
ޑޮލަރު ލިބޭނެ މަގު ތަނަވަސްކުރަން ކަސްޓަމްސް-ބޭންކް ނިޒާމެއް!

އާމިނަތު ޝަޒްލާ - 27 އޯގަސްޓު 2026 - 13:51
ޒަރޫރީ މުދާ އެތެރެކުރާ ފަރާތްތަކަށް ޑޮލަރު ފޯރުކޮށްދިނުމަށް ވެރިފިކޭޝަން ނިޒާމެއް ގާއިމްކުރުމަށް، ރާއްޖޭގައި ހިންގާ ހުރިހާ ބޭންކުތަކާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާ ދެމެދު ރަސްމީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ކަސްޓަމްސްއިން ވަނީ ރާއްޖޭގައި ހިންގަމުންދާ 7 ބޭންކަކާއެކު ޓީޓީ ވެރިފިކޭޝަނާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ކަސްޓަމްސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާއެވެ. ބޭންކުތަކުގެ ފަރާތުން ސޮއިކުރެއްވީ ކަމާ ގުޅޭ ބޭންކުތަކުގެ ސީއީއޯއިންނާއި މެނޭޖިންގ ޑައިރެކްޓަރުންނެވެ.
މި އެއްބަސްވުމުގެ ދަށުން، ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ މުދަލާއި ރާއްޖެއިން އެކްސްޕޯޓުކުރާ މުދަލާ ގުޅޭގޮތުން ބޭންކުތައް މެދުވެރިކޮށް ހިންގާ ވިޔަފާރި ޓްރާންސެކްޝަންތަކުގެ މައުލޫމާތު، ބޭންކުތަކާއި ކަސްޓަމްސްއާ ދެމެދު ބަދަލުކުރާނެ ހަރުދަނާ ސިސްޓަމެއް ގާއިމުކުރެވިގެންދާނެ ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން، މުދާ އެތެރެކުރުމަށް ޓީޓީ މެދުވެރިކޮށް ކުރާ ފައިސާގެ މުޢާމަލާތްތަކާއި، އެތެރެކުރެވޭ މުދަލުގެ މަޢުލޫމާތު ދިމާވޭތޯ ބެލުމުގެ ނިޒާމު ހަރުދަނާކޮށް، ވިޔަފާރިއާ ގުޅުންހުރި މާލީ މުޢާމަލާތްތަކުގެ ސައްހަކަން ކަށަވަރުކުރުމަކީ ވެސް މި ނިޒާމުގެ މައިގަނޑު އެއް މަގުސަދު ކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ. މި މަސައްކަތް ވިލަރެސްކުރުމަށް ހަމަޖެހިފައިވަނީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިންނެވެ.
މި ވެރިފިކޭޝަން ނިޒާމު ގާއިމްކޮށްފައިވަނީ، ބޭންކިންގ ނިޒާމުގެ ތެރެއިން ބޭރު ފައިސާ ލިބުން ފަސޭހަކޮށްދިނުމާއި، ބޭރު ފައިސާގެ ބާޒާރަށް ލުއިކަން ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ. މިގޮތުން، ބޭންކުތަކަށް ޑޮލަރު ވިއްކާ މިންވަރު އިތުރުކުރުމަށް، ތިން ހަފްތާގެ މުއްދަތަށް ޑޮލަރު ވިއްކާ ނިސްބަތް ބޮޑުކުރުމަށް، 11 އޮގަސްޓުގައި އެމްއެމްއޭ އިން ވަނީ ނިންމާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ފަލަސްތީނުގެ މައްސަލައަށް ހައްލުހޯދަން އޯއައިސީގެ ދައުރު ހަރުދަނާކުރަންޖެހޭ: ދިވެހިރާއްޖެ
11 މިނިޓު ކުރިން

ޕާސްޕޯޓު ލިބުމުގައި ދިމާވެފައިވާ ދަތިތަކާ ގުޅިގެން، މުއްދަތު އިތުރުކުރުމާއި އިމަޖެންސީ ޕާސްޕޯޓް ދޫކުރަން ފަށައިފި
12 މިނިޓު ކުރިން

ހުޅުދެލީ ޖެންސެޓް ހިދުމަތަށް ތައްޔާރު!
17 ގަޑިއިރު ކުރިން

ނ. ޅޮހީ އިންޖީނުގޭގެ ކެޕޭސިޓީ 1260 ކިލޯވޮޓަށް އިތުރުކުރަނީ
17 ގަޑިއިރު ކުރިން


