
ދަތުރުތަކަށް ސަރުކާރުން ކުރާ ޚަރަދުތައް ވަނީ އިންތިހާއަށް އިތުރުވެފައި
ސަރުކާރުގެ ދަތުރުތަކަށް 64 މިލިއަން: ހަންގޭރީ އަށް ފަހު ޝާހިދު ވަޑައިގަތީ ސްވިޑެން އަށް!

އަހުމަދު ޒަލީފު - 13 މޭ 2023 - 10:58
މި އަހަރުގެ މިހާތަނަށް ސަރުކާރުގެ ރަސްމީ ދަތުރުތަކަށް ދައުލަތުގެ ބަޖެޓުން 64 މިލިއަންއަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް، ސަރުކާރުން ވަނީ ދަތުރުތަކަށް 64.1 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.
މިއަހަރު ދަތުރުތަކަށް ހަރަދުވާނެކަމަށް މުޅި ޖުމުލަ ބަޖެޓްކޮށްފައިވަނީ 210.2 މިލިއަން ރުފިޔާ އެވެ. އެކަމަކު އެ އަދަދަށް ވުރެ އިތުރަށް ސަރުކާރުން ހަރަދުކުރާނެކަމަށް ބެލެވެ އެވެ. މިދިޔަ އަހަރުވެސް ދަތުރުކުރަން ބަޖެޓުކުރި ވަރަށްވުރެ އެތަށް މިލިއަނެއް އިތުރަށް ސަރުކާރުން ދަތުރުތަކަށް ހަރަދުކޮށްފައިވެ އެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސްވިޑެން އަށް ވަޑައިގަންނަވާފައިވާއިރު، ޕޮރިން މިނިސްޓްރީން ދަތުރުތަކަށް ކުރާ ޚަރަދު އުޅެނީ އިންތިހާއަށް މަތީގައެވެ.
ޝާހިދު ސްވިޑެން އަށް ވަޑައިގެންނެވީ އީޔޫ އިންޑޯ ޕެސިފިކް މިނިސްޓީރިއަލް ފޯރަމްގައި ބައިވެރިވުމަށެވެ. މި ފޯރަމްގައި ދުނިޔޭގެ 60 ގައުމެއްގެ ހާރިޖީ ވަޒީރުން ބައިވެރިވެ އެވެ.
ޝާހިދު ވިދާޅުވީ ސްވިޑަން އަށް ކުރާ ދަތުރުގެ ސަބަބުން ރާއްޖެ އާއި އިންޑޯ ޕެސިފިކް ސަރަޙައްދާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު އޮތްް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.
ޝާހިދު ސްވިޑެން އަށް ވަޑައިގެންނެވީ ހަންގޭރީ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އެވެ. ޝާހިދަކީ ރާއްޖެއިން ހަންގަރީ އަށް ޒިޔާރަތްކުރި ފުރަތަމަ ހާރިޖީ ވަޒީރެވެ.
ދަތުރުތަކަށް މިހާތަނަށްވެސް ބޮޑު ހަރަދެއް ކޮށްފައިވާއިރު، ދައުލަތުގެ އާމްދަނީން ހަރަދުތައް ފޫނުބެއްދޭނެތީ، ފިނޭންސް މިނިސްޓްރީން ވަނީ ދަތުރު ހަރަދުތައް ފަދަ ރިކަރަންޓު ހަރަދު ކުޑަކުރުމަށް ސަރުކާރުގެ ވުޒާރާތަކަށް އަންގާފަ އެވެ.
ނަމަވެސް ކޮންމެ އަހަރުވެސް ސަރުކާރުން ދަތުރުތަކަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކުރެ އެވެ. އެގޮތުން ފާއިތުވި އަހަރުވެސް ރައީސް އިބްރާހީމާއި ސަރުކާރުގެ އިސްވެރިން ވަނީ ގައުމުން ބޭރަށް ގިނަ ދަތުރުތައް ކުރައްވާފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން