logo

ޚުޠުބާގައި ބާރުއެޅީ ޝައުބާންމަހަކީ ރަމަޟާންމަހުގެ އަޅުކަމުގައި މަޝްޢޫލުވުމަށް ލިބޭ ތަމްރީނަކަށް ހެދުމަށް!

profile

ޒިދާން މުޙައްމަދު - 14 ފެބްރުއަރީ 2025 - 08:50

ޝައުބާންމަހަކީ ރަމަޟާންމަހުގެ އަޅުކަމުގައި މަޝްޣޫލުވުމަށް ލިބޭ ތަމްރީނަކަށް ހެދުމަށް ހުކުރު ޚުޠުބާގައި ބާރުއަޅައިފިއެވެ.

https://wamco.com.mv/

ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާ ބިނާކޮށްފައިވަނީ "شَعْبَان މަހުގައި ހެޔޮ ޢަމަލުކުރުން" މިމަޢުޟޫއުގެ މައްޗަށެވެ.

ޚުޠުބާގައި ބުނީ އަހުރެމެން މިހާރު ވޭތުކުރަމުން މިދަނީ ޝަޢުބާން މަހުގެ ދުވަސްތައް ކަމަށާއި މި މަހަކީ އެތައް ގޮތަކުން ޚާއްޞަ މަހެއް ކަމަށެވެ. އެ ހާއްސަކަން އެންމެ ބޮޑުވަނީ މިމަހަކީ ރަމަޟާން މަހަށް މަރުޙަބާ ކިޔާން ތައްޔާރުވަމުން އަންނަ މައްސަރަކަށް ވީތީކަން ފާހަގަކޮށް ޚުޠުބާގައި ބުނީ ޝަޢުބާންމަހު، އަޅުކަމުގައި ހީވާގިވުމަކީ، ރަމަޟާންމަހު އަޅުކަމުގައި މަޝްޣޫލުވުމަށް ލިބޭ ތަމްރީނެއް ކަމަށެވެ.

ޚުޠުބާގައި ވަނީ މާތް ނަބިއްޔާ ﷺގެ ޢަމަލުފުޅުތަކުގެ މަތީން ހަނދާން އައުކޮށްފައެވެ.

أُمُّ الْمُؤْمِنِيْنَ عَائِشَة رَضِيَ اللهُ عَنْهَاގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގެ މާނައިގައި ވެއެވެ. އެ ކަމަނާ ވިދާޅުވިއެވެ. "މާތް ނަބިއްޔާ ﷺ، ޝަޢުބާން މަހަށް ވުރެ ގިނައިން (ސުންނަތް) ރޯދަ ހިއްޕަވާ މައްސަރެއް ނުވެއެވެ. އެ މަހުގައި (ރޯދަފުޅު ހިއްޕަވާލެއް ގިނަކަމުން) މުޅި މައްސަރުގައި ރޯދަފުޅު ހިއްޕަވާ ފަދައެވެ. އަދި މާތް ނަބިއްޔާ z ޙަދީޘްކުރައްވާކަމުގައި ވިއެވެ. "ތިޔަބައިމީހުންނަށް ކުޅަދާނަވީ މިންވަރަކުން ހެޔޮކަންތައް ކުރާށެވެ! ފަހެ ތިޔަބައިމީހުން ހީވާގިކަމާ އެކު ހެޔޮ ޢަމަލު ކުރުމުގައި ދެމިތިބިހައި ހިނދަކު، މާތް الله ތިޔަބައިމީހުންނަށް ދަރުމަ ދެއްވުމުގައި ދެމިވޮޑިގެންވާނެއެވެ."

މާތް ނަބިއްޔާ ﷺގެ އިރުޝާދުފުޅުތަކަށް ބަލާ އިރު، މާތް اللهގެ ޙަޟްރަތުގައި، ހެޔޮ ޢަމަލުތަކުގެ ތެރެއިން އެންމެ ހެޔޮކަން ބޮޑީ، ދެމިހުންނަނިވި ގޮތުގައި ކުރެވޭ ހެޔޮ ޢަމަލެވެ. ކީރިތި ރަސޫލާﷺ ޙަދީޘްކުރައްވައިފައި ވެއެވެ.

(أَحَبُّ الْأَعْمَالِ إِلَى اللهِ تَعَالَى أَدْوَمُهَا وَإِنْ قَلَّ) މާނައީ: "މާތް اللهގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ، ކިތަންމެ މަދުން ނަމަވެސް ދާއިމީ ގޮތެއްގައި ކުރެވޭ ޢަމަލެވެ."

ޚުޠުބާގައި ވަނީ "ވެހޭތާ ފެންނަގާށޭ" ބުނާ ފަދައިން، ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ނަސޭހަތްތެރިވެފައެވެ. ހެޔޮ ޢަމަލު ކުރުމުގައި އަވަދިނެތި އުޅޭވޭތޯ މަސައްކަތްކުރުމަށް ހަނދާންކޮށްދެމުން، ޚުޠުބާގައި ބުނީ ގިނަގިނައިން ހެޔޮ ޢަމަލު ކުރުމަކީ، ގަސްދަކާނުލައި ކުރެވޭ ފާފަތަކުން މާތް الله އަހުރެމެން ސަލާމަތްކުރައްވާނެ ކަމެއް ކަމަށެވެ. އަދި މި ފަދަ ބަރަކާތްތެރި މޫސުމެއްގައި، މާތް ނަބިއްޔާ ﷺ އަހުރެމެންނަށް ނަމޫނާ ދައްކަވައިފައިވާ ގޮތަށް، ހެޔޮ ޢަމަލުކުރުންމަތީ، ސާބިތުވެ ތިބުމަކީ، މުހިންމު ކަމެއް ކަމަށްވެސް ވަނީ ބުނެފައެވެ.

މާތް ނަބިއްޔާ ﷺ، ޝަޢުބާންމަހު، ރޯދަހިއްޕެވުން ގިނަކުރައްވާތީ ދެކެވަޑައިގެން، أُسَامَةُ بْنُ زَيْدُ رَضِيَ اللهُ عَنْهُمَا ރަސޫލާ zގެ އަރިހުގައި ސުވާލު ދެންނެވިއެވެ. (يَا رَسُوْلَ اللهِ، لَـمْ أَرَكَ تَصُوْمُ مِنْ شَهْرٍ مِنَ الشُّهُوْرِ مَا تَصُوْمُ شَعْبَانَ، قَالَ: ذَلِكَ شَهْرٌ يَغْفُلُ النَّاسُ عَنْهُ بَيْنَ رَجَبٍ وَرَمَضَانَ، وَهُوَ شَهْرٌ تُرْفَعُ فِيْهِ الْأَعْمَالُ إِلَى رَبِّ الْعَالـَمِيْنَ، وَأُحِبُّ أَن يُرْفَعَ عَمَلِيْ وَأَنَا صَائِمٌ) މާނައީ: "އޭ اللهގެ ރަސޫލާއެވެ! ޝަޢުބާންމަހު ކަލޭގެފާނު ރޯދަފުޅު ހިއްޕަވާ ވަރަށް، އަހަރުގެ އެހެން މައްސަރެއްގައި (ސުންނަތް) ރޯދަފުޅު ހިއްޕަވާ ތަނެއް، ތިމަން ދެކެވަޑައެއް ނުގަންނަވަމެވެ. އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އެއީ ރަމަޟާން މަހާއި ރަޖަބު މަހާ ދެމެދުގައިވާ، އަދި މީސްތަކުން އެ މަހަކާ މެދު ޣާފިލުވާ މަހެކެވެ. އެއީ ޢާލަމްތަކުގެ ވެރި ރަސްކަލާނގެ ޙަޟްރަތަށް މީސްތަކުންގެ ޢަމަލުތައް އުފުއްލެވޭ މަހެކެވެ. އެހެންވެ، ތިމަން ކަލޭގެފާނު ރޯދަފުޅަށް ހުންނަވަނިކޮށް ތިމަން ކަލޭގެފާނުގެ ޢަމަލުފުޅުތައް އުފުއްލެވުމަކީ، ތިމަން ކަލޭގެފާނު ލޯބިކުރައްވާ ކަމެކެވެ."

ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (إِذَا انْتَصَفَ شَعْبَانُ فَلَا تَصُوْمُوا) މާނައީ: "ޝައުބާންމަސް ދެބައި ވެއްޖެ ނަމަ، ފަހެ، ތިޔަބައިމީހުން ރޯދަ ނުހިފާހުށިކަމެވެ!"

މި ޙަދީޘުން ދޭހަވަނީ ޢާންމުކޮށް ހިފަމުންދާ ސުންނަތް ރޯދަ ފިޔަވައި، މި ދުވަސްތަކުގައި ސުންނަތް ރޯދަ ނުހިފުމަށް އަމުރު ކުރެއްވިކަމެވެ. އެކަމަކު އޭނާއަކީ، ފާއިތުވި ރަމަޟާންމަހުގެ ރޯދައެއް ޤަޟާ ކުރާން ޖެހިފައިވާ މީހަކު ނަމަ، ނުވަތަ ނަދުރު ރޯދައެއް ހިފާން ޖެހިފައިވާ މީހަކު ނަމަ، ނުވަތަ އާދަކޮށް ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ރޯދަ ހިފައި، މެދުފޮއި ރޯދަހިފުމަށް އާދަވެފައިވާ މީހަކު ނަމަ، ނުވަތަ އާދަކޮށް، ދެދުވަހުން އެއް ދުވަހު ރޯދަހިފާ މީހަކު ނަމަ، ޝަޢުބާން މަސް ދެބައިވުމުން ވެސް އެފަދަ ރޯދައެއް ހިފުން މަނާވެގެނެއް ނުވެއެވެ.

ރަމަޟާން މަހަށް ތައްޔާރުވަމުންދާ މުސްލިމުންނަށް ޚުޠުބާގައި ގޮވާލީ ވޭތުވެދިޔަ އަހަރުގެ ފަރުޟު ރޯދައެއް ޤަޟާކުރަން ޖެހިފައިވާ ނަމަ، އެ ރޯދަ އަވަހަށް ޤަޟާކުރުމަށެވެ. ހީވާގިކަމާ އެކު، ރަމަޟާން މަހަށް އިސްތިޤުބާލުކުރާން ތައްޔާރުވުމަށެވެ. ރަމަޟާން މަހުގެ އަޅުކަމަށް، ވަގުތު ދެވޭ ގޮތަށް ވަގުތުތައް ރާވާލުމަށެވެ.

ރަމަޟާން މަހަށް ތައްޔާރުވުމަކީ، އިސްރާފުކުރުން އޮތްކަމެއް ނޫން ކަމަށް ބުނެ ޚުޠުބާގައި ވަނީ ފިޠުރު ޒަކާތް ދެއްކުމަށް ނިޔަތް ގަނެ، ރަމަޟާން މަސް ނިމުމުގެ ކުރީން އެ ޒަކާތް ދައްކަން ހަނދާންކޮށްދީފައެވެ.

ޚުޠުބާގައި ގޮވާލީ، ދީލަތިކަން އިތުރުކުރާށެވެ! އޯގާތެރި މަޑުމައިތިރި މީހަކަށް ވާށެވެ! ޒުވާބުކުރުމާއި، ހަޑިހުތުރު ބަސްތަކާ ދުރުހެލިވާށެވެ! ކެތްތެރިކަން އިތުރުކުރާށެވެ! ދޮގުހެދުމާއި، ފުރައްސާރަކުރުމާ ދުރުހެލިވާށެވެ! ފުރިހަމަ ގޮތުގައި ރޯދަހިފުމަށް ތައްޔާރުވުމުގައި ތިބާގެ ގުނަވަންތަކުން އަދާކުރާންޖެހޭ ދައުރެއް ވާކަން ދަނެ، އެ ގުނަވަންތައް، ކުށްތަކާ ދުރުހެލިކުރާށެވެ!

ޝަޢުބާން މަހުގެ ފަނަރަ ވިލޭރޭގެ މާތްކަމާ ބެހޭ ގޮތުން ވާރިދުވެފައިވާ ޙަދީޘްތަކަކީ، ޞައްޙަ ނޫން ޙަދީޘްތަކަކަށް ވާތީވެ، އިތުބާރު ހުރި ބޮޑެތި ޢިލްމުވެރިން، ޤަބޫލު ނުކުރައްވައި، ރައްދު ކުރައްވައިފައިވާ ޙަދީޘްތަކެކެވެ.

ގިނަ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މުސްލިމުންގެ ޤިބުލަ، އަލްމަސްޖިދުލް އަޤްޞާއިން އަލްމަސްޖިދުލް ޙަރާމަށް ބަދަލުކުރެއްވުނީ ހިޖުރައިން ދެވަނަ އަހަރުގެ ޝަޢުބާން މަހުގައެވެ. އަލްމަސްޖިދުލް ޙަރާމަށް ޤިބުލަ ބަދަލުވުމަކީ، ލޮބުވެތި ރަސޫލާ zގެ ވަރަށް ބޮޑު އުންމީދުފުޅެކެވެ. اللهُ سُبْحَانَهُ وَتَعَالَى ރަސޫލާ ﷺގެ މި އުންމީދުފުޅު ޙާޞިލުކޮށްދެއްވިއެވެ.

މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އުޑާ ދިމާއަށް މަތި ބައްލަވައިގެން ހުންނަވައި، ކަލޭގެފާނުގެ މޫނުފުޅު އެފުށް މިފުށަށް އަނބުރުއްވާ ތަން ތިމަންރަސްކަލާނގެ ހަމަކަށަވަރުން ދެކެވޮޑިގެންވަމެވެ. ފަހެ، ކަލޭގެފާނު ރުހިވަޑައިގަންނަވާނޭ ޤިބްލައަކަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނު ކުރިމަތިކުރައްވާހުށީމެވެ. ފަހެ، ޙުރްމަތްތެރި ވެގެންވާ މިސްކިތާ (އެބަހީ: ކަޢުބަތު الله ގެފުޅާ) ދިމާއަށް، ކަލޭގެފާނުގެ މޫނުފުޅު ކުރިމަތިކުރައްވާށެވެ! އަދި ތިޔަބައިމީހުން ތިބި ކޮންމެ ތަނެއްގައިމެ، އެފަރާތަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތިކުރާށެވެ!"

ސުވަރުގެވަނުމަށް މަގުކޮށާ ބަޔަކު ކަމުގައިވާ ނަމަ، ކީރިތި ޤުރްއާނާއި، މާތް ނަބިއްޔާ ﷺގެ ސުންނަތަށް ޢަމަލުކުރާށެވެ! ނޭނގެއޭ ބުނެ، ބަރަކާތާއި ރަޙުމަތުގެ ދުވަސްތައް ނަގައިނުލާށެވެ! ދަންނަ މީހުން ކުރެން އަހައި، އޮޅުންފިލުވާށެވެ! ދީނީ ދަރުސްތައް އަޑުއަހައި، ދީނުގެ ޙުކުމްތައް އޮޅުންފިލުވާށެވެ! ތިމާގެ އަމިއްލަ ނަފުސު އިސްލާމީ ޢިލްމުން މުއްސަނދިކުރާށެވެ!

އިންސާނުންނަކީ އަބަދާއިއަބަދު ހަނދާން އާކުރުމަށް ބޭނުންވާ ބައެކެވެ. މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

"ކަލޭގެފާނު ހަނދާން ކޮށްދެއްވާށެވެ! ފަހެ، ހަމަކަށަވަރުން، ހަނދާންކޮށްދިނުމަކީ، މުއުމިނުންނަށް މަންފާކުރާނޭ ކަމެކެވެ." މިފަދަ ބަސްފުޅުތައް އަހައި ތިމާގެ ޢަމަލުތައް އިސްލާޙުކުރާށެވެ!

https://etukuri.mv/
https://eportal.mwsc.com.mv/e-pay