logo

ދުވާރުމަތީ ދުއްވާ؛ މަގުމަތީ ހިނގާބިނގާވެ އުޅޭ މީހުންގެ ވާހަކަ!

profile

ޒިދާން މުޙައްމަދު - 17 ޖެނުއަރީ 2025 - 13:16

ހުޅުމާލޭ ނައިބަރހޫޑް 1 -- ފޮޓޯ: ޒިދާން މުހައްމަދު / އަސްލު

ހުޅުމާލޭ ނައިބަރހޫޑް 1 -- ފޮޓޯ: ޒިދާން މުހައްމަދު / އަސްލު

ދިވެހި ތާރީޚަށް ބަލާ ނަމަ 2011 ވަނަ އަހަރުގެ ފުރަތަމަ ދުވަހު ދިވެހި އުދަރެހަށް އިރު އެރީ ފިސާރި ފަޚުރާއެކުއެވެ. އުފާވެރި ދުވަހަކަށް އިރު އަރައި އުފަލުގެ ރަން ދޯދިތަކުން މުޅި ގައުމަށް އަލިކޮށްލިއެވެ. ތިލަކޮށްލާނަމެވެ. 1 ޖަނަވަރީ 2011އަކީ ދިވެހިރާއްޖެއަކީ ތަރައްގީވަމުން އަންނަ ގައުމެއްގެ ގޮތުގައި ކަނޑައެޅިގެންދިޔަ ތާރީޚީ ދުވަހެވެ. އ.ދ އިން އެގޮތަށް ނިންމީ މި ޖަޒީރާ ގައުމަކީ ތަރައްޤީވަމުން އަންނަ ގައުމެއްގެ ސިފަ ފުރިހަމައަށް ލިބިފައިވާ ގައުމަކަށް ވާތީއެވެ.

https://wamco.com.mv/

ހިންދުމާކަނޑުތެރޭ އަލިރަންމުތް ހެން ދިރޭ، މަގޭ މަހަލްދީބު ތަރައްގީގެ ނާރެހުގައި ކުރިއަރަމުން ދާހިނދު އުފާކޮށް ފަޚުވެރިވުން ހައްގެވެ. އަދި އެ ތަރައްގީއާ އެއްވަރަށް ގައުމުގެ ދަރީންގެ ސިކުނޑިތައް ތާޒާވެ، ތަރައްޤީގެ ކުލަވަރަށް ހޭނެންޖެހެއެވެ. ތަހުޒީބާއި ތަމައްދުންގެ ރިވެތި ސިފަތަކުން ޖަރީވާންޖެހެއެވެ.

އެކަމަކު، އުފެދޭ އެންމެ ބޮޑު އެއް ސުވާލަކީ، ގައުމުގެ ތަރައްގީއާ އެއް ހަމައެއްގައި ރައްޔިތު މީހާގެ ތަހުޒީބުކަން ފެނޭބާއެވެ؟ ތަރައްގީގެ ރޭހުގައި ގައުމު މިދެކޭ ހަލުވި ދުވުމާއި އެއްވަރަށް ދިވެހީންގެ ތަހުޒީބުކަން ކުރިއަރަމުން ދޭބާއެވެ؟

ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުން ދިރިއުޅޭ މާލޭ ސަރަހައްދަށް ބަލާލަމާ ހެއްޔެވެ؟ ޒިޔާރަތްކުރާ މީހުން ހައިރާންހާ ހިތްގައިމު ރީތި ބުރިޖެކެވެ. ތާރު މަގުތަކާއި މަގުމަތީގެ ޒަމާނީ ވަސީލަތްތަކެވެ. އުސް އިމާރާތްތަކާއި ވަށައިގެން ފެންނަ އުމްރާނީ ތަރައްޤީގެ ހެކިތަކެވެ. ހަމަ ޔަގީނުންވެސް ވަސީލަތްތައް މަދު، މެދުންފަންތީގެ ގައުމަކާ ބަލާއިރު މިއީ އުމްރާނީ ތަރައްގީގެ އިންތިހާއެވެ.

ނަމަވެސް، ތަހުޒީބުގެ ވާހަކަދައްކަން އަހަރެން ވަނީ އާދަޔާ ޚިލާފު ޖެހިލުމެކެވެ. ދައްކަން އުނދަގޫ ވާހަކައެކެވެ. ލަދުވެތި ވާހަކައެކެވެ. މާލޭ ސަރަހައްދުގެ ޒަމާނީ މަގުތަކަށް ނަޒަރު ހިންގާލާށެވެ. ނާތަހުޒީބު އެތައް ކަމެއް ފެންނާނެއެވެ. ބޭއަދަބީ އެތައް ކަމެކެވެ. މަގުމައްޗަށް ރަތްކުޅުޖެހުމާއި، ނުގަވާއިދުން ވެހިކަލް ދުއްވުމާއި ހިނގާބިނގާވެ އުޅުން ފަދަ އެތައް ކަމެކެވެ.

undefinedހުޅުމާލޭ ނައިބަރހޫޑް 1 -- ފޮޓޯ: ޒިދާން މުހައްމަދު / އަސްލު

އާންމުންނަށް އުނދަގޫވާ ގޮތަށް ޕާކުކުރުމާއި މަގުމަތީގެ އަދަބުތަކާ ޚިލާފަށް މަގުމަތީގައި ތަކެތި ބެހެއްޓުން ހިމެނެއެވެ. ވަރަށް އާންމުކޮށް ފެންނަ އެއް މަންޒަރަކީ މަގުމަތީގައި ދުއްވަން އޮންނަ ސަރަހައްދުގައި ހިނގާބިނގާވެ އުޅޭ މަންޒަރެވެ. އަނެއްކޮޅުން ހިނގާބިނގާވެ އުޅުމަށް ހާއްސަ ތަންތަނުގައި އުޅަނދު ދުއްވުމަކީ ވެސް އާންމު ކަމެކެވެ.

މިކަން އާންމުކޮށް ފެންނަނީ ހުޅުމާލެއާއި މާލޭންނެވެ. ވަކީން ހާއްސަކޮށް ހުޅުމާލޭންނެވެ.

2017 ވަނަ އަހަރު ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ ހާލަތު ބެލުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ކުރިއަށް ގެންދިޔަ ސާވޭގައި ވެސް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރީ ޕޭވްމަންޓް މަތީ ވެހިކަލް ދުއްވާތީއެވެ. އެކަމުން ގިނަ ބަޔަކު ހާއްސަކޮށް ކުޑަކުދިން ނުރައްކަލަށް ހުށަހެޅޭތީއެވެ. އެކަމަކު އަދިއަދަށް ދާންދެންވެސް މިކަމަށް ހައްލެއް ގެނެސްފައެއް ނުވެއެވެ. ބައެއް ތަންތަނުގައި ފެންސު ޖެހި ނަމަވެސް ފްލެޓްތައް ހިމެނޭ ގިނަ ސަރަހައްދުތައް އަދިވެސް އޮތީ ވެހިކަލް ދުއްވޭ ގޮތަށް ހުޅުވާލާފައެވެ.

ކޮންމެއަކަސް ހިނގާތަނެއްގައި ދުއްވުމަކީ ޤާނޫނުން ވެސް މަނާކަމެކެވެ. ހުޅުމާލޭގައި ޕޭވްމަންޓާއި ވޯކްވޭތައް މަތީ އުޅަނދު ދުއްވުމަކީ ހިނގަމުންދާ ކަމެކެވެ. އާންމުންގެ ކަންބޮޑުވުން ހުރި މިމައްސަަލައަށް ހައްލު ހޯދުމަށް ބެލެނިވެރި ފަރާތްތަކާއި ޤާނޫނު ތަންފީޛުކުރާ ފަރާތްތައް ވަނީ ނުކުޅެދިފައެވެ.

ދެ ފްލެޓް އިމާރާތުގެ ދޭތެރޭ އޮންނަ ޕެޑެސްޓްރިއަން އޭރިއާ ނުވަތަ ފައިމަގުގައި އުޅޭ ސަރަހައްދުގައި ސައިކަލު ފަދަ އުޅަނދު ދުއްވުމުން ނުރައްކަލަށް ހުށަހެޅެނީ ކުދިބޮޑު ރައްޔިތުންނެވެ. އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނާއި ޒިޔާރަތްކުރާ މީހުންނެވެ. އެކިއެކި ބޭނުންތަކަށް ހިނގައިބިނގައިވެ އުޅޭ މީހުންނެވެ. ޝޯޓްކަޓް ހަދާލަން ނޫނީ އަވަސްއަރުވާލަންވެސް ފައިމަގުގައި އުޅެން ހާއްސަ ސަރަހައްދަށް ވެހިކަލް ވަނުމަކީ މަރާ ގުޅިފައިވާ ކަމެކެވެ.

މަގުމައްޗަކީ އެންމެން ބޭނުންކުރުމަށް އޮންނަ ތަނެކެވެ. އެއީ ވަކި ބަޔަކު ބޭނުންވީމަ ބޭނުންގޮތަކަށް އުޅެން އޮންނަތަނެއް ނޫނެވެ. މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަގުމަތީގައި އުޅޭ ހުރިހާ އެއްމެންވެސް ހެދިފަހުންނަ ޤަވާއިދުތަކަށް ޢަމަލުކުރަން ޖެހެއެވެ.

ސިކުނޑިތައް ހުޅުވި ތަރައްޤީއާއެކު ތަހުޒީބުވެސް ވާންވެއްޖެއެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay