
ސައިބަރ ކުރައިމް އިތުރުވެއްޖެ، ގިނައީ އޮންލައިން ޝޮޕިންގް އަދި ސޯޝަލް މީޑިއާ ސްކޭމް: ފުލުހުން

އާމިނަތު ޝަޒްލާ - 14 ޖުލައި 2026 - 11:00
ދިވެހިރާއްޖޭގައި ސައިބާ ކުށްތައް ނުވަތަ އިންޓަނެޓާއި ޓެކްނޮލޮޖީގެ ޒަރީއާއިން ކުރާ ކުށްތައް ރިޕޯޓުކުރާ މިންވަރު، މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 105 އިންސައްތައަށްވުރެ އިތުރުވެފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2025 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ހުށަހެޅިފައިވަނީ ސައިބާ ކްރައިމްގެ 512 މައްސަލައެވެ. ނަމަވެސް، 2026 ވަނަ އަހަރުގެ މި މުއްދަތުގައި އެ އަދަދު ވަނީ 1,053 އަށް އުފުލިފައެވެ. މިއަހަރުގެ ތެރޭގައި 884 މައްސަލައެއްގެ ތަހުގީގު ކުރިއަށްދާއިރު، އެކި ފިޔަވަޅުތައް އެޅުމަށްފަހު 457 މައްސަލައެއް ވަނީ ނިންމައި ފައިލްކޮށްފައެވެ. މީގެ ތެރޭގައި މި މުއްދަތުގެ ކުރިން ހުށަހެޅުނު މައްސަލަތައްވެސް ހިމެނެއެވެ.
ސައިބާ ކުށްތަކުގެ ނިސްބަތް މިހާ ބޮޑަށް އުފުލުމުގެ މައިގަނޑު ސަބަބަކީ އޮންލައިންކޮށް ހިންގާ މަކަރާއި ހީލަތުގެ މައްސަލަތައް ކަންބޮޑުވާ ދަރަޖައަކަށް އިތުރުވުމެވެ. މި ތަފާސްހިސާބުތަކުން ދައްކައިދެނީ ކުށްކުރާ ފަރާތްތަކުން އާންމުންގެ އަތުން ފައިސާ ފޭރުމަށްޓަކައި ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރާ މިންވަރު ފުޅާވެފައިވާ ކަމެވެ.
ވަކިވަކި ކުށްތަކަށް ބަލާއިރު، އެންމެ ބޮޑަށް އިތުރުވެފައިވަނީ އޮންލައިން ޝޮޕިންގް ސްކޭމްގެ ކުށްތަކެވެ. އެގޮތުން މިފަދަ މައްސަލަތައް 86 އިން 464 އަށް އިތުރުވެފައިވާއިރު، މިއީ 439 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ އިތުރުން ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ ސްކޭމްތައް 626 އިންސައްތަ (15 އިން 109 އަށް) އިތުރުވެފައިވާއިރު، ބޭރު ފައިސާ ބަދަލުކުރުމުގެ ނަމުގައި ހިންގާ ސްކޭމްތައް ވަނީ 83 އިންސައްތަ އިތުރުވެފައެވެ.
މަކަރާއި ހީލަތުގެ މައްސަލަތައް އިތުރުވި ނަމަވެސް، މީގެ ކުރީ އަހަރުތަކުގައި އާންމުކޮށް ފެންނަ ބައެއް ކުށްތައް ވަނީ މަދުވެފައެވެ. އެގޮތުން އޮރިޔާން ކާޑު ބޭނުންކޮށްގެން ބްލެކްމެއިލް ކުރުމުގެ މައްސަލަތައް 75 އިންސައްތަ މަދުވެފައިވާއިރު، ސޯޝަލް މީޑިއާ އެކައުންޓްތައް ހެކްކުރުމާއި ކްރެޑިޓް/ޑެބިޓް ކާޑު ފްރޯޑްގެ މައްސަލަތައް ވެސް ވަނީ ދަށަށް ގޮސްފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ ސައިބާ ކުށްތަކުގެ ޝިކާރައަކަށްވާ ފަރާތްތަކަށް އެހީތެރިވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، 182 މައްސަލައެއްގައި އާންމުންނަށް ފަންނީ އެހީތެރިކަން ފޯރުކޮށްދީ، ހެކްކޮށްފައިވާ 120 އެކައުންޓެއް އަނބުރާ ހޯދައިދިނުމުގައި ފުލުހުން ވަނީ އެހީތެރިވެފައެވެ. އަދި އާންމުން ހޭލުންތެރިކުރުވުމަށް ހިންގި ސެޝަންތަކުގައި 3,143 ފަރާތަކަށް ވަނީ މައުލޫމާތު ދީފައެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ދަރިވަރުންނާއި، ބެލެނިވެރިން އަދި އޮފީސްތަކުގެ މުވައްޒަފުން ހިމެނެއެވެ.
ފުލުހުން އިލްތިމާސްކުރައްވަނީ އޮންލައިންކޮށް މުއާމަލާތްތައް ހިންގުމުގައި އިތުރަށް ސަމާލުވުމަށާއި، ޒާތީ މައުލޫމާތު ހިއްސާނުކުރުމަށެވެ. އަދި މަކަރާއި ހީލަތުގެ އަމަލެއް ހިނގައިފިނަމަ ނުވަތަ ޝައްކުކުރެވިއްޖެނަމަ، ލަސްނުކޮށް ފުލުހުންނަށް ރިޕޯޓުކުރުމަކީ ކުށްވެރިން ހޯދުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ޖޭއެސްސީން ބޭނުންވެއްޖެ ނަމަ އިސްފަނޑިޔާރުން ވަކިކުރެވޭ ގޮތް ހަދައިފި
8 ގަޑިއިރު ކުރިން

ތިނަދޫ އަލުން އާބާދުވިތާ 60 އަހަރު ފުރުމުގެ މުނާސަބަތަށް ޚާއްސަ ލޯގޯއެއް އިފްތިތާޙްކޮށްފި
9 ގަޑިއިރު ކުރިން

ރާއްޖެ-އިންޑިއާ މިނިވަން ވިޔަފާރި: ފުރަތަމަ ބުރުގެ މަޝްވަރާތައް ނިންމާލައިފި
10 ގަޑިއިރު ކުރިން

ޖަލުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލައިފި
10 ގަޑިއިރު ކުރިން


.gif&w=3840&q=75)