
ސަރުކާރުގެ އިގްތިސާދީ ހާލަތު އިސްލާހުނުކޮށްފިނަމަ އެމްޑީޕީއިން ސީދާ ހަރަކާތަށް ނިކުންނަނީ

މުޙައްމަދު ފަޟްލޫން - 01 ސެޕްޓެމްބަރު 2026 - 12:12
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތަންފީޒުކުރަމުންދާ އިގްތިސާދީ އަދި މާލީ ސިޔާސަތުތައް އިސްލާހު ނުކޮށްފިނަމަ، އެމަނިކުފާނު އިސްތިއުފާ ދެއްވަންދެން ސީދާ ހަރަކާތްތަކަށް ނުކުތުމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުން ރޭ ގަރާރެއް ފާސްކޮށްފިއެވެ.
ރިޔާސަތުން ހުށަހެޅި މި ޤަރާރު ފާސްކޮށްފައިވަނީ، ރޭ ބޭއްވުނު އެ ޕާޓީގެ ޤައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 137 ވަނަ ޖަލްސާއަށް ވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
މި ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީން %40 ދިވެހި ރުފިޔާއަށް މާރުކުރުން ލާޒިމުކުރުމަކީ އޭގެ ސަބަބުން އިގްތިސާދަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެކެވެ. އެގޮތުން، ރިސޯޓުތަކުގެ ޖުމްލަ އާމްދަނީގެ ގާތްގަނޑަކަށް %60 މިހާރުވެސް ތަފާތު ޓެކުސްތަކާއި ފީތަކުގެ ގޮތުގައި ދައުލަތަށް ދައްކަމުންދާކަން ޤަރާރުގައި ފާހަގަކޮށްފައިވެއެވެ. މީގެ ތެރޭގައި ޓީޖީއެސްޓީގެ ގޮތުގައި ނެގޭ %17 އާއި، ސަރވިސް ޗާޖުގެ %10 ގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ %12 ހިމެނެއެވެ.
މީގެއިތުރުން، ރިސޯޓުތައް ތަރައްގީކުރުމަށް ނަގާފައިވާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމަށާއި، ބިދޭސީ މުވައްޒަފުންގެ މުސާރަ ދިނުމަށް ގިނަ އަދަދެއްގެ ބޭރު ފައިސާ ބޭނުންވާކަން އެ ގަރާރުގައި ބަޔާންކޮށްފައިވެއެވެ.
މިފަދަ ދަނޑިވަޅެއްގައި ވިޔަފާރިތަކަށް ނުއުފުލޭފަދަ ބުރައެއް ޖެއްސުމަކީ، ރާއްޖެއަށް ލިބޭ ޑޮލަރުގެ މިންވަރު އިތުރުވުމުގެ ބަދަލުގައި އިގްތިސާދީ އިތުރު ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށްވެސް އެމްޑީޕީގެގަރާރުގައި ބަޔާންކޮށްފައިވެއެވެ.
ސަރުކާރުން މާލީ ކަންކަމުގައި ޒިންމާދާރުކަން ކުޑަ ނިންމުންތައް ނިންމެވުން ހުއްޓަވާލައްވައި، އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އެމްޑީޕީއާއެކު މަޝްވަރާގެ އުސޫލު އިހްތިޔާރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ވަނީ ގޮވާލާފައެވެ.
އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް މަޝްވަރާގެ އުސޫލު އިހްތިޔާރު ނުކޮށްފިނަމަ ރައީސް ކަމުގެ މަގާމުން ރައީސް މުއިއްޒު އިސްތިއުފާ ދެއްވަންދެން ސީދާ ހަރަކާތްތަކަށް ނުކުތުމަށް ނިންމައި، އެ ހަރަކާތްތަކަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެއްބާރުލުން ދިނުމަށް ވިޔަފާރިވެރިންނަށް އެމްޑީޕީގެ ގަރާރުގައި ވަނީ އިލްތިމާސްކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ނޯވޭގެ ރަސްގެފާނު ހާކޮން 8 ވަނައަށް ރައީސް މުއިއްޒު ތަހުނިޔާ ފޮނުއްވައިފި
16 ގަޑިއިރު ކުރިން

މިސްކިތްތަކުގެ ލައިޓްތައް ވަގަށްނަގާތީ މާލެ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި
16 ގަޑިއިރު ކުރިން

ނޭޕާލްގެ ފެންބޮޑުވުން: ހޮހަޅަތަކުގައި ތާށިވި މީހުން ސަލާމަތްކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް!
16 ގަޑިއިރު ކުރިން

މިފްކޯގެ ޗެއަރމަން ކަމަށް ފާއިޒް އައްޔަނުކޮށްފި
17 ގަޑިއިރު ކުރިން


