާ ބޭނުންވާ ބޭނުންވުން ހާސިލުވިޔަނުދޭން މަސައްކަތްކުރަން އެބަޖެހެއެވެ. އޭރުން ޝައިޠާނާގެ ވަސްވާސްތަކަށް ނުހެއްލި ރަނގަޅު މަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބެވޭނެއެވެ.

https://etukuri.mv/
https://www.aslu.com.mv