
ޕާސްޕޯޓު ލިބުމުގައި ދިމާވެފައިވާ ދަތިތަކާ ގުޅިގެން، މުއްދަތު އިތުރުކުރުމާއި އިމަޖެންސީ ޕާސްޕޯޓް ދޫކުރަން ފަށައިފި

މުޙައްމަދު ފަޟްލޫން - 28 އޯގަސްޓު 2026 - 05:36
ދިވެހި ޕާސްޕޯޓް ބުކްލެޓް ލިބުމުގައި ދިމާވެފައިވާ ދަތިތަކާ ގުޅިގެން، މިވަގުތު ހުރި ސްޓޮކް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި، ޕާސްޕޯޓުގެ މުއްދަތު އިތުރުކޮށްދިނުމަށާއި ކުއްލި ހާލަތްތަކުގައި އިމަޖެންސީ ޕާސްޕޯޓް ދޫކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފިއެވެ.
އިމިގްރޭޝަނުން ރޭ ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، 2016 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެއަށް ޕާސްޕޯޓް ބުކްލެޓް ފޯރުކޮށްދެމުން އަންނަ ޖަރުމަނުގެ ކުންފުނީގެ ޕްރިންޓިންގ މެޝިންތަކަށް ދިމާވި ޓެކްނިކަލް މައްސަލަތައް މިހާރު ވަނީ ހައްލުކުރެވިފައެވެ. ނަމަވެސް، އެ މަސައްކަތަށް ލަފާކުރި ވަރަށްވުރެ އިތުރު ވަގުތު ހޭދަވުމުގެ ސަބަބުން، ކުރިން ތާވަލުކުރެވިފައިވާ ތާރީހަށް ސްޓޮކް ލިބުމުގައި ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.
އައު ސްޓޮކް ރާއްޖެއަށް ފޯރުކޮށްދެވޭނެ ކަމަށް ލަފާކުރެވެނީ އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކަމަށް އެ ކުންފުނިން މަޢުލޫމާތު ދީފައިވާ ކަމަށްވެސް އިމިގްރޭޝަނުން ފާހަގަކުރެއެވެ.
މި ހާލަތާ ގުޅިގެން، 2026 އޮގަސްޓު 28 އިން ފެށިގެން ޕާސްޕޯޓް ދޫކުރުމުގެ އުސޫލަށް މައިގަނޑު ދެ ބަދަލެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގައި ތިބެގެން ޕާސްޕޯޓުގެ މުއްދަތު ހަމަވެގެން އައު ޕާސްޕޯޓަށް އެދި ހުށަހަޅާ ފަރާތްތަކަށް އައު ފޮތެއް ދޫކުރުމުގެ ބަދަލުގައި، މިހާރު ބޭނުންކުރަމުންދާ ޕާސްޕޯޓުގެ މުއްދަތު، އެއްވެސް އަގަކާ ނުލައި 2027 ޖޫން 30 ގެ ނިޔަލަށް އިތުރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.
މީގެއިތުރުން، އަލަށް ޕާސްޕޯޓު ހައްދާ ފަރާތްތަކުގެ ތެރެއިން، އިންޑިއާ އަދި ސްރީލަންކާ ފަދަ އާންމުކޮށް ދިވެހިން ދަތުރުކުރާ ގައުމުތަކަށް ކުރު މުއްދަތަކަށް ދަތުރުކުރަންޖެހޭ ފަރާތްތަކަށް އިމަޖެންސީ ޕާސްޕޯޓު ދޫކުރުމަށްވެސް ވަނީ ނިންމައިފައެވެ.
މިއީ އައިކާއޯ ގެ މިންގަނޑުތަކަށް ފެތޭ، 1 އަހަރު ދުވަހުގެ މުއްދަތު އޮންނަ 8 ސަފުހާގެ މެޝިން ރީޑަބަލް ޕާސްޕޯޓެކެވެ.
މި ހިދުމަތްވެސް ދިނުމަށް ހަމަޖެހިފައިވަނީ މުޅިން ހިލެއެވެ.
ޕާސްޕޯޓު ބުކްލެޓް ލިބުމުގައި ދިމާވި ލަސްތަކާ ގުޅިގެން، އިމިގްރޭޝަނުން މީގެ ކުރިންވެސް ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން އޯޑިނަރީ ޕާސްޕޯޓަށް އެދޭ ފަރާތްތަކަށް 600 ރުފިޔާއަށް 5 އަހަރުގެ މުއްދަތު އޮންނަ ނޮން އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރަން ފެށިއެވެ. އަދި މިފަދަ ފަރާތްތަކުން ފަހުން އިލެކްޓްރޯނިކް ޕާސްޕޯޓަކަށް ބަދަލުކުރަން ބޭނުންވެއްޖެ ހާލަތެއްގައި، ކެންސަލޭޝަން ފީއަކާ ނުލައި އެކަން ހަމަޖައްސައިދިނުމަށްވެސް ވަނީ ނިންމައިފައެވެ.
އިމިގްރޭޝަނުން ފާހަގަކުރި ގޮތުގައި، ޕާސްޕޯޓް ބުކްލެޓް ފޯރުކޮށްދޭ ޖަރުމަނުގެ ކުންފުންޏަކީ ވޭތުވެދިޔަ 10 އަހަރު ދުވަހުވެސް މި ތަކެތި ފޯރުކޮށްދިނުމުގައި އެއްވެސް މައްސަލައެއް ދިމާނުވެ، އިތުބާރާއެކު ހިދުމަތް ފޯރުކޮށްދީފައިވާ ފަރާތެކެވެ.
ހިދުމަތްތަކަށް މިފަދަ ބަދަލުތަކެއް ގެންނަން ޖެހުނު ކަމުގައި ވިޔަސް، އެއްވެސް ދިވެހި ރައްޔިތަކަށް ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި ދަތިކަމެއް ކުރިމަތިނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އިމިގްރޭޝަނުން އަރުވައެވެ.
މި ބަދަލުތަކާ ގުޅިގެން ހިދުމަތް ހޯއްދަވާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެ އިދާރާއިން ވަނީ މައާފަށް އެދިފައެވެ.
ގުޅުން ހުރި ޙަބަރުތައް

ފަލަސްތީނުގެ މައްސަލައަށް ހައްލުހޯދަން އޯއައިސީގެ ދައުރު ހަރުދަނާކުރަންޖެހޭ: ދިވެހިރާއްޖެ
ގަޑިއިރެއް ކުރިން

ޑޮލަރު ލިބޭނެ މަގު ތަނަވަސްކުރަން ކަސްޓަމްސް-ބޭންކް ނިޒާމެއް!
17 ގަޑިއިރު ކުރިން

ހުޅުދެލީ ޖެންސެޓް ހިދުމަތަށް ތައްޔާރު!
18 ގަޑިއިރު ކުރިން

ނ. ޅޮހީ އިންޖީނުގޭގެ ކެޕޭސިޓީ 1260 ކިލޯވޮޓަށް އިތުރުކުރަނީ
18 ގަޑިއިރު ކުރިން


