
އިސްލާހުތަކާއެކު ގުނަވަން ޓްރާންސްޕްލާންޓުގެ ބިލު ފާސްކޮށްފި

މުޙައްމަދު ފަޟްލޫން - 14 ޖުލައި 2026 - 08:32
އަލުން ވިސްނުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓު ކުރުމާގުޅޭ ބިލަށް މައިގަނޑު 3 އިސްލާހެއް ގެނެސް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ
ގުނަވަން ޓްރާންސްޕްލާންޓް ކުރުމާއި ބެހޭ ބިލު ފާސްކޮށްފައިވަނީ 58 މެމްބަރުންގެ ވޯޓާއި އެކުގައެވެ.
އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމާ ގުޅޭ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަނބުރާ މަޖިލީހަށް ފޮނުއްވަން ނިންމެވީ، ބިލު ފާސްވެގެން އައިއިރު ރައްޔިތުންގެ މަޖިލީހުން ބިލަށް ގެންނެވި ބަދަލުތަކާއެކު، އެ ބިލުގައި ހުރި ކަންކަން ތަންފީޒުކުރުމުގައި ދިމާވެދާނެ ދަތިތަކަށް ރިއާޔަތްކުރައްވައެވެ.
ބިލު މިހާރު އޮތް ގޮތް މުރާޖައާކުރައްވައި އިސްލާހުތަކެއް ގެންނަވަންޖެހޭކަމަށް ފެނިވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިބިލު އަލުން މަޖިލީހަށް ބަލައިގަނެ، އިޖުތިމާޢީ ކޮމިޓީން ވަނީ އިސްލާހުތައް ގެނެސްފައެވެ.
ކުރިން ބިލުގެ 7 ވަނަ މާއްދާއިން އުނިކުރި ދެ އަކުރެއް ވަނީ އިތުރުކޮށްފައެވެ.
ގުނަވަން ހަދިޔާ ކުރާ މީހުންގެ ޝަރުތުގެ ގޮތުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހެއް ކަމުގައި ނުވުމާއި، ކުށުގެ ތުހުމަތެއްގައި ނުވަތަ ޝަރުޢީ ހުކުމެއް ތަންފީީޒު ކުރަމުންދާ މީހަކު ކަމުގައި ނުވުން ވަނީ އިތުރުކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، ބަންދެއްގައި ތިބޭ މީހުންނަކީ އެ މީހުންގެ އަމިއްލަ އިޚްތިޔާރާއި މިނިވަންކަން ގައިދުވެ، ޚާއްސަ ހާލަތެއްގައި ތިބޭ މީހުން ކަމުގައިވާއިރު އެ މީހުންނަކީ ފުރިހަމަ ރުހުމާއެކު އަދި އެއްވެސް ބާވަތެއްގެ މަޖުބޫރުކަމެއްނެތި ގުނަވަނެއް ހަދިޔާކުރުން ފަދަ ކަމަކަށް ރުހުން ދެވިދާނެ ފަދަ ބައެއްކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.
ބަންދުގައި ތިބޭ މީހުންނާއި، ގައިދީންނަށް ގުނަވަން ހަދިޔާ ކުރުމުގެ ފުރުސަތު ފަހިކޮށްދީފައިވާ މަދު ގައުމުތަކުގައިވެސް އެކަން ކުރަމުންދަނީ އާންމު ހާލަތުގައި ބަލައި، ކަށަވަރުކުރަން ޖެހޭ ކަންކަމުގެ އިތުރަށްވެސް އިތުރު ކަންތައްތަކެއް ބަލައި ކަށަވަރު ކުރުމަށްފަހު ކަމަށާއި، އެފަދަ މީހުންނަށް ގުނަވަން ހަދިޔާކުރުމުގެ އިތުރު އުސޫލުތަކެއް އަދި އިޖުރާއަތްތަކެއްނެތި އެފުރުސަތު ދިނުމަކީ، ގާނޫނު ތަންފީޒު ކުރުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ފާހަގަކުރެވޭ ކަމަށްވެސް ރައީސް ފޮނުއްވި ސިޓީގައި ވަނީ ވިދާޅުވެފައެވެ.
މި ބިލަށް ކޮމިޓީ މަރުހަލާގައި ގެންނެވި އިތުރު އިސްލާޙުތަކުގެ ތެރޭގައި ރުހުންނެތި ގުނަވަން ނެގުމާއި، ގާނޫނާ ހިލާފަށް ޓްރާންސްޕްލާންޓް ކޮށްފި ހާލަތެއްގައި އެ މީހަކަށް އަދަބެއްގެ ގޮތުގައި ގިސާސް ހިފުމާއި، ގުނަވަނަށް ދިޔަ ދިނުމަށް ކަނޑައަޅާފައިވާ ބައި ވަނީ އުނިކޮށްފައެވެ.
އެފަދަ ކުށެއް ކޮށްފިނަމަ 150،000 ރުފިޔާއާއި، 250،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 12 މަހާއި 18 މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.
ގުނަވަން ޓްރާންސްޕްލާންޓް ކުރުމާއި ބެހޭ ގާނޫނު ތަސްދީގުކުރާތާ 180 ދުވަހުގެ ތެރޭގައި ޤާވާއިދުތައް ހަދަން ބަޔާންކޮށްފައި އޮތް ނަމަވެސް އެ ބިލުގެ އެހެން ބައެއް މާއްދާތަކާއި، އެ މާއްދާ ފުށުއަރާތީ ޤާނޫނަށް އަމަލުކުރާތާ 180 ދުވަހުގެ ތެރޭގައި ޤަވާއިދުތައް ހަދަންޖެހޭ ގޮތަށް ވަނީ އިސްލާހުކޮށްފައެވެ.
މި ގާނޫނަށް އަމަލުކުރަން ފަށާނީ، ތަސްދީގުކުރާތާ 180 ދުވަސް ހަމަވާ ތާރީހުން ފެށިގެންކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
ގާނޫނަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި އޯގަން ޓްރާންސްޕްލާންޓް ކައުންސިލް އުފައްދަން ޖެހޭކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ޖޭއެސްސީން ބޭނުންވެއްޖެ ނަމަ އިސްފަނޑިޔާރުން ވަކިކުރެވޭ ގޮތް ހަދައިފި
8 ގަޑިއިރު ކުރިން

ތިނަދޫ އަލުން އާބާދުވިތާ 60 އަހަރު ފުރުމުގެ މުނާސަބަތަށް ޚާއްސަ ލޯގޯއެއް އިފްތިތާޙްކޮށްފި
9 ގަޑިއިރު ކުރިން

ރާއްޖެ-އިންޑިއާ މިނިވަން ވިޔަފާރި: ފުރަތަމަ ބުރުގެ މަޝްވަރާތައް ނިންމާލައިފި
10 ގަޑިއިރު ކުރިން

ސައިބަރ ކުރައިމް އިތުރުވެއްޖެ، ގިނައީ އޮންލައިން ޝޮޕިންގް އަދި ސޯޝަލް މީޑިއާ ސްކޭމް: ފުލުހުން
10 ގަޑިއިރު ކުރިން


.gif&w=3840&q=75)